ޝަރުޢީ ކޯޓުތައް މެދުވެރިކޮށް ސަރުކާރުން ހިންގާ ޖަރީމާތައް ހުއްޓާލުމަށް ގޮވާލަން

ޤާނޫނު އަސާސީއާއި ޑިމޮކްރަޓިކް ހަމަތަކާ ޚިލާފަށް ދިވެހި ސަރުކާރުން ސިޔާސީ ލީޑަރުންނަށާއި، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށާއި ކުރީގެ ވަޒީރުންނަށް ބިރު ދެއްކުމަށާއި ފުރައްސާރަކުރުމަށް ޝަރުޢީ ކޯޓުތައް މެދުވެރިކޮށް ފުލުފުލުން ނުޙައްޤު ދައުވާތައްކޮށް ޝަރީޢަތް ކުރަމުން އަންނާތީ އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ކުށްވެރިކުރަމެވެ. މިކަންކަމާ ގުޅޭ ގޮތުން ރާއްޖޭގެ ރައްޔިތުންނާއި ބައިނަލްއަޤްވާމީ ދުނިޔެ އިންތިހާއަށް ކަންބޮޑުވެ އެކަމާ ފާޑުކިޔަމުން އަންނައިރު ޢަބްދުﷲ ޔާމީންގެ ސަރުކާރުން ސިޔާސީ ފަރާތްތަކާމެދު ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރެލް އާއި ޝަރުޢީ ކޯޓުތައް މެދުވެރިކޮށް ދަޢުވާ އުފުލައި، ބޭއިންސާފުން ޝަރީޢަތްކޮށް ޖަލަށްލަމުން ގެންދާތީ އެކަން އެންމެ ހަރު އަޑުން ކުށްވެރިކޮށް، ރާއްޖޭގެެ ހަމަޖެހުމަށާއި ކުރިއެރުމަށްޓަކައި އެފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ވަގުތުން ހުއްޓާލުމަށް ގޮވާލަމެވެ.

ސިޔާސީ ވާދަވެރިން ނެތިކޮށްލުމަށްޓަކައި ޢަބްދުﷲ ޔާމީން ކެނޑިނޭޅި ހިންގަވަމުންގެންދާ ޚުދުމުހުތާރު ޢަމަލުތަކުގެ ތެރެއިން މިހާރުވެސް ގިނަ ސިޔާސީ ލީޑަރުންގެ މައްޗަށް ނާއިންސާފު ދައުވާތަކެއްކޮށް ދިގު މުއްދަތަށް ވަނީ ޖަލަށް ޙުކުމްކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް ހުށަހެޅުމާއެކު ސިޔާސީ ޕާޓީތަކަށާއި، ލީޑަރުންނަށާއި، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް އެކިގޮތްގޮތުން ބިރުދެއްކުން އަލުން ފެށި ޢަބްދުﷲ ޔާމީންގެ ސަރުކާރުގެ ޚުދުމުހުތާރު ސިފަތައް އިތުރަށް ހާމަވެގެން ހިނގައްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބްލް ގާސިމް އިބްރާހީމް އޭޕްރިލް 6 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ ބޭރުން ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޚުކުމްކޮށް މިހާރުން މިހާރަށް އެމަނިކުފާނު ހައްޔަރުން ދޫކޮށް މިނިވަންކުރުމަށް ބުދަ ދުވަހު އަމުރުކޮށްފައިވާއިރު، ޕްރޮސެކިއުޓާރ ޖެނެރެލް ވަނީ އެމަނިކުފާނުގެ މައްޗަށް 3 ދައުވާއެއް އުފުލައި މަައްސަލަތައް ކޯޓަށް ފޮނުވާފައެވެ. ތަޙްޤީޤްކުރުމަށް ކަމަށް ބުނެ ޤާނޫނީ ހަމަތަކުގެ ބޭރުން އޮނަރަބް ޤާސިމް އިބްރާޙީމް ހައްޔަރުކޮށްފައިވާކަމަށް ހައިކޯޓުން މިއަދު ކަނޑައަޅާފައިވާހިނދު، ޤާނޫނާ ޚިލާފް ބަންދެއްގައި ބަހައްޓައިގެން ނެގި ބަޔާންތަކަކަށް ބިނާކޮށް އެމަނިކުފާނުގެ މައްޗަށް ދައުވާ ނުކުރެވޭނެއެވެ. އެހެންކަމުން އެ ދައުވާތައް އަނބުރާ ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރެލްއަށާއި ސަރުކާރަށް ގޮވާލަމެވެ. އަދި ނުހައްގުން އެމަނިކުފާނު ޖަލުގައި ހައްޔަރުކޮށް ބެހެއްޓުމުގައި ބައިވެރިވި އެންމެހައި ފަރާތްތައް އެކަމުގެ ޒިންމާ ނަގަން ޖެހޭނެކަމުގައި ދެކެމެވެ.

ފާއިތުވީ ދުވަސްތަކުގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބްލް ގާސިމް އިބްރާހީމް ޤަނޫނީ ހަމަތަކުގެ ބޭރުން ހައްޔަރުކޮށްފައިވާއިރު ޖުމްހޫރީ ޕާީޓގެ ޑެޕިއުޓީ ލީޑަރު ޢަބްދުﷲ ރިޔާޒުގެ މައްޗަށްވެސް ނުޙައްޤު ދައުވާ އުފުލުމަށްފަހު ވަގުތުން ޝަރީޢަތްތައް ތާވަލުކޮށްފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. ހަމަ އެފަދައިން އެމްޑީޕީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށްވެސް ނުޙައްޤުން ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީޢަތްތައް ފަށާފައިވާކަމީ މި ޕާޓީން ކަންބޮޑުވާކަމެކެވެ. އޭޕްރީލް 13 ވަނަ ދުވަހު ބޭއިންސާފު ޝަރީޢަތްތަކުގެ އަޑުއެހުންތަައް ރެކޯޑް ޢަދަދަކަށް ތާވަލުކޮށްފައިވާކަން ފާހަކަކުރަމެވެ.

އަދި މި ދަނޑިވަޅުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރައީސްގެ އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ މައްޗަށް އަނެއްކާވެސް ޓެރަރިޒަމްގެ ދަޢުވާކޮށް، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން އެތައް ފަހަރެއްގެ މަތިން ފުލުސް އޮފީހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކުރުމާއި، މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު ކާނަލް ރޓ. މުޙައްމަދު ނާޒިމް ގޭބަންދުގައިވަނިކޮށް ކުއްލިގޮތަކަށް އަނެއްކާވެސް އަނބުރާ ޖަލަށް ވަނީ ބަދަލުކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަޙްލޫފްގެ މައްޗަށް ނުޙައްޤުން ދައުވާކޮށް އެމަނިކުފާނު ޖަލަށްލައި އިސްތިއުނާފާއި ޕެރޯލްގެ ޙައްޤުން މަޙްރޫމްކޮށްފައިވާކަމީ ބަލައިގަނެވޭނެ ކަމެއްނޫނެވެ.

ސިޔާސީ ފަރާތްތަކާ މެދު މިފަދަ ނާއިންސާފު ދައުވާތައްކޮށް ޖަލަށްލަމުން ގެންދަނީ ޢަބްދުﷲ ޔާމީންގެ މަޤްބޫލުކަން ރައްޔިތުންގެ މެދުގައި ނެތި، ގޮތް ހުސްވުމުގެ ސަބަބުންކަމުގައި ދެކެމެވެ. ރައްޔިތުންގެ މެދުގައި މަޤްބޫލުކަން ނެތް ހިނދު، ވެރިކަމުގައި ގަދަ ބާރުން ހުންނެވިދާނޭ ކަމަށް ދެކެވަޑައިގެން ސިޔާސީ ފަރާތްތައް ޖަލަށްލަމުން ގެންދެވުމަކީ މި ޤައުމުގެ ހަމަޖެހުމާއި ކުރިއެރުމަށް އެޅޭ ހުރަހަކަށްވާއިރު، ވެރިކަމުގައި ތާއަބަދަށް ހުންނެވޭނޭ ގޮތެއްވެސް ނޫނެވެ.

ސިޔާސީ ލީޑަރުންނަށާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް މިހާރު ކުރަމުން އަންނަ ދައުވާތަކަކީ ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންގެ މަޖިލީހުގައި ނެގުމަށް ރޭވި، ހަމަޖެހިފައިވާ އިތުބާރު ނެތްކަމުގެ ވޯޓުތަކާ ގުޅިގެން އެކަމަށް ހުރަސްއެޅުމަށް ރޭވިގެން ކުރެވޭ ކަމެއް ކަމުގައި ދެކެމެވެ. ޢަބްދުﷲ ޔާމީންގެ ސިޔާސީ ބާރާއި މަޤްބޫލުކަން ގެއްލެމުންދާ މަންޒަރު ސާފުކޮށް ފެނި ހާމަވަމުން އަންނައިރު، ރާއްޖޭގައި އުފެދި އަށަގަންނަމުން އަައި ޑިމޮކްރަސީ ނެތިކޮށްލުމަށް މުވައްސަސާތައް ކިލަނބުކޮށް، ސިޔާސީ ޕާޓީތަކުގެ ބާރު ކަނޑުވައި، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ބިރު ދައްކައިގެން މުޅި ދައުލަތް ގަޑުބަޑުވެދިއުމަށް ދިވެހިރައްޔިތުން ޖާގައެއް ނުދޭނެއެވެ.

މިއަދު ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ނުވަތަނަވަސް ވަގުތުގައި ޑިމޮކްރަސީގެ ދިފާޢުގައިި ރައްޔިތުން ނިކުމެވަޑައިގަތުމަށް ގޮވާލަމެވެ. އަދި ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ބާރުގެ ބޭނުން ކުރުމަށް ޖާގަދީ ޞުލްޙަވެރި ސިޔާސީ ޙަރަކާތްތަކަށް މަގުފަހިކޮށްދީ އާލާކޮށްދިނުމަށް ދިވެހި ފުލުހުންނަށާއި މުވައްސަސާތަކުގެ ވެރިންނަށް އިލްތިމާސް ކުރަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކެޓޭރިއެޓް
ތާރީޚް: 13 އޭޕްރިލް 2017