ރައީސް ޔާމީނުގެ މެނިފެސްޓޯއަކީ ދުވަހުން ދުވަހަށް ބަދަލުވާ ހުދުކާފޫރު މެނިފެސްޓޯއެއް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ޝާތިރު ޢަބްދުއްރަޙްމާން ވިދާޅުވެއްޖެ

ރައީސް ޢަބްދުﷲ ޔާމީނުގެ މެނިފެސްޓޯއަކީ ދުވަހުން ދުވަހަށް ބަދަލުވާ ހުދުކާފޫރު މެނިފެސްޓޯއެއް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު ޢަބްދުއްރަޙްމާން ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެރޭ އިދިކޮޅު އިއްތިހާދުން ކުނޫޒުގައި ބޭއްވި ޖަލްސާގައި ޝާތިރު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޔަގީން މެނިފެސްޓޯގެ ނަމުގައި އާއްމުކޮށްފައިވާ މެނިފެސްޓޯގައި އެ ބޭފުޅުން ޕޯޑިއަމްތަކާއި ބެނާތަކުގައި ވިދާޅުވާ 94000 ވަޒީފާގެ ވާހަކަ ނެތް ކަމަށާއި، މިހާރު ފެންނަން އޮތީ 26000 ވަޒީފާގެ ވާހަކަ ކަމަށެވެ. އަދި އެއީ ހުދުކާފޫރުހެން ވިރިގެން ބަދަލުވަމުންދާ މެނިފެސްޓޯއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މެނިފެސްޓޯގައިވާ އަބުރުވެރިރައްޔިތުންގެ މަޖިލީހެއް ޤާއިމްކުރުމުގެ ވައުދަށް ފާޑުވިދާޅުވަމުން ޝާތިރު ވިދާޅުވީ ޕާޓީތަކުގެ ޓިކެޓުގައި ހޮވިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީ ބަދަލުކުރައްވައިފިނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނު އިސްލާޙްކުރައްވާނޭ ކަމަށް ރައީސް ޔާމީނުގެ މެނިފެސްޓޯގައި ވިދާޅުވެފައިވީ ނަމަވެސް އެކި ޕާޓީތަކުން މެންބަރުން ގެންގޮސްގެން މަޖިލީހުގެ ފަސްދޮޅަހެއްހާ މެންބަރުންގެ ބޮޑު މެގަ މެޖޯރިޓީއެއްގައި ތިބެ، ރައްޔިތުންނަށް ދަތިވާނޭހާ ޤާނޫނެއް ފާސްކުރަމުންދާތާ ތިން އަހަރުވީ އިރުވެސް އެ ގޮނޑި ގެއްލޭ އިސްލާޙެއް ހުށަހަޅުއްވާ ތަނެއް ނުފެންނަ ކަމަށެވެ.

ޝާތިރު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމުގެ ބޮޑު ފޮޓޯފުޅުތަކެއް ދައްކަވައިގެން ނަމަވެސް، ވެރިކަމަށް ވަޑައިގެންނެވުމާ އެކު އެ ފޮޓޯފުޅުތައް ގެއްލި ރައީސް ޔާމީނުގެ ބިޔަ ފޮޓޯފުޅުތައް ފެންނަން ފަށައިފި ކަމަށެވެ. މީގެ އިތުރުން މަޖިލީހުގެ މެންބަރުން މިހާރު އެ ތިބީ ބޮޑުފަޅިއަށް ބަލަބަލައި ކަމަށާއި، މަޖިލީހުގެ ރައީސް ކަމުގައި އިންނެވި ޢަބްދުﷲ މަޞީޙްގެ މައްޗަށް އިތުބާރު ނެތްކަމަށް ވައްދާ މައްސަލަ ކާމިޔާބުވުމާ އެކު މަޖިލީހުގެ 85 މެންބަރުން އެކީ އިދިކޮޅު އިއްތިހާދުގެ ސްޓޭޖުން ފެންނާނޭ ކަމަށް ޝާތިރު ވިދާޅުވިއެވެ.