mdp_banner

Tuesday, April 11, 2017

ދިވެހިރާއްޖޭގެ ވެރިކަންކުރާ ފަރާތާ ޤާނޫނު އަސާސީއާ ތެލާ ފެނާ ހުރި ތަފާތު އެބަހުރި: ޑރ. މުސްތަފާ ލުތުފީ

ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ޤާނޫނު އަސާސީއާ މިހާރު ވެރިކަން ކުރާ ފަރާތާއި ދެމެދު ތެލާ ފެނާ ހުރި ތަފާތު އެބަހުރި ކަމަށް އެމްޑީޕީގެ ތަޢުލީމާ ބެހޭ ކޮމިޓީގެ މުޤައްރިރު ޑރ. މުސްތަފާ ލުތުފީ ވިދާޅުވެއްޖެއެވެ.
އިދިކޮޅު އިއްތިހާދުން ހޯމަ ދުވަހުގެ ރޭ، ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ ޤާނޫނު އަސާސީއާ ވެރިކަން ކުރާ ފަރާތާ ނުގުޅި، ރައީސް ޢަބްދުﷲ ޔާމީން ވެރިކަމަށް އައީއްސުރެ މުޅި ޤާނޫނު އަސާސީ ބަދަލުކުރަމުން، ގަވާޢިދުތަކާ އުސޫލުތައް ބަދަލުކޮށް، އެ ބޭފުޅާއަށް ޚުދުމުޚްތާރު ވެރިކަމެއް ކުރަން ފަސޭހަ ވާނެހާ ގޮތަކަށް ޤާނޫނު އަސާސީ ބައްޓަންކޮށް، ޤާނޫނު އަސާސީގެ ޙުރުމަތް ކަނޑާލާފައިވާ ކަމަށެވެ.

ޚުދުމުޚްތާރު ވެރިއަކު އެންމެ ބޮޑަށް ކުރާނެ އެއް ކަމަކީ ޤާނޫނު އަސާސީގެ ޙުރުމަތް ކަނޑާލައި، އެ ޤާނޫނު އަސާސީއަކީ މާނައެއް ނެތް، ތާކުންތާކު ނުޖެހޭ އެއްޗަކަށް ހެދުން ކަމަށާއި، މިއަދު ސަރުކާރުން ކުރަމުން އެ ގެންދަވަނީ އެ މަސައްކަތް ކަމަށް މުސްތަފާ ލުތުފީ ވިދާޅުވިއެވެ. ޑރ. މުސްތަފާ ލުތުފީ އިތުރަށް ވިދާޅުވީ އެހެން މީހުންގެ ގަދަރުކުޑަކުރުމަކީ ވެސް ޚުދުމުޚްތާރު ވެރިއެއްގެ ކިބައިން ފެންނާނެ ސިފައެއް ކަމަށާއި، އޭގެ ބޭނުމަކީ އެންމެ މޮޅު، އެންމެ ރަނގަޅަށް ކަންތައް ކުރެވޭ މީހަކީ ތިމާކަން ދައްކައި، އެހެން އެންމެންގެ ގަދަރުކުޑަކުރުން ކަމަށެވެ. އަދި ކުރީގެ ރައީސް މައުމޫންގެ ގަދަރުކުޑަކުރަން ތަފާތު އެކި ކަންތައް ކުރައްވަމުން އެ ގެންދަވަނީ އެ ސަބަބަށްޓަކައި ކަމަށް މުސްތަފާ ލުތުފީ ވިދާޅުވިއެވެ.

މުވައްސަސާތަކުގެ ބާރު ކަނޑުވާލުމަކީ ވެސް ޚުދުމުޚްތާރު ވެރިއެއްގެ ކިބައިން ފެންނާނެ ސިފައެއް ކަމަށް މުސްތަފާ ލުތުފީ ރޭގެ ޖަލްސާގައި ވިދާޅުވިއެވެ.
” ޑިކްޓޭޓަރުން ދެން ކުރާނެ ކަމަކީ މުވައްސަސާތަކުގެ ބާރު ކަނޑުވައި، މުވައްސަސާތައް ކަމީނާކޮށް ނިކަމެތިކޮށްލުން. އެކަންތައް ކުރަމުން އެ ދަނީ. މިއަދު މުވަައްސަސާތައް ވަނީ ބަލިކަށިވެ، ނިކަމެތިވެ، އަޅުވެތިވެފަ” މުސްތަފާ ލުތުފީ ވިދާޅުވިއެވެ.

ރައްޔިތުން ބިކަވި ވަރަކަށް ޚުދުމުޚްތާރު ވެރިކަމެއް ދަމަހައްޓަން ފަސޭހަވާނޭ ކަމަށާއި، ރައްޔިތުން ފަގީރުކޮށް ނިކަމެތިކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް މިސަރުކާރުން ކުރަމުންދާ ކަމަށާއި، މި ފަދަ ޚުދުމުޚްތާރު ވެރިކަން ބަދަލުކޮށްފައިވަނީ އަބަދުވެސް މަތީ ތަޢުލީމް ޙާސިލްކޮށްގެން ތިބި މިނިވަން ޚިޔާލުގެ ބޭފުޅުން، އެ ވެރިކަންތަކާ ދެކޮޅަށް ނިކުމެގެން ކަމަށް ވާތީ، މިގައުމު ސަލާމަތްކުރުމަށް އިލްމީ ބޭފުޅުން ނިކުމެވަޑައިގަތުމަށް މުސްތަފާ ލުތުފީ ވަނީ ރޭގެ ޖަލްސާގައި ގޮވާލައްވާފައެވެ. އަދި ފުލުހުންނާ ސިފައިންގެ ތެރޭގައި ތިއްބެވީ ތަޢުލީމާއި ތަމްރީން ލިބިފައިވާ ބޭފުޅުން ކަމަށާއި، އެ ބޭފުޅުން ވެސް އިދިކޮޅު އިއްތިހާދުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ގޮވާލެއްވިއެވެ. މީގެ އިތުރުން ޤާނޫނު އަސާސީ ޙިމާޔަތްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް އިދިކޮޅު އިއްތިހާދާ ގުޅިވަޑައިގަތުމަށް މުސްތަފާ ލުތުފީ ގޮވާލެއްވިއެވެ.

No Comments »

No comments yet.

Leave a comment