‎މި ސަރުކާރުން ޤާނޫނު އަސާސީއާ ދޭތެރޭ ކަންކުރަމުން ދަނީ ލަކުޑިބުރި މާވަޑިޔާގެ ހިތޭ ބުނާ އުސޫލުން: މާރިޔާ ދީދީ

މިހާރު މިއޮތް ސަރުކާރުން ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާ ދޭތެރޭ ކަންކުރަމުން ދަނީ ލަކުޑިބުރި މާވަޑިޔާގެ ހިތޭ ބުނާ އުސޫލުން ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިދިކޮޅު އިއްތިހާދުން ޖުމްހޫރީ ޕާޓީގެ މައި ހަރުގެ، މ. ކުނޫޒުގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި މާރިޔާ ވިދާޅުވީ މި ސަރުކާރުން ޤާނޫނެއް ހެދިޔަސް ގަވައިދެއް ހެދިޔަސް ހަދަނމީ އުސޫލުތަކުގެ ބޭރުން ކަމަށާއި، މި ވެރިކަމަކީ ވެސް ރައްޔިތުންގެ މަޖިލީހަށް ޤާނޫނު ހެދުމުގެ ބާރު ދީފައިވަނިކޮށް، އެ ބާރުގެ މައްޗަށް މުޅިން އެހެން ބާރަކުން ވެރިވެގަނެ، ސްޕްރީމް ކޯޓުން ހެދި ގައިޑްލައިނެއްގެ ދަށުން ފެށިގެން އައި ވެރިކަމެއް ކަމަށާއި، މިއަދު މި ފެންނަނީ ކައްޗަށް އެޅުނު ބިންގާ ކެއްޗާ ހަމައަށް ދާއިރުވެސް ގޯހުން ގޯހަށް ގޮސް، މުޅި ޤާނޫނުއަސާސީ ގަޑުބަޑުކޮށް މި ރާއްޖެ ހަލާކާ ދިމާލަށް ގެންދާ ތަން ކަމަށެވެ.

ރޭގެ ޖަލްސާގައި މާރިޔާ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ހައްޔަރުކޮށްފައި ވަނީ ވެސް ޤާނޫނުގެ ބޭރުން ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުގެ ޤާނޫނުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައްޔަރުކޮށްގެން ގެންދެވޭނީ ހަމައެކަނި ކުށުގެ ވެށިން ކަމަށެވެ. އަދި އެކަމަށް އެދިވަޑައިގަންނަވަން ޖެހޭނީ ޕްރޮސެކިއުޓަރ ޖެނެރަލް ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. މާރިޔާ ވިދާޅުވީ އެހެން އެކަން އޮތް ނަމަވެސް އޭގެ އެއްވެސް މާއްދާއަކަށް ބެލުމެއް ނެތި ޤާސިމް އިބްރާހީމް ހައްޔަރުކޮށްފައިވަނީ ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ފުލުހުން މާފަންނު ވިލާއަށް ގޮސް ކަމަށާއި، އެ ކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އެއްވެސް ދައުރެއް ނެތް ކަމަށެވެ. އަދި މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވުމުން އެތަނުން މައްސަލަ ބޭރުކޮށްފައިވާ ކަމަށާއި، ކޯޓުން މައްސަލަ ބޭރުކުރި ނަމަވެސް މިހާރު އެ މައްސަލަ ގާސިމްގެ ވަކީލުންގެ ޓީމުން ޕްރޮސެކިއުޓަރ ޖެނެރަލްއާ ހަމައަށް ގެންގޮސް، ކަމާއި ބެހޭ ހުރިހާ މުޥައްސަސާއަކަށް ހުށަހެޅުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ރައީސް ޢަބްދުﷲ ޔާމީނާއި އެކު ތިއްބެވި މަދު ބޭފުޅުން ފައްތަވަމުން ގެންދަވަނީ ދިވެހިރާއްޖޭގައި މިވަގުތު އޮތް އޮޔާއި ވަޔާއި ދެކޮޅަށް ކަމަށާއި، މާގިނަ ދުވަހަކު އެގޮތަށް ފައްތަވާކަށް އިންސާނީ ބުންވަރު ތަން ނުދޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި މާރިޔާ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިހާރު ކުރިޔަށް ގެންދަނީ ކޮންސަރޓެއް ކުޅޭހެން ކަމަށާއި، ޝޯވއެއް ކުޅުވާހެން ވަކި ފަރާތަކަށް ޖެހިވަޑައިގެން އިންނަވައި އެ ޝޯވ ޑައިރެކްޓް ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮނޑިކޮޅުގައި އިންނަވާ ޢަބްދުﷲ މަޞީޙް ކަމަށެވެ.

ސަލާމަތީ ޚިދުމަތްތަކުން ވެސް ރާއްޖޭގެ ހަގީގީ ވެރިންނަކީ ދިވެހިރައްޔިތުންކަން ދަންނަން ވެއްޖެ ކަމަށާއި، ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާ ނުވުމުގެ ބާރު ޤާނޫނު އަސާސީގެ ދެ ބާބެއްގައި ވަރަށް ޞަރީޙަ ޢިބާރާތުން ސަލާމަތީ ބާރުތަކަށް ދީފައިވާ ކަމަށާއި، ޤާނޫނު އަސާސީން ރައްޔިތުންނަށާއި ސަލާމަތީ ބާރުތަކަށް ދީފައިވާ ބާރު ހޯދުމަށް ނުނިކުމެއްޖެ ނަމަ ވަރަށް އަވަހަށް އެ ބާރުތައް ގެއްލިގެން ދާނޭ ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ޙުއްބުލް ވަޠަންގެ ސިފަތަކުން ހިތްތައް ފުރާލައި، ލައްބައިކައޭ ޖަވާބުދީ ޤުރުބާންވާން ޖެހޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.