މިނިވަން ކަމާއެކު ބަސް ނުބުނެވޭ ނަމަ އުމުރު ދުވަހު އަދަގޮނޑީގައި އޮންނަން ޖެހުމެކޭ ތަފާތެއް ނެތް: ޢަލީ ނިޒާރު

މިނިވަން ކަމާއެކު ބަސް ބުނުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އޮންނަން ޖެހޭ ކަމަށާއި، އެ ހައްގު ނެތް ނަމަ އުމުރު ދުވަހު އަދަގޮނޑީގައި އޮންނަން ޖެހުމެކޭ ތަފާތެއް ނެތް ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާޢީދު ހޯއްދެވުމަށް ފ.ފީއަލީގައި ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ނިޒާރު ވިދާޅުވީ މި ސަރުކާރުގައި ވާދަވެރި، ސުލްހެވެރި ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ލިބިދީފައި ނުވާ ކަމަށާއި، މިނިވަންކަމާއެކު ބަސް ބުނުމުގެ ހައްގަށް ވުރެ ވަކި ބޮޑު ހައްގެއް ނޯންނާނެ ކަމަށެވެ. އެ ހައްގު ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވީ ނަމަވެސް، މި ވެރިކަމާ ދެކޮޅަށް ބަސް ބުނުމުގެ ހައްގު ދިވެހި ރައްޔިތުންނަށް ދީފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ރައީސް ޔާމީން ދިވެހި ރާއްޖޭގައި އަށަގަންނުވަން މަސައްކަތްކުރަނީ ބަންދުކޮށް، އަނިޔާކޮށް، އޮބިއަޅައި އަނދަގޮނޑި ޖަހައިގެން ވެރިކަން ދެމެހެއްޓުމުގެ ސިޔާސަތު ކަމަށް ނިޒާރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަށް އަނިޔާވެރިވުމުގެ އުސޫލަކީ އިންސާނިއްޔަތު އުފެދުނީއްސުރެ ބަލައި ނުގަންނަ އުސޫލުތަކެއް ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން ރައްޔިތުންގެ މައްޗަށް އަނިޔާވެރިވަމުން އެދަނީ އެންމެ އާދައިގެ މީހާއަށް ވެސް ވިސްނޭ ވަރަށް ކަމަށާއި، ގާނޫނުތަކުގެ ތެރެއިން ކަން ކުރަމޭ ވިދާޅުވިޔަސް އެ ގާނޫނުތަކުގެ ބޭނުންކޮށްގެން އަނިޔާވެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ރައީސް ޔާމީންގެ އަނިޔާވެރި ކަމަށް ނޫނެކޭ ބުނުމުގެ ފުރުސަތު އަނެއްކާ ވެސް ރައްޔިތުންނަށް މިއޮތީ ލިބިފައި ކަމަށާއި، ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނެ، މި އަނިޔާވެރިކަމާ ދެކޮޅަށް ބަސް ބުނަން ލިބިފައި މިއޮތް ފުރުސަތުގެ ބޭނުން ވޯޓުން ހިފަން ޖެހޭ ކަމަށެވެ.

އެމްޑީޕީން ފީއަލީގައި ރޭ ޖަލްސާ ބާއްވާފައިވާ އިރު، ކޮންމެ ހަފުތާ ބަންދަކާ ދިމާކޮށް އެމްޑީޕީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، އެ ސަރަހައްދުތަކުން ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކެމްޕެއިން ޖަލްސާ ބޭއްވުމާއި، ހަރުގެ ބައްދަލުވުންތަކާއި، ދޮރުންދޮރަށް ހިނގުން ފަދަ ކެމްޕެއިން ހަރަކާތްތައް ބާއްވަމުންނެވެ.