mdp_banner

Thursday, April 6, 2017

ބްރޯޑްކާސްޓިން ކޮމިޝަންގެ ޢަމަލުތައް ކުށްވެރިކޮށް، ކޮމިޝަނަރުން އިސްތިއުފާ ދިނުމަށް ގޮވާލުން

ދިވެހިރާއްޖޭގައި އެންމެ މަޤްބޫލް ޓީވީ ޗެނެލް ކަމުގައިވާ ރާއްޖެ ޓީވީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން 1 މިލިއަން ރުފިޔާއިން މިއަދު ޖޫރިމަނާކޮށްފައިވަނީ އިންސާފުވެރި އުސޫލުތަކާ ޚިލާފަށް ސިޔާސީ މަޤްޞަދެއް ޙާސިލްކުރުމަށް ކަމުގައިވާތީ ދިވެހިރައްޔިތުންގެ ޕާޓީން އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

ރާއްޖެޓީވީ މީގެ ކުރިންވެސް ޖޫރިމަނާކޮށް އެ ފައިސާ ދެއްކި ދުވަހު ބްރޯޑްކާސްޓިން ކޮމިޝަނުގެ އިސްނެގުމުގެ މަތިން ބެލި މައްސަލައެއްގެ މައްޗަށް ބިނާކޮށް، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުރި އަބްދުﷲ ޔާމީންގެ އަބުރަށް ގެއްލުންވާ ކޮންޓެންޓް ގެނެސްދިން ކަމަށްބުނެ، މިނިވަން އިންސާފުވެރި މީޑިޔާގެ ހަމަތަކާ އުސޫލުތަކާ ޚިލާފަށް ކޮމިޝަނުން މީޑިޔާގެ ޚިދުމަތް ދޭ ފަރާތްތައް މިފަދަ ބޮޑެތި މިންވަރުން ޖޫރިމަނާ ކުރުމަކީ މީޑިޔާގެ މިނިވަންކަމަށް ކަނޑައެޅިގެން އަރައިގަތުމެވެ. ނޫސްވެރިންނަށް އެކިވަރުގެ އަނިޔާތައް ދީނުމާއި އަޙްމަދު ރިލްވާން ގެއްލުވާލުމާއި، ރާއްޖެ ޓީވީ އަނދާ އަޅިޔަށް ހަދާލި މައްސަލަ އެއްވެސް ގޮތަކަށް ކުރިއަށް ނުދާއިރު އަވަސްއަރުވާލައިގެން ޢަބްދުﷲ ޔާމީންގެ އަބުރު ގެއްލުނުކަމަށް ބުނެ ޓީވީ ޗެނެލްތަކާއި ނޫސްވެރިން ޖޫރިމަނާކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ ޒިންމާއަކީ ޤާނޫނު އަސާސީން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ޒިންމާދާރުކަމާއި ހަމަަހަމަކމާއެކު ދަމަހައްޓައި އާލާކޮށްދިނުން ކަމުގައިވީނަމަވެސް، ބްރޯޑްކާސްޓިން ކޮމިޝަންގެ ޢަމަލުތަކުން މިއަދު ފެންނަނީ ޤާނޫނު އަސާސީއާއި ޤާނޫނު ތަކުގެ ހަމަތަކާ އުސޫލުތަކާ ޚިލާފަށް ކަންކަން ނިންމަމުން ބަރިބަރިއަށް ޖޫރިމަނާކުރާތަނެވެ. ޤާނޫނުތަކުން ކޮމިޝަނަށް މަތިކޮށްފައިވާ ޒިންމާއަށް ބެލުމެއްނެތި، ވަކި މީހެއްގެ އަމުރުތަކަށް ތަބާވެތިބިފަދައިން ޑިމޮކްރަސީއެއްގެ 4 ވަނަ ބާރު ކަމުގައިވާ މީޑިޔާ ނެތިކޮށްލުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ކުރަމުން އަންނަ ކަންކަމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ.
ސިޔާސީ މަޝްރަޙް ހޫނުވެގެން އަންނަ ކޮންމެ ހިނދަކު ބްރޯޑްކާސްޓިން ކޮމިޝަނުން އެކިޒާތުގެ ބަޔާންތައް ނެރުމާއި، ބިރު ދެއްކުމާއި، މިފަދަ ޖޫރިމަނާތައް ކުރަމުންދާކަމީ އެ ކޮމިޝަނުގެ މުސްތަޤިއްލުކަން ގެއްލިފައިވާކަމުގެ ހެއްކެކެވެ. ޤާނޫނުން ބްރޯޑްކާސްޓިން ކޮމިޝަނަށް މަތިކޮށްފައިވާ ޒިންމާތައް ކޮމިޝަނަރުންނަށް ފުރިހަމަގޮތުގައި އަދާކުރުމަށް އުޒުރުވެރިވާނަމަ ކޮމިޝަނަރުކަމުން އިސްތިއުފާ ދެއްވުމަށް އިލްތިމާސްކުރަމެވެ. އަދި ޚުދުމުހުތާރު ޤައުމުތަކުގައި ކުރާ މިނިވަންކަމަށް ހުރަސްއެޅޭ މިފަދަ ނޭއްގާނީ ކަންކަން ކުރުމުން ދުރުވުމަށްވެސް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކެޓޭރިއެޓް
ތާރީޚް: 6 އޭޕްރިލް 2017

No Comments »

No comments yet.

Leave a comment