mdp_banner

Tuesday, April 4, 2017

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެންޑިޑޭޓުންނަށް ބިރުދެއްކުމާއި ފްރޭމް ކުރުން ހުއްޓާލުމަށް ގޮވާލަން

ކުރިއަށް އޮތް ލޯކަލް ކައުންސިލަތަކުގެ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ ތަމްސީލުކުރާ މި ޕާޓީގެ ކެންޑިޑޭޓުންނަށް އަމާޒުކޮށްގެން ކެންޑިޑަސީ ބާތިލްކުރުމަށް ސަރުކާރުން ރާވައިގެން ކުރަމުންގެންދާ ހުރިހާ ކަމެއް ކުށްވެރިކޮށް އެފަދަ މަކަރުވެރި ރޭވުންތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލަމެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުބާއްވައި އިންތިޚާބުގެ މިނިވަންކަން ގެއްލި ރައްޔިތުން އިންތިޚާބުތަކަށް ކުރާ ޤަދަރާއި އިތުބާރު ގެއްލޭ ގޮތަށް އިލެކްޝަންސް ކޮމިޝަނާއި ކޯޓުތައް މެދުވެރިކޮށް ސަރުކާރުން ކުރަމުން އަންނަ ކަންކަމާ މެދު މި ޕާޓީން ކަންބޮޑުވަމެވެ.

މުވައްސަސާތަކުގެ ނަޒާހަތްތެރިކަން ގެއްލުވާލައި ފިއްތައިގެން އިންތިޚާބުތައް ފަސްކުރުންފަދަ ކަންކަމުގެ އިތުރުން ފުލުހުން ބޭނުންކޮށްގެން މި ޕާޓީގެ ކެންޑިޑޭޓުން ފްރޭމްކޮށް ކެންޑިޑަސީ ގެއްލުވާލުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކުރަމެވެ. މިއީ ވާދަވެރި ކެންޑިޑޭޓުން އިންތިޚާބުގައި ބައިވެރިވުމަށް ހުރަސްއެޅުމަށް ސަރުކާރުން ރާވައިގެން ހިންގަމުން އަންނަ ނުރައްކާތެރި ބޮޑު ޖަރީމާއެެއްކަމުގައި މި ޕާޓީން ދެކެމެވެ. އެކި އިރުއިރުގައި އިންތިޚާބު ފަސްކުރަނީ ވާދަވެރި ފަރާތްތަކުގެ ކެންޑިޑަސީ ބާޠިލްކޮށް އެކަހެރިކުރުމަށްފަހު ގޮނޑިކޮއްކޮ އިންތިޚާބެއް ބެއްވުމަށެވެ.

ދައުލަތުގެ މުހިއްމު މުވައްސަސާތައް މިފަދަ ގޮތުގައި ބޭނުންކުރުމުން އެކަމުގެ ގެއްލުން މުޅި ރާއްޖެއަށް ލިބޭނެއެވެ. މިފަދަ މުވައްސަސާތަކަކީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޤާނޫނު އަސަސީން މަތިކޮށްފައިވާ ތަންތަން ކަމުގައިވީހިނދު، މިއަދު މިއީ ފްރޭމް ކުރުމާއި، ބޭއިންސާފުން ރައްޔިތުންނަށް އަނިޔާދޭންތިބޭ ބަޔަކަށް ވެގެންނުވާނެއެވެ. އެހެންކަމުން މިފަދަ ކަންކަމުން ދުރުވެ ކެންޑީީޑޭޓުންނަށް ބިރުދެއްކުން ހުއްޓާލުމަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކެޓޭރިއެޓް
ތާރީޚް: 4 އޭޕްރިލް 2017

No Comments »

No comments yet.

Leave a comment