mdp_banner

Saturday, April 1, 2017

ޕީޕީއެމްގެ ކައުންސިލެއް ހޮވައިފިނަމަ އެރަށަކަށް އެއްވެސް ތަރައްގީއެއް ނާންނާނެ. ސަރުކާރުން ކަމެއް ކޮށް ނުދިނަސް ކައުންސިލްތަކުން ތިބޭނީ ސަރުކާރަށް ސަނާ ކިޔަން: ފައްޔާޒް އިސްމާޢީލް

ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްއަށް މެޖޯރިޓީ ލިބޭ ރަށްރަށަށް އެއްވެސް ތަރައްގީއެއް ނާންނާނޭ ކަމަށާއި، ސަރުކާރުން އެރަށްރަށަށް އެއް ކަމެއް ކޮށް ނުދިނަސް ޕީޕީއެމްގެ ކައުންސިލްތަކުން ތިބޭނީ ސަރުކާރަށް ސަނާ ކިޔަން ކަމަށް އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕްގެ މެންބަރު އަލްއުސްތާޛް ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ވޯޓު ހޯދުމަށް ހދ. ކުޅުދުއްފުށީގައި ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ފައްޔާޒު ވިދާޅުވީ ކައުންސިލްތަކުގައި އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރަށްރަށަށް ތަރައްގީ ގެނައުމަށް ސަރުކާރުން މާ ބޮޑަށް މަސައްކަތްކުރާނޭ ކަމަށާއި، އެއީ އެރަށްރަށުގައި ތަރައްގީގެ މަސައްކަތް ނުކޮށްފިނަމަ އެ ކައުންސިލަކުން ސަރުކާރު ބަދުނާމުކޮށް ވާހަކަދައްކާނެތީ ކަމަށެވެ. އޭގެ އަނެއްކޮޅަށް ބަލާއިރު، ކޮންމެ ފަދަ ކަމެއް ސަރުކާރުން ކުރި ނަމަވެސް ވަޒީފާގެ ބިރަށް ޕީޕީއެމް ކައުންސިލަރުންނަށް ސަރުކާރާ ދެކޮޅަށް އަޑުއުފުލަން ނުކެރޭނޭ ކަމަށެވެ. ފައްޔާޒު ވިދާޅުވީ އެހެންކަމުން ސަރުކާރަށް މެޖޯރިޓީ ނުދޭ ރަށްރަށް ތަރައްގީ ނުވާނެއޭ އެ ބުނަނީ ކަނޑައެޅިގެން އޮޅުވާލުމަށް ކަމަށާއި، އެއީ ރޯ ބުހުތާނު ދޮގެއް ކަމަށެވެ. އޭނާ ވިދާޅުވީ ހައްދުންމަތީގެ ދާއިރާތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރަކު ހުންނަވަނީ ހަމައެކަނި ގަމު ދާއިރާގައި ކަމަށާއި، ކައުންސިލް މެޖޯރިޓީ އެމްޑީޕީއަށް އޮންނަނީ ވެސް ގަމުގައި އެކަނި ކަމަށެވެ. އެހެން ނަމަވެސް ހައްދުންމަތީގެ ރަށްރަށުގެ ތެރެއިން ކިރިޔާވެސް ސަރުކާރުން ކަމެއް ކޮށްދީފައި ވަނީ ގަމަށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ޕީޕީއެމަށް ކައުންސިލްތަކުގެ މެޖޯރިޓީ ދީފިނަމަ ރައްޔިތުންގެ މަޖިލިސް ހަލާކުކުރިހެން ކައުންސިލްތައް ވެސް ހަލާކުކޮށްލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމް އުފައްދައި، ދިފާއުކުރާ ބަޔަކީ އެމްޑީޕީ ކަމަށާއި، މި ސަރުކާރުގެ މިދިޔަ ތިން އަހަރު ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެންބަރުން ވަނީ ލާމަރުކަޒީ ނިޒާމް ކޮށައި، މަށައި، ފުނޑުފުނޑުކޮށް “މުއިއްޒުކޮށްފައި” ކަމަށެވެ. (މުއިއްޒު ކުރުމަކީ ބޮޑެތި ޚަރަދުކޮށްގެން ކުރާ ކަމެއް އެއްވެސް ބޭނުމެއް ނުހިފޭ ގޮތަށް، އަދި ފަހުން އެކަމެއް ތަކުރާރުކޮށް އެތައް ފަހަރަކު މަރާމާތުކުރަން ޖެހޭ ގޮތަށް ކުރުމަށް މި ފަހަކަށް އައިސް ބޭނުންކުރާ މިސާލު ބަހެކެވެ.)

ފައްޔާޒު ވިދާޅުވީ ރައްޔިތުންގެ އަމިއްލަވަންތަކަން ގެއްލުވާލައި، އަޅުވެތިކޮށް ވޯޓަށް ސަލާން ޖެއްސުމުގެ ބޭނުމުގައި މިސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުނޑުފުނޑުކޮށް ބަނގުރޫޓު ކޮށްފި ކަމަށާއި، އެމްޑީޕީގެ ވެރިކަމެއް ގާއިމްވާ ދުވަހަކުން މީރާ ސައިޒްކުރާނޭ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓަކީ އެއްވެސް ބޭނުމެއް ނެތް ވޯޓެއް ކަމަށް ބައެއް ފަރާތްތަކުން ދެކޭ ކަމަށާއި، އެހެން ނަމަވެސް އެއީ ގޯސް ވިސްނުމެއް ކަމަށް ވިދާޅުވެ، ކޮންމެ ވޯޓަކީ ވެސް ވަރަށް މުހިންމު ވޯޓެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި މިފަހަރުގެ ވޯޓު ވާން ޖެހޭނީ ސަރުކާރުން ރައްޔިތުންނަށް ކުރާ އަނިޔާ ހުއްޓުވައި، ރައްޔިތުންގެ ކަރަށް އަތް ބާނައިގެން ސަރުކާރުން ކުރަމުންދާ ވައްކަންތައް ހުއްޓުވައި، ގައުމުން އަދުލު އިންސާފު ނައްތާލައި، ގައުމު އެންމެ ދަށުދަރަޖައަށް ވައްޓާލި ފަރާތްތަކާ ދެކޮޅަށް ދެވޭ ވޯޓަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރުމަށް ތިލަދުންމަތީ ދެކުނުބުރިއަށް ބުރާސްފަތި ދުވަހު އެމްޑީޕީން ފެށި ދަތުރުގައި، މިހާތަނަށް އެ އަތޮޅު ނޮޅިވަރަމްފަރާއި، ފިނޭއާއި، ވައިކަރަދޫ އާއި، ނޭކުރަންދޫ އާއި، ކުޅުދުއްފުއްޓަށް ވަނީ ޒިޔާރަތްކޮށްފައެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި، ގައުމީ މަޖިލީހުގެ މެންބަރުން ހިމެނޭ މި ޓީމުން ވަނީ މިރަށްރަށުގައި ދޮރުންދޮރަށް ހިނގައި، އެމްޑީޕީ ކެންޑިޑޭޓުންނަށް ތާޢީދު ހޯދުމަށް މަސައްކަތްކޮށްފައެވެ.

No Comments »

No comments yet.

Leave a comment