ސަރުކާރުގެ އެއްވެސް މަސްއޫލުވެރިއަކަށް ޕިޕީއެމް ކެންޑިޑޭޓުންނަށް ތާޢީދު ހޯދާކަށް ރައްޔިތުން ކައިރިއަށްދާކަށް ނުކެރޭ – ޢަބްދުﷲ ޝާހިދު

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ޕީޕީއެމްގެ އެއްވެސް ކެންޑިޑޭޓަކަށް ވޯޓުހޯދުމަށް ސަރުކާރުގެ އެއްވެސް މަސްއޫލުވެރިޔަކަށް ރައްޔިތުންގެ ކައިރިއަށް ދާން ނުކެރޭ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ހދ.ކުޅުދުއްފުށީ ރަށު ކައުންސިލާއި، އެއަތޮޅު ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ހުކުރު ދުވަހުގެރޭ އެމްޑީޕީން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ ޕީޕީއެމްގެ ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތްކުރަނީ އެ ކެންޑިޑޭޓުން އަމިއްލައަށް ކަމަށާއި، ސަރުކާރުގެ މަސްއޫލުވެރިންނަށް ރައްޔިތުންގެ ކައިރިއަށް ވޯޓު ހޯދަން ދާން ނުކެރެނީ މިސަރުކާރަކީ ލަދުވެތިކަންތައް ކުރާ ސަރުކާރަކަށްވާތީ ކަމަށެވެ. ޝާހިދު ވިދާޅުވީ މި ޚުދުމުޚްތާރު ސަރުކާރުގެ ދިފާއުގައި ރައްޔިތުންގެ ކައިރީގައި ބަސްބުނަން ޖެހިފައިވަނީ ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ކަމަށާއި، އެއީ ހަގީގަތުގައި ވެސް ވަރަށް ލަދުވެތި ކަމެއް ކަމަށެވެ.

ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމުގެ އޮފީސް ސަލާމަތީ ބާރުތަކުން ހިސާރުކޮށްފައިވާ ކަމަށް ވިދާޅުވެ، ޝާހިދު ވިދާޅުވީ މި ސަރުކާރުން ރޭ ވެސް ކޮށްފައި އެ ވަނީ ވަރަށް ލަދުވެތި އަމަލުތަކެއް ކަމަށެވެ. ޤާނޫނު އަސާސީން ރައީސް މައުމޫނަށް ލިބިފައިވާ އަސާސީ ޙައްޤުތައް ނިގުޅައިގަންނަ މިންވަރަށް މި ސަރުކާރުގެ އަމަލުތައް ގޮސްފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އަސުރުމާ ކުލައިގެ ޓައީތަކެއްގެ މެދުގައި ރައީސް މައުމޫނުގެ ފޮޓޯފުޅުތަކެއް ޖައްސަވައިގެން މިސަރުކާރުގެ މަސްއޫލުވެރިން އެ ފޮޓޯފުޅު ވިއްކެވި ހަނދާން އަދިވެސް އެބަހުންނެވި ކަމަށް ވެސް ރޭގެ ޖަލްސާގައި ޝާހިދު ވިދާޅުވިއެވެ. އެމްޑީޕީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ޝާހިދު އިތުރަށް ވިދާޅުވީ ރައީސް ޔާމީނަކީ އަސާގަނޑެއްހެން ރައީސް މައުމޫނުގެ ކޮނޑުފުޅުގައި އެލިވަޑައިގެން ރައީސް ކަމަށް ވަޑައިގެންނެވުނު ބޭފުޅެއް ކަމަށާއި، ރައީސް ކަމުގެ މަގާމް ލިބުނީމާ އެމަނިކުފާނު އެއް ފަރާތްކޮށްލެއްވުމަކީ ވަރަށް ލަދުވެތިކަމެއް ކަމުގައެވެ.

ގިނަ އަދަދެއްގެ އެމްޑީޕީ މެންބަރުންނާއި ސަޕޯޓަރުން ހާޒިރުވި މި ޖަލްސާގައި ޝާހިދު ވިދާޅުވީ ރައީސް މައުމޫނު އެކަހެރިކުރައްވައިގެން ރައީސް ޔާމީނަށް ލިބޭނޭ އެއްވެސް މޮޅެއް ގަދަރެއް ނޯންނާނޭ ކަމަށާއި، އިޙްތިރާމާއި ގަދަރާއި ލޯތްބަކީ ގަދަބާރުން ހޯދޭ އެއްޗެއް ނޫން ކަމަށެވެ. މިސާލެއްގެ ގޮތުން ޝާހިދު ފާހަގަކުރެއްވީ އެމްޑީޕީ މެންބަރުންގެ މެދުގައި ރައީސް ނަޝީދަށް ލިބިފައިވާ އިޙްތިރާމާއި ލޯތްބާއި، މަޤްބޫލު ކަމެވެ. އޭނާ ވިދާޅުވީ ގަވާއިދާ ޚިލާފަށް އެމްޑީޕީގެ ރައީސް ކަމުން ރައީސް ނަޝީދު ވަކިކުރި ނަމަވެސް އޭރުވެސް މިހާރުވެސް އަދި ކުރިޔަށް އޮތްތާނގައި ވެސް އެމްޑީޕީގެ ރައީސަކީ ރައީސް މުޙަންމަދު ނަޝީދު ކަމަށެވެ. އަދި އެމްޑީޕީގެ ކޮންމެ ޖަލްސާއެއްގައި އެމަނިކުފާނަށް ޚާއްޞަ ގޮނޑިކޮޅެއް ބަހައްޓަނީ ރޫހީ ގޮތުން އެމަނިކުފާނު އެ ޖަލްސާތަކުގައި ބައިވެރިވާކަން ހާމަކުރުމަށްޓަކައި ކަމަށެވެ.

ތިލަދުންމަތީގެ ރަށްތަކަށް ކުރީ ޒަމާނުގައި ކަނޑުފޭރޭ މީހުން އެރި ޒަމާން މިހާރު އަލުން އިއާދަވެއްޖެ ކަމަށާއި، މިހާރު އަރަނީ ޖިޒީ ހޯދަން އަރާ ބައެއް ކަމަށް ވެސް ޝާހިދު ރޭ ވިދާޅުވިއެވެ. އަދި، ކަނޑުފޭރޭ މީހުން އަރައި، އެރަށްރަށް ތަޅާލާފައިދާ ވަރަށް ވުރެ މާ ބޮޑު ގެއްލުމެއް އެރަށްރަށަށް މިހާރު ޖިޒީހޯދަން އަރާ މީހުން ދޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިފަދަ އަނިޔާވެރިކަމުން ސަލާމަތް ވުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދެއްވުމަށް ޝާހިދު ގޮވާލެއްވިއެވެ.

އޭނާ ވިދާޅުވީ މިއަދު ވެރިކަމުގައި އެ ތިބީ ލާ މަރުކަޒީ ބާބު ހެދި އިރުވެސް އެ ބާބާ ދެކޮޅު ހެދި މީހުން ކަމަށާއި، އެ މީހުންގެ ބޭނުމަކީ އަތޮޅުތަކަށް އެ ގާނޫނުން ލިބިދޭ ބާރުތައް ނިގުޅައިގަނެ، މާލެއަށް ހުރިހާ ބާރުތަކެއް ޖަމާކޮށް، ރައްޔިތުންގެ މައްޗަށް އަނިޔާވެރިވާ ޚުދުމުޚްތާރު ވެރިކަމެއް ކުރުން ކަމަށެވެ. އަދި މި ވެރިކަމަށް ކެރިގެން ނޫނެކޭ ބުނަން ޖެހޭ ކަމަށާއި، އެކަން ކުރެވޭނީ ތިލަފަތަށް ވޯޓުދީގެން ކަމަށް ޝާހިދު ވިދާޅުވިއެވެ.