mdp_banner

Wednesday, March 29, 2017

ޓީވީއެމްއަކީ ވަކިފަރާތެއްގެ ސިޔާސީ އެޖެންޑާ ޕްރޮމޯޓުކުރާ ތަނެއްކަމުގައިވެގެންނުވާނެ

ދައުލަތުގެ މީޑިޔާގެ ޚިދުމަތް ދެމުން އަންނަ ޓީވީ މޯލްޑިވްސްއަށް 39 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ޓީވީގެ ޚިދުމަތްތެރިންނަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން މަރުޙަބާ ކިޔަމެވެ.

ފާއިތުވީ ތިރީހަކަށް އަހަރުތެރޭ ޓީވީއެމްއިން ވަނީ އެކި ގޮތްގޮތަށް ދިވެހިންނަށް ޚަބަރާއި މުނިފޫހިފިލުވުމުގެ ދާއިރާގައި އަގުނުކުރެވޭ ވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދީދައެވެ. ދިވެހިރާއްޖެ ދެކެމުން އަންނަ ބޮޑެތި ބަދަލުތަކާއެކު ޓީވީއެމްވެސް އައީ ބަދަލުވެ މިނިވަން ނޫސްވެރިކަމަށާއި، ޚިޔާލުފަޅުކުރުމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ޗެމްޕިއަންއަކަށްވަމުންނެވެ.

އެހެންނަމަވެސް 39 ވަނަ އަހަރު ފުރުން މިއަދު ޓީވީއެމްއިން ފާހަފަ ކުރަމުން އަންނައިރު، ފާއިތުވީ 3 ވަރަކަށް އަހަރުތެރޭ، ޓީވީއެމް ބަދަލުވެފައިވަނީ ސަރުކާރުގެ ޕްރޮޕެގެންޑާ މެޝިނަށެވެ. މިއީ މި ޕާޓީން ނުހަނު ކަންބޮޑުވާކަމެވެ. ޚާއްސަކޮށް ދައުލަތުގެ މީޑިޔާއަކީ ޓީވީއެމް ކަމުގައިވާއިރު، އެތަނަކީ މިއަދު ހަމައެކަނި ވަކިފަރާތެއްގެ ޚަބަރު ގެނެސްދޭ، ސިޔާސީ ކުލަވަރު ޖެހިފައިވާ ޓީވީ ސްޓޭޝަނެކެވެ. ހުރިހާ ފަރާތެއްގެ ޚަބަރު ހަމަހަމަކަމާއެކު ގެނެސްދޭންވާނެ ކަމުގައި ޕަބްލިކް ސާވިސް މީޑިޔާގެ ޤާނޫނުގައިވާއިރު، ޓީވީއެމްއިން ފާޅުގައި ވަކި ފަރާތެއްގެ ޚާބަރު ގެނެސްދޭއިރު އެކަމާމެދު ޕަބްލިކް ސަރވިސް މީޑިޔާގެ ގަވަރނިންގ ބޯޑާއި އިސް މެނޭޖްމަންޓުން ހިމޭނުންތިބުމަކީ ކަނޑައެޅިގެން އެ ޤާނޫނާ އަދި މިނިވަން ނޫސްވެރިކަމުގެ އުސޫލުތަކާ ޚިލާފްވުމެވެ.

ޕަބްލިކް ސާވިސް މީޑިޔާއަކީ ނުފޫޒުން އެއްކިބާވެފައިވާ އެޑިޓޯރިއަލް މިނިވަންކަން ފުރިހަމައަށް ލިބިފައިވާ މުވައްސަސާއެއްގެ ގޮތުގައި ބޭއްވުމަށް ހުރިހާ ފަރާތަކުން ވެސް މަސައްކަތް ކުރަންވާނެ ކަމުގައި ޕަބްލިކް ސާވިސް މީޑިޔާގެ ޤާނޫނުގައިވީނަމަވެސް ޓީވީއެމްއިން ސަރުކާރު ހިންގާ ޕާޓީއާ ވާދަވެރި އެއްވެސް ފަރާތެއްގެ ޚަބަރު ގެނެސްނުދޭކަން ފާހަގަކުރަމެވެ. ޓީވީއެމްގެ ޕްރޮގްރާމްތަކުގައިވެސް ވާދަވެރި ސިޔާސީ ފަރާތްތަކުގެ އިންޓަވިއު ގެނެސްނުދިނުމަކީ މި ދެންނެވި ހަމަހަމަ ކަމުން އެއްކިބާވެފައިވާ ޢަމަލުތަކުގެ ހެއްކެވެ.

ޓީވީއެމްގެ 39 ވަނަ އަހަރީ ދުވަހު ޓީވީއެމްއަކީ ރައްޔިތުންގެ ޚަރަދުގައި ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ޚަބަރު ފޯރުކޮށްދީ، އިޚްލާސްތެރިކަމާއެކު އެ މަސައްކަތްކޮށްދިނުމަށް ޤާނޫނުން މަތިކޮށްފައިވާ ބައެއް ކަމުގައި ހަނދާންކޮށްދެމެވެ. ޑިމޮްކްރަސީގެ 4 ވަނަ ބާރަކީ މީޑިޔާ ކަމުގައިވާއިރު އަދި ވަކިން ޚާއްސަކޮށް އެއީ ދައުލަތުގެ މީޑިޔާ ކަމުގައިވާއިރު އެއީ ވަކިފަރާތެއްގެ ސިޔާސީ އެޖެންޑާ ޕްރޮމޯޓުކުރާ ބައެއް ކަމުގައި ވެގެންނުވާނެއެވެ. މިފަދަ ދަށު ދަރަޖައިގެ ޙާލަތަކަށް ދައުލަތުގެ މީޑިޔާ ވެއްޓިފައިވާތީ އެކަމާމެދު މި ޕާޓީނ ހިތާމަކޮށް ކަންބޮޑުވުން ފާޅުކުރަމެވެ. އެހެންކަމުން ދައުލަތުގެ މީޑިޔާއަކީ މިނިވަން އިންސާފުވެރި ތަނަކަށް ހަދައި، ވަކި ފަރާތަކަށް ނުޖެހި ރައްޔިތުންނަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކެޓޭރިއެޓް
ތާރީޚް: 29 މާޗް 2017

No Comments »

No comments yet.

Leave a comment