ރައީސް މުޙައްމަދު ނަޝީދަށް ޓެރަރިޒަމްގެ ދައުވާ ކުރުން ކުށްވެރިކުން

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދުގެ މައްޗަށް އަނެއްކާވެސް ޓެރަރިޒަމްގެ ދައުވާ އުފުލައި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުން ތާވަލްކޮށްފައިވާތީ އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ތަކުރާރުކޮށް ޓެރިރަޒިމްގެ ދައުވާކޮށް މަތިމައްޗަށް، ބަރިބަރިއަށް ޓެރަރިޒމްގެ ޙުކުމް ކުރަމުން ގެންދަނީ ޢަބްދުﷲ ޔާމީން އަޑީގައި ހުރެ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ޕްރޮސެކިއުޓަރ ޖެނެރެލްއާއި، ކޯޓުތައް މެދުވެރިކޮށް ސިޔާސީ ބޭނުމެށް ފުއްދަންކަމަށް މި ޕާޓީން ދެކެމެވެ.

2010 ވަނަ އަހަރު ކުރީގެ ރައްޔިތުންގެ މަޖިލިހުގެ މުލަކު ދާއިރާ މެމްބަރު ސިފައިންގެ ބެލުމުގެ ދަށުގައި އާރަށުގައި ބެހެއްޓި ކަމަށް ބުނާ މައްސަލާގައި ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ އަބްދުﷲ ޔާމީންގެ ސިޔާސީ މަޤްބޫލުކަމާއި ރައްޔިތުންގެ އިތުބާރު ގެއްލެމުންދާތީ ގަދަ ބާރުން ވެރިކަމުގައި ހުރުމަށެވެ. ހޯމަ ދުވަހު ރައްޔިތުންެ މަޖިލީހުގައި ހިނގައިދިޔަ ހުތުރު ޢަމަލުތަކުންވެސް މި ސަރުކާރު ފެއިލްވެފައިވާ މިންވަރު ހާމަވެއެވެ. ވެރިކަން ކުރާ ޕާޓީގެ މެމްބަރުންގެ އިތުބާރުވެސް ޢަބްދުﷲ ޔާމީންގެ މައްޗަށް ގެއްލި މަޖިލީހުގައި އޮތް ސުޕަރ މެޖޯރިޓީވެސް ވަނީ ގެއްލިފައެވެ.

ބޭރުގެ އެކިއެކި ޤައުމުތަކުގެ ލީޑަރުންނާއި، ބައިނަލްއަޤްވާމީ އިދާރާތަކުން މީގެ ކުރިންވެސް ރައީސް ނަޝީދުގެ މައްޗަށް ކުރެވުނު ޝަރީޢަތްތަކާއި ޙުކުމަތައް ކުށްވެރިކޮށް ބަލައިގެންފައިނުވާހިނދު، މިފަހަރުވެސް މިފަދަ ނޭއްގާނީ ކަންކަން ކުރުމުން ދިވެހިރާއްޖެއަށް ހުތުރު ނަން ލިބޭނެއެވެ.

ސިޔާސީ މަޤްބޫލުކަމާއި ބާރުވެރިކަން އުފެދިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. ޢަބްދުﷲ ޔާމީންގެ އެފަދަ މަޤްބޫލުކަމެއް ނެތުމުން އިންތިޚާބުތަކާ ކުރިމަތިލުމަށް ފަސްޖެހި، ވާދަވެރިންނަށް އެކިއެކި ނުޙައްޤު ދައުވާތައްކޮށް، ސިޔާސީ ފަރާތައް ޖަލަށްލައި، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި މިނިވަން މުވައްސަސާތަކުގެ ވެރިން ކަސްތޮޅު އަޅުވާކަމީ ކަންބޮޑުވާކަމެމެވެ. އަދި މިފަދަ ކަންކަމުން ދުރުވެ، ހެޔޮ ވެރިކަމުގެ އުސޫލްތަކަށް އިއާދަވުމަށް އަބްދުﷲ ޔާމީނަށް އިލްތިމާސްކުރަމެވެ.