27 ވަނަ ދުވަހުގެ ވޯޓުގެ ކަންކަން އޮބްޒާވް ކުރުމަށް ނޫސްވެރިންނާއި މަދަނީ ޖަމްޢިއްޔާތައް މަޖިލީހަށް ވަޑައިގަތުމަށް އެދެން – އިބްރާހީމް މުޙައްމަދު ޞާލިޙް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހް މަޤާމުން ދުރުކުރުމަށް އިތުބާރު ނެތްކަމުގެ ވޯޓު 27 ވަނަ ދުވަހު ނެގުމަށް މަޖިލީހުން ތާވަލުކޮށްފައިވާތީ އެ ޖަލްސާގެ އެންމެހައި ކަންކަން ބެއްލެވުމަށާއި ރައްޔިތުންނާ ހަމައަށް ސާފު މައުލޫމާތު ގެނެސްދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ނޫސްވެރިންނާއި މަދަނީ ޖަމްޢިއްޔާތުން ވަޑައިގަތުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަކީ ތާރީޚީ ވޯޓެއްކަމަށްވާއިރު، މާޒީގައި ކަންކަން ހިނގާފައިވާގޮތަށް ބަލާއިރު ޓީވީގެ ޒަރީޢާއިން ނުވަތަ އެހެން ޓެކްނޮލޮޖީގެ އެހީތެރިކަމާއެކު މަޖިލީހުގެ ތަޅުމުގައި ކަންކަން ހިނގާނެ ގޮތް ވަގުތުން ގެނެސްދޭނެކަމަށް ބަލައިގެންނުވާނެއެވެ. އެހެންކަމުން އެދުވަހު މަޖިލީހުގައި ހިނގާނެ ކަންކަން ގާތުން ބައްލެވުމަށް ސިޔާސީ ކަންކަމާމެދު ވިސްނަވާ ރައްޔިތުންވެސް މަޖިލީހަށް ވަޑައިގަތުމަކީ މުހިއްމު ކަމެކެވެ.

ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމުގައިވާ ހިނދު، މިވަގުތަކީ ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އެންމެހައި ޙައްޤުތައް ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ ވަގުތެވެ.