ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓުގައި މަޖިލިސް ރައީސް މަޤާމުން ދުރުކުރުމަށް ޕާލިމަންޓަރީ ގްރޫޕުން ތްރީލައިން ވިޕް ނެރުމަށް ޤައުމީ މަޖިލީހުން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙްގެ މައްޗަށް ނެގުމަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ ވޯޓުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރާ މެމްބަރުން ވޯޓުގައި ބައިވެރިވުމަށް 2017 މާޗް 27 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަޤާމުން ދުރުކުރުމަށް ވޯޓުދިނުމަށް ‘ތްރީ-ލައިން ވިޕް’ އެއް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން ނެރުމަށް ޤައުމީ މަޖިލީހުން ހުކުރު ދުވަހު ނިންމައިފިއެވެ.

ހުކުރު ދުވަހު ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގެ ބާރު ނަހަމަގޮތުގައި ބޭނުންކޮށް މަޖިލީހަކީ އަބަދުﷲ ޔާމީންގެ ވެރިކަން ގަދަ ބާރުން ދެމެހެއްޓުމަށް ބޭނުންކުރާ ތައްގަނޑަކަށް ބަދަލުކޮށްފައިވާތީ އެކަމާމެދު ޤައުމީ މަޖިލީހުގެ މެމްބަރުން ކަންބޮޑުވުންފާޅުކުރިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނަވައިގެން މަޖިލީހުގެ ގަވާއިދު ބަދަލުކޮށް މެމްބަރުންގެ ޤާނޫނީ ޒިންމާތައް އަދާ ނުކުރެވޭ މިންވަރަށް މަޖިލީހުގެ ކަންކަން ގަޑުބަޑުކޮށްފައިވާކަން ފާހަގަކުރަމެވެ. އެގޮތުން މަޖިލީހަށް ހުށެހެޅޭ މައްސަލަތަކާއި ބިލުތަކާމެދު ބަހުސްކުރެވޭ ވަގުތު އެތައް ގުނައަކުންވަނީ މަދުކޮށްފައެވެ. ކުއްލިގޮތަކަށް އެއްވެސް އެންގުމެއްނެތި މަޖިލީހުގެ ޖަލްސާތައް ކެންސެލްކުރުމާއި، އެކަށީގެންވާ ވަގުތުނުދީ ބިލްތަކާއި މައްސަލަތަކުގެ ބަހުސާއި ވޯޓަށް ހުޅުވާލުމާއި، ކަންކަން އެޖެންޑާކުރުމުގައި ހަމަހަމަ އުސޫލެއް ނެތުމާއި، މަޖިލީހުގެ އެކިއެކި މެމްބަރުންގެ މެދުގައި ތަފާތުކުރުމާއި، މަޖިލީހުގައި ހިނގާ ނޭއްގާނީ ކަންކަން ހުއްޓުވުމުގެ ބަދަލުގައި އެފަދަ ކަންކަމަށް ހިއްވަރު ލިބޭ ގޮތަށް މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމާއި، މިނިވަން މުވައްސަސާތަކާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި މަޖިލިސް ފެއިލްކޮށް މަޖިލީހުގެ ކަރާމާތާއި ނަޒާހަތްތެރިކަން ގެއްލުވާލާފައިވަނީ ރާވައިގެން މަޖިލީހުގެ ރައީސްއެވެ. އަދި މިކަންކަން އިސްލާހްކުރުމަށް ތަކުރާރުކޮށް ހުށެހެޅިފައިވީނަމަވެސް މަޖިލީހުގެ ރައީސް މިއިން އެއްވެސް މައްސަލައެއް ބައްލަވާފައިނުވާކަން ފާހަގަ ކުރަމެވެ.