މެއި 6 ކުރިމަތިވާ އިރުގައި ކައުންސިލްތަކަށް ފުރިހަމަ ބާރު ލިބޭނޭ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް: އެމްޑީޕީގެ ޗެއަރޕާސަން ނައިބު ޢަލީ ނިޔާޒު

މެއި 6 ވަނަ ދުވަހު އޮން ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން ކައުންސިލްތަކަށް ފުރިހަމަ ބާރު ދެއްވޭނޭ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ނައިބު މާލީ ޢަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ޅ.ނައިފަރު ކައުންސިލާއި އަތޮޅު ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާޢީދު ހޯއްދެވުމަށް ހުކުރު ދުވަހުގެ ރޭ އެރަށުގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަމުން ނިޔާޒު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން އެންމެ ބޮޑު ގާނޫނީ މަސައްކަތެއްގެ ގޮތުގައި ކުރި މަސައްކަތަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ފަރުމާކޮށް ރައްޔިތުންގެ މަޖިލީހަށް ވެއްދުން ކަމަށެވެ. އަދި އެ ގާނޫނުގައި ހުރި ބާރުތައް އިއާދަކުރުމަށް އެމްޑީޕީން އަދިވެސް ކެތްމަދުވެފައިވާ ކަމަށާއި، މާލޭގައި ތިބޭ ބަޔަކު އެންގިހާ ގޮތަކަށް އަމަލުކުރާ ކައުންސިލެއް ހޮވުމަކީ އެމްޑީޕީން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ. “އަޅުގަނޑުމެންނަށް ބާރެއް ލިބޭ ދުވަހެއްގައި އިރާދަކުރެއްވިއްޔާ ގާނޫނަށް އެ ބަދަލު ގެނެސްގެން އަދި ޤާނޫނު އަސާސީއަށް ބަދަލުގެނެސްގެން ނަމަވެސް ކައުންސިލްތަކަށް އެބާރުތައް ތިބޭފުޅުންނަށް ލިއްބައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މިއަދުވެސް ތިބޭފުޅުންނަށް އަޅުގަނޑު އަރުވަން”. ނިޔާޒު ވިދާޅުވިއެވެ.

ހަގީގީ ލާމަރުކަޒުވަނީ މާލީ ގޮތުން ވެސް ކައުންސިލްތައް ލާމަރުކަޒު ވެގެން ކަމަށާއި، ކައުންސިލްތަކަށް އާމްދަނީ ލިބޭނޭ އެތައް ގޮތްތަކެއް އެމްޑީޕީ ސަރުކާރުން ފަހިކޮށްދިން ކަމަށް ނިޔާޒު ވިދާޅުވިއެވެ. އެގޮތުން ކައުންސިލްގެ އިޙްތިޞާސްގައި ހިމެނޭ ތަންތަނުން ލިބޭ އާމްދަނީގެ 40 އިންސައްތަ އެ ކައުންސިލްތަކުގެ ނުވަތަ އަތޮޅު ކައުންސިލްގެ ބަޖެޓަށް ވަންނަ ގޮތަށް އެމްޑީޕީން ސަރުކާރުން ބިލް ފަރުމާކުރި ކަމަށް ވިދާޅުވެ، އެމްޑީޕީގެ ވިސްނުން އަދިވެސް އޮތީ އެ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލްތަކުގެ ދެ ދައުރު ނިމިގެން ދިޔަ އިރުވެސް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބިމާ ބެހޭ ގޮތުން ކުރަން ޖެހޭ ކަންތައްތައް ސަރުކާރުން ހުއްޓުވާފައި އޮތް އޮތުން ކަން ފާހަގަކުރައްވަމުން ނިޔާޒު ވިދާޅުވީ އތޮޅުގެ މުއްސަނދިކަމުން، ފަޅުތަކާ، ގިރިތަކުން ލިބޭ އާމްދަނީގެ ބައެއް ރަށްތަކަށް ލިބޭނޭ ގޮތް އޮތުމަކީ އަބަދުވެސް އެމްޑީޕީން ވަކާލާތުކުރަމުންދާ ކަމެއް ކަމަށާއި އެމްޑީޕީން އެދެނީ އެފަދަ ކައުންސިލްތަކެއް ކަމަށެވެ.

ނިޔާޒު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބު އައުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން މަގާމުތަކުން ވަކިކޮށް މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނޭ ފަދަ ކޮމިޝަނެއް އެކުލަވާލައްވާނޭ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ކުރައްވަންޖެހޭ ކަމަކީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުން ކަމަށާއި، އެހެން ނަމަވެސް ކައުންސިލް އިންތިޚާބަށް މަހަކަށް ކައިރިވާއިރު އެ މެންބަރުން ބިރުފުޅުން ފަހަށް ޖެހިވަޑައިގަންނަވާކަމަށް ނިޔާޒު ވިދާޅުވިއެވެ. ލޯކަލް ކައުންސިލް އިންތިޚާބު ފުރަތަމަ ފަސްކުރީ ވަކި ޕާޓީއަކަށް ތައްޔާރު ނުވެވިގެން ކަމަށާއި، ދެވަނަ ފަހަރަށް ފަސްކުރެއްވީ ސްކޫލްތައް ނިލިބޭތީއޭ ވިދާޅުވެ ކަމަށާއި، އަދި ތިންވަނަ ފަހަރަށް ރޯގާގެ ސަބަބުންނޭ ވިދާޅުވެ ފަސްކުރި އިރު މާދަމާ ސްކޫލްތައް ހުޅުވޭ ކަމަށް ނިޔާޒު ވިދާޅުވިއެވެ. އެހެން ކަމުން އިންތިޚާބު ފަސްކުރީ ރޯގާގެ ސަބަބުން ނޫން ކަމަށް ޚުދު ސަރުކާރުން އެއޮތީ ފަޅާއަރުވާލާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ސަރުކާރުގެ ބާރާއި ނުފޫޒު އެބަހިނގާ ކަމަށާއި، އެފަދަ ކޮމިޝަނެއް އޮތުމަށް އެމްޑީޕީން ނޭދޭ ކަމަށް ނިޔާޒު ވިދާޅުވިއެވެ. އަދި އެފަދަ ކޮމިޝަނެއް އޮވެގެން މި ރާއްޖޭގައި އިންތިޚާބެއް ނުބޭއްވޭނެ ކަމަށް ވިދާޅުވެ، މެއި 6 ގައި އިންތިޚާބު ބާއްވާނީ އާ ކޮމިޝަނާ އެކު ކަމަށާއި، އޭރުން މިނިވަން އިންސާފުވެރި އިންތިޚާބެއް ލިބޭނޭ ކަމަށް ނިޔާޒު ވިދާޅުވިއެވެ.