އެމް.ޑީ.ޕީ ހަރުގެއަށް ތިންވަނަ ފަހަރަށް ފުލުހުންވަދެ މުދާ ފޭރިގަތުން ކުށްވެރިކުރަން

ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޙަރަކާތްތަކާއި ޖަލްސާތައް ބޭއްވުމަށާއި، މެމްބަރުންނާއި ތާޢީދުކުރާ ފަރާތްތައް ޖަމާވުމަށް ހާްއްސަކޮށްފައިވާ ހަރުގެއަށް ބުރާސްފަތިދުވަހު ހަވީރު ފުލުހުން ވަދެ، އެތަން ހިސާރުކޮށް، ޕާޓީގެ ވެރިންނާ ނުލައި ޤާނޫނާ ޤަވާއިދާ ޚިލާފަށް ހަރުގެ ފާސްކޮށް މި ޕާޓީގެ ކެމްޕޭން ޙަރަކާތްތައް ހިންގުމަށް ބޭނުންކުރާ ތަކެއްޗާއި މުދާ ފޭރުން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ. އަދި ހަމަމިއާއު މިއަދު މެންދު މުޙައްމަދު ޝާވިން ފުލުހުން ހާޒިރުކޮށް އޭނާގެ ޕްރިންޓިން ސްޓޫޑިއޯގައި ހުރި މުދަލާ ތަކެތިވެސް ފުލުހުން ފޭރިގެންފައިވާތީ އެކަންވެސް ކުށްވެރިކުރަމެވެ.

މިއީ ފާއިތުވީ ދެ ހަފްތާގެ ތެރޭގައި އެމް.ޑީ.ޕީ ހަރުގެއަށް ފުލުހުން ވަދެ މިފަދަ ޤާނޫނާ ޚިލާފު ޢަމަލެއް ހިންގި 3 ވަނަ ފަހަރެވެ. މިއަދު ހަވީރު ފުލުހުން ހަރުގެ ހިންގާ ޢިމާރާތައް ވަދެ، އެ އިމާރާތް ފާސްކުރަމުން ދިޔަ ވަގުތު ޕާޓީގެ އެއްވެސް އިސްމީހަކު އެ އިމާރާތަށް ވަނުމަށް ހުރަސްއެޅިއެވެ.

ސިޔާސީ ކަންކަން ހަލަބޮލިވެ، ޢަބްދުﷲ ޔާމީންގެ ނިންމުންތަކާ ދެކޮޅަށް ރައްޔިތުން ބަސްބުނާ ކޮންމެ ހިނދެއްގައި އެމް.ޑީ.ޕީގެ މުދަލަށް އަރައިގަނެ، ލީޑަރުންނަށް ބިރުދެއްކުމަކީ ޢަބްދުﷲ ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތީމާ، ގަދަބާރުން އިދިކޮޅު ސިޔާސީ ފިކުރުގެ ފަރާތްތަކަށް ފުރައްސާރަ ކުރުމަށް ކުރާ ކަމެކެވެ.

ފާފު އަތޮޅާ ގުޅޭ ބޮޑު މަޝްރޫޢެއްގެ މައުލޫމާތު އެއްވެސް މިންވަރަކަށް ރައްޔިތުންނާ ހިއްސާނުކޮށް ސިއްރިއްޔާުތުގައި ޢަބްދުﷲ ޔާމީންގެ ގާތް މަދު ބަޔަކާއެކު ރާވައިފާއިވާ މަޝްރޫޢާމެދު ދިވެހި ރައްްޔިތުން އިންތިހާއަށް ކަންބޮޑުވެއެވެ. ފާފު އަތޮޅު މައްސަލާގައި ރައްޔިތުން އެކިގޮތްގޮތަށް އިހްތިޖާޖްކުރަމުން ގެންދާއިރު، ސިޔާސީ ޕާޓީތަކަށާއި، އެކަމާ ދެކޮޅަށް ބަސްބުނާ ހުރިހާ ފަރާތްތަކަށް ބިރުދައްކައި، ފިއްތައިގެން ފުލުހުން މެދުވެރިކޮށް ސަރުކާރުން ހިންގާ ޖަރީމާ ބަލައިނުގަނެވޭނެއެވެ.

އަދި ސައުދީ ޢަރަބިއްޔާގެ ރަސްގެފާނު ދިވެހިރާއްޖެއަށް ވަޑާއިގަންނަވާއިރު ބޭރުގެ ޢިއްޒަތްތެރިންނަށް ޙިމާޔަތްދިނުމުގެ ނަމުގައި ދިވެހިރައްޔިތުންނަށް ޤާނޫނު އަސާސީން ލިބިދޭ ރައްކާތެރިކަމާއި ކަރާމާތާއި މިނިވަންކަމަށް ޢަބްދުﷲ ޔާމީން އަރައިގަނެ، ޚުދުމުހުތާރުކަން ފަތުރަމުން އަންނައިރު މުވައްސަސާތައް ހިމޭނުންތިބުމަކީ ލަދުވެތިވާންޖެހޭނެކަމެކެވެ.

ފާފު އަތޮޅު ވިއްކާލުމާ ގުޅިގެން އިހްތިޖާޖު ކުރުމާ ޚިޔާލުފާޅުކުރުން ފުލުހުން ހުއްޓުވަައިގެން ނުވާނެއެވެ. އަދި އެކަމާ ގުޅުވައި ސިޔާސީ ޕާޓީތަކުގެ މުދަލަށް އަރައިގަތުމުގެ ޙައްޤު ފުލުހުންނަށް ލިބިގެނެއްނުވެއެވެ. އަދި އެފަދަ ކަންކަން ކުރުން ހުއްޓާލުމަށް ގޮވާލައި އެމް.ޑީ.ޕީ ހަރުގެއިން ފޭރިގަނެފައިވާ މުދާ މިހާރުން މިހާރަށް މި ޕާޓީއާ ހަވާލުކުރުމަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްޓޭރިއެޓް
ތާރީޚް: 16 މާޗް 2017