mdp_banner

Tuesday, March 14, 2017

ސިޔާސީ ޕާރޓީތަކަށް އަމާޒުކޮށްގެން، ހަމައިން ނެއްޓިފައިވާ އެކިއެކި ޢަމުރުތައް ސަރުކާރުންނާއި އެކިއެކި މުވައްސަސާތަކުން ކުރަމުންދާދިއުން ކުށްވެރިކުރުން

ސިޔާސީ ޕާރޓީތަކަށް އަމާޒުކޮށްގެން، ހަމައިން ނެއްޓިފައިވާ އެކިއެކި ޢަމުރުތައް ސަރުކާރުންނާއި ސަރުކާރުގެ ނުފޫޒުން އެކިއެކި މުވައްސަސާތަކުން ކުރަމުންދާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

މިގޮތުން އެންމެ ފަހުން ސިޔާސީ ޕާރޓީތަކަށް އަމާޒުކޮށްގެން ސަރުކާރުން ކޮށްފައިވާ، ހަމައިން ނެއްޓިފައިވާ އެއް ޢަމުރަކީ ޖުމްހޫރީ ޕާރޓީގެ ދިދަ ބަދަލުކުރުމަށާއި އަދި ޕީ.ޕީ.އެމް ގެ ރައީސް އަލްއުސްތާޛު މަޢުމޫނު ޢަބްދުލްޤައްޔޫމު ހިންގަވާ ޕީ.ޕީ.އެމްގެ ރަސްމީ އޮފީހުގައި ނަގާފައިވާ ޤައުމީ ދިދަ ނުނަގައި ތިރިކުރުމަށް ކޮށްފައިވާ ހަމައިން ނެއްޓިފައިވާ އަމުރެވެ.

ޤައުމީ ދިދަ ނެގުމާއި ބޭނުންކުރުމަކީ ޤައުމުގެ ކޮންމެ ރައްޔިތަކަށާއި ޤާނޫނީ ކޮންމެ ޝަހުސަކަށް ލިބިގެންވާ ޙައްޤެކެވެ. އަދި މިއީ ދުނިޔޭގެ ހުރިހާ މުޖުތަމަޢުތަކެއްގައި އޮންނަ އާންމު އުސޫލެކެވެ. ހަމައެފަދައިން، ސިޔާސީ ޕާރޓީއެއްގެ އަމިއްލަ ދިދައަކީ އެ ޕާރޓީއެއްގެ ދިދައިގެ ގޮތުގައި ބޭނުންކުރެވޭނޭ ދިދަކަމުގައި ދައުލަތުގެ ކަމާބެހޭ މުވައްސަސާއިން ކުރިން ފާސްކުރެވިގެން ބޭނުންކުރަމުންގެންދާ އެ ޕާރޓީއެއްގެ ފިކުރީ މުދަލެކެވެ. އެ ފިކުރީ މުދަލުގެ ޙައްޤު، ހޯމް މިނިސްޓްރީން ފަހުން ކަނޑައަޅާ އުސޫލަކުން ނިގުޅައި ނުގަނެވޭނެއެވެ.

ޤައުމީ ދިދަ ބޭނުންކުރުމާމެދު ހޯމް މިނިސްޓްރީން ހެދި އުސޫލުގެ ދަށުން، ސިޔާސީ ޕާރޓީއެއްގެ ދިދަ މާ ބޮޑުކޮށް ފެންނަހެއް މައްޗަށް ނެގުން ވެސް މަނާކޮށްފައިވެއެވެ. މިއީ ވެސް ހަމައިން ނެއްޓިފައިވާ، އަދި ހެއްވާކަމުން ފުރިގެންވާގޮތަށް އެ މިނިސްޓްރީން ކަނޑައަޅާފައިވާ ކަމެކެވެ.

މިކަން މިހެން އޮތްއިރު، މީގެ ކުރިން ދައުލަތުގެ އެހެން މުވައްސަސާތައް މެދުވެރިކޮށް ސިޔާސީ ޕާރޓީތަކުގެ ރައީސްކަމަށް އެ ޕާރޓީތަކުން އައްޔަނުކޮށްފައިވާ ބޭފުޅުން ވަކިކޮށްފިކަމަށް ނުވަތަ އެބޭފުޅުންގެ ބާރުތައް އެހެން ފަރާތަކަށް ދީފިކަމަށް، ހަމައިން ނެއްޓިފައިވާ ގޮތްތަކަކުން ކަނޑައަޅާފައިވެއެވެ. ހަމައެފަދައިން، ހަމައިން ނެއްޓިފައިވާ ގޮތްތަކަކުން މުވައްސަސާތައް މެދުވެރިކޮށް ސިޔާސީ ޕާރޓީތަކުގައި މާކުރިންސުރެ ރަޖިސްޓްރީވެފައިވާ މެމްބަރުން ގަނޑުކޮށް އެތަކެއް ހާސް މެމްބަރުން އެއްފަހަރާ ވަކިކޮށްފައިވެއެވެ. އަދި ސިޔާސީ ޕާރޓީތައް ބައިވެރިވާ ޤައުމީ އިންތިޚާބުތައް ހަމައިން ނެއްޓިފައިވާ ގޮތްތަކަކުން ލަސްކޮށް ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަށް އަރައިގަނެފައިވެއެވެ.

ހަމައިން ނެއްޓިފައިވާ މިފަދަ ޣައިރު ޤާނޫނީ ޢަމުރުތައްކުރެއްވުމާއި، ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފު ޢަމަލުތައް ސިޔާސީ ޕާރޓީތަކަށް އަމާޒުކޮށްގެން ޚުދުމުޚުތާރު ވެރިޔަކު ތަކުރާރުކޮށް ކުރައްވަމުންގެންދަވަނީ އެބޭފުޅާއަށް ރައްޔިތުންގެ ތާއީދުނެތުމުންނާއި ސިޔާސީ ޕާރޓީތައް އިންތިޒާމުވެގެން ހިނގަމުންދާދިއުމުގެ ނިޒާމު ހަލާކުކޮށްލުމުގެ ގޮތުންނެވެ.

ބަޔާންނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
14 މާރޗް 2017

No Comments »

No comments yet.

Leave a comment