mdp_banner

Monday, March 13, 2017

ފާތުމަތު އިބްރާހީމްގެ ކެމްޕޭން ޙަރަކާތްތަކުގައި ސްކޫލް ކުދިން ބައިވެރިކުރުން ހުއްޓާލުމަށް ގޮވާލަން

ހުކުރު ދުވަހު ހަވީރު ހއ. އިހަވަންދޫގައި ޕީޕީއެމްގެ ޢަބްދުﷲ ޔާމީންގެ ފެކްޝަަނުން އެރަށުގައި ޕީޕީއެމް އޮފީހެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުން ސްކޫލް ޔުނީފޯމުގައި ބައިވެރިކޮށްފައިވާތީ އެކަމާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ކަންބޮޑުވުން ފާޅުކުރަމެވެ.

ސްކޫލްތަކުގައި ތަޢުލީމު ޙާސިލްކުރާ ކުދިން ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިކުރުވުމަކީ އެޑިޔުކޭޝަން މިނިސްޓްރީން މަނާކޮށްފައިވާ ކަމެއް ކަމުގައިވާއިރު، ފާޅުކަންބޮޑު ގޮތުގައި މިފަދަ ޤާނޫނާ ޤަވާއިދާ ޚިލާފް ކަންކަން ކުރުވުމަށް ޢަބްދުﷲ ޔާމީނާއި ފާތުމަތު އިބްރާހީމް ހިތްވަރު ދެމުން އަންނަކަމީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ. އަދި މިއީ ދައުލަތުގެ ބާރުތަކާއި ވުޒާރާތަކަށް ނުފޫޒު ފޯރުވައި ދައުލަތުގެ މުވައްސަސާތައް ނަހަމަ ގޮތުގައި ބޭނުންކޮށް ސްކޫލްތަކާއި ދަރިވަރުން ސިޔާސީކުރަމުން އަންނަކަމުގެއް ހެއްކެވެސްމެއެވެ.

މި ޙަފްލާއަކީ ރައީސް ޢަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި ޙަފްލާއަކަށް ނުވިނަމަވެސް ޕީޕީއެމްގެ މި ސިޔާސީ ޙަރަކާތް ޓީވީއެމް އިން ވަނީ ވަގުތުން ގެނެސްދީފައެވެ. ދައުލަތުގެ މީޑިޔާއިން އެހެން ސިޔާސީ ޕާޓީތަކަށް މި ފުރުޞަތު ނުދޭއިރު، މިކަން މިގޮތަށް ކުރުމަކީ ކަނޑައެޅިގެން ތަފާތުކުރުމެވެ. އެހެންކަމުން މިއީ ދައުލަތުގެ މުދަލާއި ވަޞީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް ހިންގާފައިވާ ކޮރަޕްޝަންގެ ޢަމަލެކެވެ.

ސްކޫލްތަކުގައި ތަޢުލީމް ޙާސިލްކުރަމުން އަންނަ ދަރިވަރުންނާއި ކުޑަކުދިން ސިޔާސީ ޕާޓީތަކުގައ ޙަރަކާތްތަކުގައި ބައިވެރިކުރުމަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވެސް މަނާކަމެއް ކަމުގައިވާތީ ވެރިކަންކުރާ ޕީޕީއެމްގެ ޢަބްދުﷲ ޔާމީން ފެކްޝަނަށް އެކަން އަންގައި ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ގޮވާލަމެވެ. އަދި ދައުލަތުގެ މުދަލާއި ވަޞީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުން ގެންދާއިރު އެކަން ހުއްޓުވައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ގޮވާލަމެވެ. އަދި މިހާރުން މިހާރަށް މިފަދަ ނާތަހުޒީބު ކަންކަން ކުރުން ހުއްޓާލުމަށް ޕީޕީއެމްގެ އަބްދުﷲ ޔާމީން ފެކްޝަނަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކެޓޭރިއެޓް
ތާރީޚް: 13 މާޗް 2017

No Comments »

No comments yet.

Leave a comment