mdp_banner

Thursday, March 2, 2017

އެމް.ޑީ.ޕީ ހަރުގެއަށް ފުލުހުން ވަދެ ފޭރިގެންފައިވާ ތަކެތި އަނބުރާ ޕާޓީއާ ޙަވާލުކުރުމަށް ގޮވާލަން

ބޭރުގެ ޤައުމުތަކުގެ އެކިވެރިންނާއި ޢިއްޒަތްތެރިން ދިވެހިރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާތީވެ އެޤައުމުތަކުގެ ސިޔާދަތާއި ޒިޔާރަތްކުރައްވާ ޢިއްޒަތްތެރިންގެ ޝަރަފާއި ޤަދަރާއި ޢިއްޒަތަށް އުނިކަން ލިބޭފަދަ ޢަމަލުތަކެއް ހިންގުމަށް ރާވާ ހަދާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައިކަމަށް ބުނެ ކޯޓު އަމުރެއްގެ ދަށުން ބުދަ ދުވަހުގެރޭ އެމް.ޑީ.ޕީ ހަރުގެއަށް ފުލުހުން ވަދެ ބަލާ ފާސްކޮށްފައިވަނީ މި ޕާޓީއަށާއި އާންމު މެމްބަރުންނަށް ބިރުދެއްކުމަށާއި، ފާފު އަތޮޅު ވިއްކާލުމާ ގުޅޭ ގޮތުން ރައްޔިތުންގެ އިހުތިޖާޖުތަކުގެ އަޑު ކަނޑުވާލުމަށާއި، ޢަބްދުﷲ ޔާމީންގެ އެދުމުގެ މަތީން ސިޔާސީ މަޤްޞަދެއް ޙާސިލްކުރުމަށްކަމަށްވާތީ އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ކުށްވެރިކުރަމެވެ. އަދި ހަރުގެއިން ގެންދިޔަ ތަކެތި މި ޕާޓީއާ ވަގުތުން ޙަވާލުުކުރުމަށް ގޮވާލަމެވެ.

ބުދަ ދުވަހުގެރޭ ފުލުހުން އެމް.ޑީ.ޕީ ހަރުގެއަށް ވަދެ ދެ ގަޑިއެއްހާއިރުވަންދެން މުޅި ހަރުގެ ހުންނަ ޢިމާރާތް ފާސްކޮށް ނިންމައި ޤާނޫނާ ޚިލާފް އެއްވެސް ކަމެއް އެތަނުގެ ތެރޭގައި ނުހިނގާތީވެ، އެމް.ޑީ.ޕީން ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް ބޭނުންކުރާ ފޮތިގަނޑުތަކާއި(އެއްވެސް އެއްޗެއް ލިޔެފައިނެތް)، އަދި ކުލަތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަކީ ފޭރުމުގެ ޢަމަލެކެވެ.

ފާފު އަތޮޅު ވިއްކާލުމާ ގުޅޭ ގޮތުން ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވެފައިވާ މި ދުވަސްވަރުގައި، ބުދަ ދުވަހު އަބްދުﷲ ޔާމީން ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރުމާއެކު ފާފު އަތޮޅު ވިއްކާލުމާ ގުޅިގެން ރައްޔިތުންގެ ޚިޔާލު ފާޅުކުރުމަށް އެއްވެސް ޖާގައެއް ނުދޭނެ ކަމަށްބުނެ ވަގުތުން ފުލުހުން ބަޔާނެއް ނެރުނެވެ. ހަމަ އެއާއެކު މާގިނަ އިރެއް ނުވެ، ކޯޓު އަމުރެއްގެ ދަށުން ހަމަ އެ ކަމަށް ރިޢާޔަތްކޮށް އެމް.ޑީ.ޕީ ހަރުގެ ފާސްކުރުމުން ޢަބްދުﷲ ޔާމީން ކޯޓުތަކަށާއި ފުލުހުންނަށް އިންތިހާއަށް ނުފޫޒު ފޯރުވާ މިންވަރު ހާމަވެއެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާފަދަ އެއްވެސް އެއްޗެއް އެމް.ޑީ.ޕީ ހަރުގެއިން ނުފެނުމުން ލޯކަލް ކަައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެމް.ޑީ.ޕީން ބޭނުންކުރަމުން އަންނަ މުދާ ފޭރިގަނެގެން ފުލުހުން ގެންދިއުމަކީ މި ޕާޓީން ކުރަމުންގެންދާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ހުރަސްއެޅުމެވެ.

އެމް.ޑީ.ޕީ ހަރުގޭގައި ޤާނޫނާ ޚިލާފް އެއްވެސް ކަމެއް ހިންގާފައިނުވާ ހިނދު އަދި ޕާޓީގެ އިންތިޚާބީ މަސައްކަތަށް ބޭނުންވާ ތަކެތި މިހާރުން މިހާރަށް މި ޕާޓީއާ ޙަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގޮވާލަމެވެ. އަދި ފުލުހުންގެ މަސައްކަތަކީ ވަކި ފަރާތެއްގެ ސިޔާސީ މަޤްޞަދު ޙާޞިލްވާނެ ގޮތަށް މަސައްކަތްކުރުން ނޫން ކަމަށްވާތީވެ، އިންސާފުން ހަމަހަމަކަމާއެކު ހުރިހާ ފަރާތްތަކަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އިލްތިމާސް ކުރަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކެޓޭރިއެޓް
ތާރީޚް: 2 މާޗް 2017

No Comments »

No comments yet.

Leave a comment