ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރުވައިގެން ޕީޕީއެމްއަށް ގަދަކަމުން ސޮއިކުރުވަމުން ގެންދާ ގެންދިއުން ކުށްވެރިކުރުން

ޕީޕީއެމްގެ މުސްތަޝާރު ޢަބްދުﷲ ޔާމީނުގެ ފެކްޝަނުން، ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރަމުންދާ މުވައްޒަފުންނަށް މަޖުބޫރުކުރުވައިގެން އެ ޕާރޓީއަށް ގަދަކަމުން އެ މުވައްޒަފުން ސޮއިކުރުވަމުން ގެންދާ ގެންދިއުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމްޑީޕީ) އިން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަޖުބޫރުކުރުވައިގެން ޕީޕީއެމް އަށް ގަދަކަމުން ސޮއިކުރުވަމުން ގެންދާތީ އެކަމުގެ ޝަކުވާ އެ މުވައްޒަފުން އެމްޑީޕީ އާ ހިއްސާކުރަމުންދާކަން ފާހަގަކުރަމެވެ. އަދި ހަމަ މިސަބަބާހުރެ ޕީޕީއެމް ގެ ރައީސްގެ ފަރާތްޕުޅުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ނޫސްބަޔާން ނެރުއްވާފައިވާކަންވެސް ފާހަގަކުރަމެވެ. އެހެންކަމުން އެކަން އެގޮތަށް ހިނގަމުންދާކަން އިތުރަށް ޔަޤީންވެއެވެ.

ހަމައެފަދައިން، ސަރުކާރުގެ ކުންފުނިތަކުގެ އެންމެ އިސްވެރިން، ޕީޕީއެމް ގެ ފޯމުތައް މުވައްޒަފުންނަށް ބަހައި، މުވައްޒަފުން ލައްވައި ސޮއިކުރުވުމުގެ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވަމުންދެއެވެ. އަދި އެކަން އެނގޭފަދަ ފޮޓޯތައް ހާމަކޮށް އެކުންފުނިތަކުން ޓްވީޓްކުރަމުންދާކަން ފާހަގަކުރަމެވެ.

މުވައްޒަފުންގެ މައްޗަށް އިސްވެރިންގެ ގޮތުގައި ތިއްބެވައި، އެ މުވައްޒަފުން ޕާރޓީއަށް ވެއްދުމުގެ ފޯމުގައި ސޮއިކުރުވުމަށް ހުށަހެޅުމަކީވެސް އޭގެ ޒާތުގައި މަޖުބޫރު ހާލަތަކަށް އެ މުވައްޒަފުން ވައްޓާލުމެވެ. އަދި އިތުރު އިޚްތިޔާރެއް އެ މުވައްޒަފުންނަށް ނޯންނާނެކަމެކެވެ. ހަމައެފަދައިން އެ މުވައްޒަފުން ސޮއިނުކޮށްފިނަމަ ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރުދޭކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

މިއީ ރައީސް ޢަބްދުﷲ ޔާމީނުގެ އަމުރަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ހިންގަމުންދާ ކޮރަޕްޝަންގެ މުޑުދާރު އަމަލެކެވެ. އަދި މިއީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި، ވަޒީފާއާބެހޭ ޤާނޫނާއި، އައި.އެލް.އޯ ގެ އެއްބަސްވުމާއި ބައިނަލްއަޤުވާމީ މުއާހަދާތަކާ ކަނޑައެޅިގެން ޚިލާފު ދަށުދަރަޖައިގެ ޖަރީމާއެކެވެ.

އެހެންކަމުން، މުވައްޒަފުންނަށް މަޖުބޫރުކުރުވައިގެންނާއި ވަޒީފާގެ ބިރުދައްކައިގެން ޕީޕީއެމް އަށް ވެއްދުން ވަގުތުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލަމެވެ.


ބަޔާން ނެރުނީ: އެމް.ޑީ.ޕީގެ ސެކްރެޓޭރިއެޓް
ތާރީހް: 13 ފެބްރުއަރީ 2017