ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ މަޤާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވައިގެން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ މައްސަލަ އެ.ސީ.ސީއަށް

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު ޝަރީފު މަޤާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވައިގެން އިންތިޚާބަށް ނުފޫޒު ފޯރުވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް އެމް.ޑީ.ޕީން ހުށަހަޅައިފިއެވެ.

އެމް.ޑީ.ޕީން އޭ.ސީ.ސީއަށް ހުށަހެޅި މައްސަލަގައިވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ޝަރީފު ތ. ތިމަރަފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވުނު ޖަލްސާއެއްގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރުން ދޫކޮށްލެވުމަށް އެދި އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި ކެންޑިޑެސީ ދޫކޮށްލާ ފަރާތްތަކަށް ސަރުކާރުގެ ތެރެއިން ވަޒީފާ ހަމަޖައްސަވައިދެއްވާނެކަމަށް ދަންނަވާފައިވެއެވެ. އަދި މީގެ ކުރީގެ އިންތިޚާބެއްގައިވެސް އެފަދަ ހުށަހެޅުމެއް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު ޝަރީފު ހުށަހެޅުއްވިކަމަށްވެސް ވިދާޅުވެފައިވެއެވެ.