mdp_banner

Sunday, February 12, 2017

އެމް.ޑީ.ޕީގެ ޗެއާރޕާރސަންކަމަށް އަލްއުސްތާޛު ޙަސަން ލަތީފު ހޮވިވަޑައިގަތުމާ ގުޅިގެން މަރުޙަބާ ދެންނެވުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ޗެއާރޕާރސަން ހޮވުމަށް 10 ފެބްރުއަރީ 2017ގައި މިޕާޓީގެ މެމްބަރުންގެ މެދުގައި ބޭއްވުނު އިންތިޚާބުގައި އަލްއުސްތާޛު ޙަސަން ލަތީފު ގިނައަދަދެއްގެ ވޯޓުން ހޮވިވަޑައިގެންފައިވާތީ އެމަނިކުފަނަށް މިޕާޓީން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަމެވެ.

އަލްއުސްތާޛު ޙަސަން ލަތީފުގެ ޗެއާރޕާރސަންކަމުގެ ދަށުން މިޕާޓީގެ ހިންގުމާއި ހަރަކާތްތައް އިތުރަށް ވަރުގަދަވެ، ކުރިއަރައިދާނޭ ކަމާއިމެދު ޔަޤީންކުރަމެވެ.

މި އިންތިޙާބަށް ވާދަކުރެއްވި ހަމައެކަނި ކެންޑިޑޭޓަކީ އަލްއުސްތާޛު ޙަސަން ލަތީފުކަމުގައި ވީނަމަވެސް، މިޕާޓީގެ އަސާސީ ޤަވާއިދުގައި ވާގޮތުން ޗެއާރޕާރސަންކަމަށް ހޮވިވަޑައިގަތުމަށް މެމްބަރުންގެ އަދަދުން %10 ވޯޓު ލިބިވަޑައިގަންނަވަންޖެހެއެވެ. އަލްއުސްތާޛު ޙަސަން ލަތީފަށް އެއަދަދަށްވުރެ އިތުރަށް އެތައް ހާސް ވޯޓު ލިބިވަޑައިގެންފައިވާކަން ފާހަގަކުރަމެވެ.

މި އިންތިޙާބުގައި ވޯޓުލުމަށް އެއްވެސް މަޖުބޫރުކަމެއް ނުވަތަ ބިރެއް ނެތި، މިޕާޓީގެ މެމްބަރުންގެ ތެރެއިން 25،000 އަށްވުރެ ގިނަ މެމްބަރުން ޖޯޝާއި ފޯރީގައި ވޯޓުލުމުގައި ބައިވެރިވެފައިވާކަން އުފަލާއިއެކު ފާހަގަކުރަމެވެ. އަދި ވޯޓުލުމުގެ ހަރަކާތްތައް ހިންގުމަށް ސަރުކާރުން އެއްވެސް އިމާރާތެއް ދޫކުރުމަށް އިންކާރުކޮށް ހުރަސްއަޅާފައިވަނިކޮށް، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައާއި ސްރީލަންކާގެ ކޮލަމްބޯގައި ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސައި ކުރިއަށް ގެންގޮސްފައިވުމުން އެގެނީ މިޕާޓީއަކީ ތަރުތީބުވެ، އިންތިޒާމްވެގެން ރާއްޖޭގައި ސުލްޙަވެރި ސިޔަސީ ހަރަކާތްތައް ހިންގަމުންދާ އެންމެ ކުޅަދާން އަދި އެންމެ މަޤުބޫލު ސިޔާސީ ޕާޓީކަމެވެ.

މި އިންތިޚާބު އިންތިޒާމްކޮށް ހިންގުމުގައި ބައިވެރިވި އެންމެހައި ފަރާތްތަކަށާއި އަދި ވޯޓުލުމުގައި ބައިވެރިވި އެންމެހައި މެމްބަރުންނަށް އެމް.ޑީ.ޕީން އިޙްލާސްތެރިކަމާއިއެކު ޝުކުރުއަދާކުރަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީގެ ސެކްރެޓޭރިއެޓް
ތާރީހް: 12 ފެބްރުއަރީ 2017

No Comments »

No comments yet.

Leave a comment