އދ. ގެ ވޯރކިންގ ގްރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަން އިން ނިންމި ނިންމުމާއި އެއްގޮތަށް ދިވެހި ސަރުކާރުން އަމަލުކޮށް ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމް ވަގުތުން މިނިވަންކުރުމަށް އެމް.ޑީ.ޕީއިން ގޮވާލުން

ރައީސް ޔާމިންގެ ސަރުކާރުގެ ކުރީގެ ޑިފެންސް މިނިސްޓަރ އަދި މިހާރު މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމް.ޔޫ.އޯ) ގެ އެޑްވައިސަރ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމްގެ މައްޗަށް ސަރުކާރުން ދައުވާކުރުމާއެކު، އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް ހައްޔަރުކޮށްފައިވާ މައްސަލަ، އެމަނިކުފާނުގެ ފަރާތްޕުޅުން އ.ދގެ ވޯރކިންގ ގްރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަން އަށް ހުށަހެޅުއްވުމާއި ގުޅިގެން އެ މައްސަލަ ބެއްލެވުމަށްފަހު އެމަނިކުފާނު ހައްޔަރުކޮށްފައި އެވަނީ ޤާނޫނާއި ޚިލާފަށްކަމާއި އަދި އެމަނިކުފާނު ވަގުތުން މިނިވަންކޮށް އަދި ގެއްލުމުގެ ބަދަލު ލިއްބައިދިނުމަށް އ.ދގެ ވޯރކިންގ ގްރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަންއިން ނިންމަވައި ދިވެހި ސަރުކާރަށް އެންގެވި އެންގެވުމާއި އެއްގޮތަށް ސަރުކާރުން އަމަލުކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)އިން ސަރުކާރަށް ގޮވާލަމެވެ.

އ.ދގެ ވޯރކިންގ ގްރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަނުން އެމައްސަލަ ނިންމެވުމުގަ ފާހަގަކުރައްވާފައިވަނީ ސަރުކާރުން ކާނަލް (ރިޓަޔަރޑް) ނާޒިމް ހައްޔަރުކޮށް ޖަލަށްލާފައިވަނީ އެއްވެސް ޤާނޫނީ ހަމައެއް ނެތިކަމަށާއި އަދި އިންސާފްވެރި ޝަރީއަތެއްގެ ހަމަތަކުގެ މަތިން ނޫންކަމަށެވެ. އަދި އެއީ އ.ދގެ އިންސާނީ ޙައްޤުތަކާއިބެހޭ މުއާހަދާގެ 3ވަނަ މާއްދާއާއި، 9 ވަނަ މާއްދާއާއި، 10 ވަނަ މާއްދާއާއި، 11 ވަނަ މާއްދާއާއި، އަދި 21 ވަނަ މާއްދާއާއި ކަނޑައެޅިގެން ޚިލާފް ހައްޔަރުކުރުމެއްކަމަށެވެ. ހަމައެފަދައިން އެ ހައްޔަރުކުރުމަކީ މަދަނީ އަދި ސިޔާސީ ޙައްޤުތަކާއިބެހޭ ބައިނަލްއަޤުވާމީ މުއާހަދާގެ 9 ވަނަ މާއްދާއާއި، 14 ވަނަ މާއްދާއާއި، އަދި 25 ވަނަ މާއްދާ އާވެސް ކަނޑައެޅިގެން ޚިލާފް ހައްޔަރެއްކަމަށެވެ. .
އެހެންކަމުން ކާނަލް (ރިޓަޔަރޑް) ނާޒިމް ވަގުތުން މިނިވަންކުރުމަށާއި އަދި ނުޙައްޤުން ހައްޔަރުކޮށްފައިވުމުގެ ސަބަބުން އެމަނިކުފާނަށް ޙައްޤު ބަދަލު ލިއްބައިދިނުމަށްވެސް އ.ދގެ ވޯރކިންގ ގްރޫޕުން ސަރުކާރަށް އަންގާފައިވެއެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީގެ ސެކްރެޓޭރިއަޓް
ތާރީހް: 27 ޖަނަވަރީ 2017