ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައި ހުންނަކަމެއްކަމަށާއި، ދިވެހިންގެ ތެރޭގައި ކޮރަޕްޝަން އޮންނަނީ އެހެންވެކަމަށް ރައީސް ޢަބްދުﷲ ޔާމިން ވިދާޅުވެފައިވާތީ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރުން

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައި ހުންނަކަމެއްކަމަށާއި، ދިވެހިންގެ ތެރޭގައި ކޮރަޕްޝަން އޮންނަނީ އެހެންވެކަމަށް ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވިދާޅުވެ ވާހަކަފުޅުދައްކަވާފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމެވެ.

ރާއްޖޭގެ ރައްޔިތުން ސިއްސުވާލައި، ރައްޔިތުންގެ މުދަލާއި ފައިސާއިން އެންމެ ބޮޑެތި ވައްކަންތަކާއި ޚިޔާނާތް ހިންގި ސަރުކާރަކަށް ޢަބްދުﷲ ޔާމިންގެ ސަރުކާރުވެފައިވާއިރު، އަދި އެ ވައްކަންތަކާއި ޚިޔާނާތުގެ މައްސަލަތަކުގެ ފުރިހަމަ ތަޙްޤީޤެއް ހިންގެވުމެއްމެއް ނެތި، އެކަންކަން ތޮބީޢަތާ ގުޅުއްވުމަކީ މާތްވެގެންވާ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެކެވެ.

ތޮބީޢީގޮތުން އިންސާނާއަކީ ހެޔޮކަމާއި މައުސޫމުކަމުގެ ސިފަތަކުން ސިފަ ލިބިގެންވާ ފަރާތަކަށްވެފައި، ތިމާ ޚިޔާނާތްތެރިއަކަށް ނުވަތަ ވަގަކަށް ވަނީ ވެސް ތިމާ ޢަމިއްލައަށްކަމަށްވާއިރު، ޤައުމުގެ އެންމެ މަތީ ވެރިއަކަށް ހުންނަވާ ބޭފުޅަކަށް މި ޙަޤީޤަތް އެނގިވަޑައިނުގެން ޣާފިލުވެވަޑައިގެން ހުންނަވައި މިބާވަތުގެ ވާހަކަފުޅުދެއްކެވުމަކީ އެންމެހައި ރައްޔިތުންނަށާއި، މުޅި ދައުލަތަށާއި ބައިތުލްމާލަށް އޮތް ބޮޑު ނުރައްކަލެއްކަމާމެދު ޝައްކެއް ނެތެވެ.

ޢަބްދުﷲ ޔާމިންގެ ސަރުކާރުން ކޮށްފައިވާ ބޮޑެތި ވައްކަންތަކާއި ޚިޔާނާތުގެ މައްސަލަތަކުން ސަރުކާރުގެ ވެރިން ސަލާމަތްވެވޭނޭ، ބުއްދި ޤަބޫލުކުރާ އެއްވެސް ދިފާޢުއެއް ނެތުމުން، މިހާރު މިފެންނަނީ ވައްކަމާއި ޚިޔާނާތަކީ އިންސާނުންގެ ތޮބީޢަތުގައިވާ ކަންތައްތަކެއްކަމާއި، އާންމުކޮށް އެންމެން ކުރާނޭ ކަންތައްތަކެއްކަމަށް ވާހަކަފުޅުދައްކަވައި، ވައްކަމާއި ޚިޔާނާތުގެ ނުބައިކަން ކުޑަކަމެއްގެ ގޮތުގައި ސިފަކުރެއްވުމަށް މަސައްކަތްޕުޅުކުރައްވާތަނެވެ. އަދި އެކަންތައްތަކަކީ މުޖުތަމަޢުއިން ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ނޫންކަމަށް ސިފަކުރައްވާތަނެވެ.

އަބްދުﷲ ޔާމިން މީގެ ކުރިން ވެސް އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު މި ބާވަތުގެ އެތަކެއް ވާހަކަފުޅުތަކެއް ދައްކަވާފައިވާކަން ފާހަގަކުރަމެވެ. މިގޮތުން މުދަލާއި ފައިސާ ލިބިގަންނައިރު ޙަލާލެއް، ޙަރާމެއް ބަލަން ނުޖެހޭނޭކަމަށް ދޭހަވާގޮތަށް ދަށުދަރަޖައިގެ ވާހަކަފުޅުދައްކަވާފައިވެއެވެ. އަދި ފައިސާ ދީގެން ހިލޭ އަންހެނުންނާއެކު ހިންގާ ޖިންސީގުޅުމަކީ ޙަލާލު ކަމެއްކަމަށް ދޭހަވާގޮތަށް ވާހަކަފުޅުދައްކަވާފައިވެއެވެ.

އެހެންކަމުން އެންމެހައި ހަމަތަކުން ނެއްޓިފައިވާ މިފަދަ ބާތިލު،ފާސިދު ވާހަކަފުޅުތައް ދެއްކެވުން ވަގުތުން ހުއްޓާލެއްވުމަށް ރައީސް ޢަބްދުﷲ ޔާމިނަށް ގޮވާލާހިނދު، އެ ބާތިލު، ފާސިދު ފަލްސަފާގެ މައްޗަށް ބިނާކޮށް ވައްކަމާއި ޚިޔާނާތުގެ ތެރެއަށް މުޅި ދައުލަތް ގަންބާލެއްވުމަށް ކުރައްވަމުން އެގެންދަވާ ކަންތައްތަކާމެދު ސަމާލުވެވަޑައިގެން ތިއްބެވުމަށް އެންމެހައި ރައްޔިތުންނަށް މި ޕާރޓީން ގޮވާލަމެވެ.

ބަޔާންނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 21 ޖެނުއަރީ 2017