mdp_banner

Saturday, December 17, 2016

އެމް.ޔޫ.އޯ އިން އައްޑޫ ސިޓީގައި ރޭ ބޭއްވި ކޭމްޕޭން ޖަލްސާއަށް ސަރުކާރުން އަންގައިގެން ފުލުހުން އަރައިގަނެ ހިންގި ޣައިރުޤާނޫނީ ޢަމަލު ކުށްވެރިކުރުން

ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު ޤާނޫނުގައިވާ ތާރީޚަށް ނުބާއްވައި، ވަކި ތާރީޚެއް ނެތްގޮތަށް ލަސްކޮށްފައިވާ މައްސަލާގައި، އިންސާފުވެރި އިންތިޚާބެއް ހޯދުމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމް.ޔޫ.އޯ) ގެ ފަރާތުން ކުރާ ކޭމްޕޭނުގައި އައްޑޫ ސިޓީ ހުޅުމީދޫގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާއަށް ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުގެ އެންގުމުގެ މަތިން ފުލުހުން އަރައިގަނެ، އެ ޖަލްސާއަށް ހުރަސްއަޅައި ހިންގި ޣައިރުޤާނޫނީ ޢަމަލު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

ރޭގެ ޖަލްސާ އިންތިޒާމުކުރި ފަރާތްތަކުން އެ ޖަލްސާ ބޭއްވުމަށްޓަކައި ފުރަތަމަ ހޯލެއް ހޯދުމަށް އެދި ހުށަހެޅުމުން ސަރުކާރުގެ ނުފޫޒުން އެފަދަ ހޯލެއް ދިނުމަށް އިންކާރުކޮށް، ޕީ.ޕީ.އެމްގެ މުޝްތަޝާރުގެ ފެކްޝަނާމެދު ޢަމަލުކުރާގޮތާ ތަފާތުކޮށް، އެފުރުސަތު އިދިކޮޅު ފަރާތްތަކަށް ފަހިކޮށްދީފައި ނުވެއެވެ. އެކަން ފަހިކޮށް ނުދިނުމުން، ސުލްޙަވެރި ސިޔާސީ ޙަރަކާތްތައް ހިންގުމަށް ލިބިގެންވާ ޙައްޤުގެ ދަށުން މަގުމަތީގައި އެ ޖަލްސާ ބޭއްވުމަށްޓަކައި ބުރަ މަސައްކަތްކޮށް ސްޓޭޖް ތައްޔާރުކުރުމުން ސަރުކާރުން ފުލުހުން ފޮނުވައި އެ ދުވަހު ހަވީރު އެ ސްޓޭޖް ރޫޅާލާފައިވެއެވެ. އެ ޣައިރުޤާނޫނީ ޢަމަލު ފުލުހުން ހިންގުމުން ސްޓޭޖަކާ ނުލައި ޕޯޑިއަމް ބަހައްޓައިގެން މަގުމަތީގައި އެރޭ އެ ޖަލްސާ ކުރިޔަށް ގެންދަނިކޮށް ރަޔަޓު ގިޔަރުގައި ތިބި ގިނަ އަދަދެއްގެ ފުލުހުން ފޮނުވައި އެ ޕޯޑިއަމް އާއި މަގުގެ އެއް ފަރާތުގައި ޖަހާފައި ހުރި ގޮނޑިތައް ނަގައިގަނެގެން ގެންގޮސް، ވަރަށް ނާތަހުޒީބުގޮތަކަށް ގަދަބާރު ދައްކައި އެ ސުލްޙުވަރި ޖަލްސާއަށް ހުރަސްއަޅާފައިވެއެވެ. އަދި އެ ޖަލްސާގައި ބައިވެރިވި އެކަކު ހައްޔަރުކޮށްގެން ގެންގޮސްފައިވެއެވެ.

ލޯކަލް ކައުންސިލުތަކުގެ އިންތިޚާބަށް އެމް.ޔޫ.އޯ އިން ފުރިހަމައަށް ތައްޔާރުވެ، ކެންޑިޑޭޓުން އައްޔަނުކޮށް ކޭމްޕޭން ފަށާފައިވާއިރު، ސަރުކާރުހިންގާ ޕީ.ޕީ.އެމް ގެ މުޝްތަޝާރުގެ ފެކްޝަނަށް އެ އިންތިޚާބަށް ތައްޔާރުވެވިފައި ނުވުމުގެ ސަބަބުން، އިލެކްޝަންސް ކޮމިޝަނާއި ކޯޓުތައް މެދުވެރިވެގެން ޤާނޫނު އަސާސީއާއި ޤާނޫނާ ޚިލާފަށް އެ އިންތިޚާބު ލަސްކޮށް، އަދި އިދިކޮޅު ފަރާތްތަކުން ހިންގާ ކޭމްޕޭންތަކަށް މިފަދައިން ހުރަސްއަޅަމުންދިއުމަކީ ސަރުކާރުން ހިންގާ ވަރަށް ދަށުދަރަޖައިގެ ޢަމަލެކެވެ. އަދި މިކަންކަން ހިނގަމުންދަނީ މިނިވަން މުވައްސަސާތަކުން ބަލަން ތިއްބައިކަމަށްވާއިރު، ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ޙައްޤުތަކާއި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް އެފަރާތްތަކުން ނުކުޅެދިފައިވުމުން ހާމަވަނީ މިރާއްޖޭގެ ޑިމޮކްރެސީއާއި މިނިވަންކަން ވަޅުޖެހެމުންދާކަމެވެ. ނަމަވެސް ޑިމޮކްރެސީއާއި މިނިވަންކަމުގެ ޙައްޤުގެ ދިފާޢުގައި މި ޕާރޓީ ސާބިތުކަމާއެކު ދެމި އޮންނާނޭކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއޭޓް
ތާރީޚް: 17 ޑިސެމްބަރ 2016

No Comments »

No comments yet.

Leave a comment