ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެންޑިޑޭޓުންގެ އޮބްޒާވަރުންނާއި އަދި މޮނީޓަރުންނަށް އެ ފުރުސަތު ގެއްލުވާލުން އިންތިހާއަށް ކުށްވެރިކުރުން

ރައްޔިތުންނަށް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭގޮތަށް އިންތިޚާބުތައް ބޭއްވުމަށް ޤާނޫނު އަސާސީން ލާޒިމުކޮށްފައިވާއިރު، ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުން އިލެކްޝަންސް ކޮމިޝަނާއި ކޯޓުތައް މެދުވެރިކޮށް ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ މިނިވަންކަމާއި އިންސާފުވެރިކަން ނެތިގެންދާ އެންމެހައި ޢަމަލުތަކެއް ޤާނޫނާ ޚިލާފަށް ހިންގަމުންދާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

މި އިންތިޚާބުގެ މިނިވަންކަމާއި އިންސާފުވެރިކަން ނެތިގެންދާގޮތަށް މިހާތަނަށް އައިއިރު ގިނަގުނަ ޢަމަލުތަކެއް ހިންގުމަށްފަހު، ޤާނޫނުގައިވާ ގޮތަށް ކެންޑިޑޭޓުން ނުވަތަ ޕާރޓީތަކުގެ ފަރާތުން އޮބްޒާވަރުންނާއި މަންދޫބުން ކަނޑައެޅުމުގައާއި އަދި މީޑިއާތަކުން މޮނީޓަރުން ކަނޑައެޅުމަށް ދިން އެންމެ ފަހުގެ ތާރީޚު ކަމުގައިވާ 14 ޑިސެމްބަރ 2016 ހަމަވިއިރު، އިލެކްޝަންސް ކޮމިޝަނުން އެކިއެކި އުކުޅުތަކާއި ހީލަތްތައް ބޭނުންކޮށްގެން އެ ފުރުސަތަށް ހުރަސްއަޅާފައިވާކަން ފާހަގަކުރަމެވެ.

އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނީ ފޯމަކުން އިންޓަރނެޓްގެ ޒަރިއްޔާއިންކަމަށް އިޢުލާނުކޮށްފައިވާއިރު، ވަގުތު ފާއިތުވަމުން ދިއައިރު ވެސް އެ ކޮމިޝަނުގެ ސާރވާ ބިޒީވެ، އެ ކޮމިޝަނުން އެދުނުގޮތަށް އިންޓަރނެޓްގެ ޒަރިއްޔާއިން ހުށަހެޅުމަށް ހުރަސްތައް ކުރިމަތިވެފައިވެއެވެ. މިކަމުގެ ސަބަބުން އޮބްޒާވަރުންނާއި އަދި މޮނީޓަރުންގެ ނަންތައް ހުށަހެޅުމުގެ ފުރުސަތު އެތަކެއް ކެންޑިޑޭޓުންނަށް ގެއްލިގޮސްފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި މިއީ އިލެކްޝަންސް ކޮމިޝަނުން އެ ފުރުސަތަށް ހުރަސްއެޅުމަށް ހީލަތްތެރިކަމާއެކު ހިންގި ޢަމަލެއްކަމަށް ދެކެމެވެ. އަދި މި ޝަކުވާތަކާ ގުޅިގެން، އިންޓަރނެޓުގެ ޒަރިއްޔާއިން ނޫންގޮތަށް ވެސް ހުށަހެޅިދާނޭކަމަށް އެ ކޮމިޝަނުން ސިޔާސީ ޕާރޓީތަކަށް ސިޓީއަކުން އަންގާފައިވަނީ ވެސް އެ މުއްދަތު ހަމަވަނިކޮށް ހުކުރު އަދި ހޮނިހިރު ބަންދަކާ ދިމާކޮށެވެ. މި އެންމެހައި ހުރަސްތަކާ އެކު މި ޕާރޓީން ހުށަހެޅި އޮބްޒާވަރުންގެ ނަންތަކުގެ ތެރެއިން ގިނަ ނަންތަކެއް އިލެކްޝަންސް ކޮމިޝަނުން ވަނީ އެއްވެސް ހަރުދަނާ ސަބަބެއް ނެތި ބަލައި ނުގަނެފައެވެ. އަދި އަތޮޅު ފޯކަލް ޕޮއިންޓުތަކުން އޮބްޒާވަރުންގެ ފޯމު ބަލައިގަންނާނޭކަމަށް އެ ކޮމިޝަނުން އަންގާފައި ވީނަމަވެސް ބައެއް ފޯކަލް ޕޮއިންޓުތަކުން އެގޮތަށް ވެސް ޢަމަލުކޮށްފައިނުވެއެވެ. އަދި މިކަންކަން މިހެން އޮތް އިރު މި އިންތިޚާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގައި އެކުލަވާލާފައިވާ ޤައުމީ ލަފާދޭ ކޮމެޓީގައި އެމް.ޑީ.ޕީގެ ފަރާތުން ތަމްސީލުކުރައްވަމުން ގެންދަވާ މަންދޫބު، މި ޕާރޓީގެ ޗެއަރޕާސަންގެ ނައިބު ޢަލީ ނިޔާޒު، މިދަނޑިވަޅާ ދިމާކޮށް ފުލުހުން ހައްޔަރުކޮށްފައިވާ ޢަމަލަކީ ވެސް މި އިންތިޚާބަށް ހުރަސްއެޅުމުގެ ގޮތުން ސަރުކާރުން ހިންގި ޢަމަލެއްކަމަށް ދެކެމެވެ.

މިއެންމެހައި ކަންތައްތަކުގެ ސަބަބުން ސިޔާސީ ޕާރޓީތަކާއި ކެންޑިޑޭޓުންނާއި ނުވަތަ މީޑިއާގެ ފަރާތްތަކަށް ވޯޓު ގުނާއިރު ޙާޟިރުވެ ތިބުމާއި އަދި ނަތީޖާ ލިޔެ ބެލެހެއްޓުމަށް ޤާނޫނާ ޚިލާފަށް ހުރަސްއެޅިފައިވެއެވެ. އަދި މިކަމަކީ ކޮމަންވެލްތުގެ އޮބްޒާވަރުންނަށް އިންތިޚާބު އޮބްޒާވްކުރުމުގެ ފުރުސަތު ބަންދުކުރުމުގެ ގޮތުން ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވި ބީދާއިން، ކެންޑިޑޭޓުންނާއި ސިޔާސީ ޕާރޓީތަކުންނާއި މީޑިއާއިން އިންތިޚާބު އޮބްޒާވްކުރުމާއި މޮނިޓަރކުރުން ވެސް ބަންދުކުރުމުގެ ގޮތުން ސަރުކާރުގެ ނުފޫޒުން އިލެކްޝަންސް ކޮމިޝަނުން ހިންގާ ހީލަތްތެރި ޢަމަލެކެވެ. ހަމަ އެފަދައިން މިއީ އިންތިޚާބުގެ މިނިވަންކަމާއި އިންސާފުވެރިކަން ގެއްލިގެންދާނޭ ކަމެކެވެ. އެހެންކަމުން މިފަދަ ޢަމަލުތައް ވަގުތުން ހުއްޓާލުމަށާއި، ރައްޔިތުންނަށް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭގޮތަށް ޢަމަލުކުރުމަށް ސަރުކާރަށާއި އިލެކްޝަންސް ކޮމިޝަނަށާއި ކޯޓުތަކަށް މި ޕާރޓީން ގޮވާލަމެވެ.

15 ޑިސެމްބަރ 2016
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް