ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަކީ ޤާނޫނުގެ ވެރިކަން ހިންގުމަށް އޮތް ހުރަހެއް

ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 8 ވަނަ ބާބުގައި ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުޞޫލުން ކަމަށާއި ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތީން އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިންތިޚާބު ބާއްވާން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ލާޒިމްކުރާ ހިނދު، ޤާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ނުބޭއްވުމަކީ ޤާނޫނުގެ ވެރިކަން ހިންގުމަށް އޮތް ހުރަހެކެވެ.

25 ޖަނަވަރީ 2017 ގެ ކުރިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވީނަމަވެސް އެ އިންތިޚާބު ފަސްކުރުމަށް އެދިފައިވާ ފަރާތުން ހުށަހަޅާފައިވަނީ އެއްވެސް ބުރަދަނެއް ނެތް ހުސްވާހަކަތަކެއް ކަމުގައި ފާހަގަ ކުރަމެވެ. ދައުވާ ހުށަހަޅާފައިވަނީ ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ ނަމުގައިވީނަމަވެސް، އެ ޕާޓީގެ އަސާސީ ޤަވާއިދުގައިވާ ގޮތުގެމަތީން ޕާޓީގެ އެންމެ އިސްފަރާތް ކަމުގައިވާ ޕާޓީގެ ރައީސް އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ޝަރީޢަތުގައި ވިދާޅުވެފައިވަނީ އެ ޕާޓީން އިންތިޚާބު ފަސްކުރުމަށް ބޭނުންނުވާ ކަމުގައެވެ. ޕީ.ޕީ.އެމްގެ އިތުރުން ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއާއި އަދާލަތު ޕާޓީއާއި، އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ އިންތިޚާބު ފަސްކުރުމަށް ތާއީދު ނުކުރާ ކަމުގައި ޝަރީޢަތުގައި ހާމަކޮށްފައެވެ.

ދިވެހިރާއްޖޭގައި މައިގަނޑު ހުރިހާ ސިޔާސީ ޕާޓީކުގެ ތެރޭގައި ހިމެނޭ ޕީ.ޕީ.އެމް އާއި، އެމް.ޑީ.ޕީ އާއި، އަދާލަތު ޕާޓީ އަދި އިލެކްޝަންސް ކޮމިޝަނުން އެއް އަޑަކުން އިންތިޚާބު ފަސްކުރަން ޖެހޭ ފަދަ ޙާލަތެއް މެދުވެރިނުވެ ފަސްކުރުމަށް ބޭނުންނުވާ ކަމުގައި ބުނެފައިވާއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މަދު ބައެއްގެ މަސްލަހަތު އިސްކޮށް، ފަސްކުރުމަކީ ދިވެހިރައްޔިތުންގެ އިންތިޚާބީ ޙައްޤުތަކަށް ލިބޭ ބޮޑު އުނިކަމެކެވެ.

އިންތިޚާބު ފަސްކުރުމަށް އެދި ހުށަހެޅި ކަންކަމުގެ ތެރޭގައި ޕީޕީއެމްގެ ޑޭޓާ ބޭސް ނެތުން ކަމުގައި ބަޔާންކުރިނަމަވެސް ޕާޓީތަކުގެ ދަފްތަރަކީ އިލެކްޝަންސް ކޮމިޝަނުން ލިބެން ހުރި މައުލޫމާތުތަކެވެ. މުދާތައް ގެއްލިފައިވާކަމުގައި ދައުވާ ހުށަހެޅި ފަރާތުން ބުނެފައިވީނަމަވެސް އެފަރާތަކީ ދިވެހިރާއްޖޭގައި އުފެދިފައިވާ އެއްވެސް ސިޔާސީ ޕާޓީއަކަށް ލިބިފައިނުވާ ޢިނާޔަތްތަކާއި ދައުލަތުގެ އެހީތެރިކަމާއި ދައުލަތުގެ މުދަލާއި ވަޞީލަތްތައް ލިބެމުން އަންނަ ފަރާތެއް ކަމުގައި ފާހަގަ ކުރަމެވެ. މީގެ އިތުރުން އިންތިޚާބު ފަސްނުކޮށްފިނަމަ ޤައުމުގައި ހަމަނުޖެހުން އުފެދިދާނެ ކަމުގައި ދައުވާ ކުރާ ފަރާތުން ހާމަކުރިނަމަވެސް، އެފަދަ ޙާލަތަކުން ޤައުމު ސަލާމަތް ކުރުމުގެ ޤާނޫނީ ޒިންމާ އެޅުވިފައިވާ ހުރިހާ ފަރާތެއްގެ ބެލެނިވެރިޔަކީ ދައުލަތުގެ އެންމެ އިސް ވެރިޔާ އަދި ދައުވާ ކުރާ ފަރާތްކަމުގައިވެސް ފާހަގަ ކުރަމެވެ. އެހެންކަމުން މިއީ އެވެސް ޙާލަތެއްގައި ޤާނޫނުގައި ބުނެފައިވާ އިންތިޚާބުގެ ތާރީޚް ބަދަލުކުރުމަށް ހުއްޖަތެއް ނޫނެވެ.

ޤާނުނުގެ ވެރިކަން ނެގެހެއްޓުމަކީ ދިވެހި ދައުލަތުގެ އެންމެ ބޮޑު ޒިންމާއެވެ. ޤާނުނު އަސާސީއާއި ޤާނޫނުތައް ވަކި ބައެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް ބޭނުން ކުރުމަކީ ރައްޔިތުންނަށާއި ޤައުމަށް ކުރިމަތިކުރުވާ ބޮޑު ނުރައްކަލަކާއި ބިރުވެރިކަމެކެވެ. ދައުލަތުގެ ހަމަޖެހުމާއި، މިނިވަންކަމާއި އިސްތިޤްލާލް ގުޅިފައިވަނީ ޤާނޫނުގެ ވެރިކަމާއެވެ. ވެރިކަމުގެ ނިޒާމުގެ ސާފުކަން އަންގައިދޭ އެންމެ އަލިގަދަ ނިޝާނަކީ މިނިވަން އިންސާފުވެރި އިންތިޚާބެކެވެ. ޤާނޫނުގައި ބުނާ ތާރީޚްތަކަށް ބެލުމެއްނެތި، ވަކި ބައެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ދައުލަތުގެ މުއައްސަސާތަކާއި، އިންތިޚާބީ ނިޒާމު ބޭނުންކުރުމުން ވެރިކަމުގެ ނިޒާމު ގަޑުބަޑުވެގެންދާނެއެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު ފަސްކުރުމަކީ މުސްތަޤްބަލުގައި ބޭއްވޭ އިންތިޚާބުތަކަށް ދައުލަތުން ނުފޫޒުފޯރުވުމަށް ހުޅުވިގެންދާ ދޮރެކެވެ. މިކަމާ ގުޅިގެން ފިތުނަ ފަސާދަ އުފެދި ދައުލަތުގެ ކަރާމާތް ގެއްލި ރައްޔިތުންގެ މުދަލަށާއި ހަށިފުރާނަ ރައްކާކުރުމަށް ހުރަސް އެޅި ޢަދުލުވެރި ދައުލަތުގެ ނިޒާމް ފުނޑުފުނޑުވެގެންދާނެއެވެ.

އެހެންކަމުން އިސްވެދެންނެވުނު ކަންކަމަށް ރިޢާޔަތްކޮށް، ޤާނޫނުގައި ބުނާ ތާރީޚުގައި އިންތިޚާބު ބޭއްވުމަކީ އިލެކްޝަންސް ކޮމިޝަންގެ ޤާނޫނީ ޒިންމާ ކަމުގައިވާއިރު އެކަން އިންސާފުވެރިކޮށް ކުރިއަށް ގެންދިއުމަށާއި ނުފޫޒުން އެއްކިބާވެފައިވާ އިންތިޚާބެއް ބޭއްވުމަށް ބާރު އަޅައި ޤާނޫނުގައި ބުނެފައިވާ ތާރީޚްގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމުގެ އެންމެހައި އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށް ދައުލަތުގެ އެންމެހައި ފަރާތްތަކަށް ގޮވާލަމެވެ.

އެމް.ޑީ.ޕީ ބައިވެރިވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮސިޝަން އިން ނެރެފައިވާ ނޫސް ބަޔާން