ރައްޔިތުންގެ ފައިސާއާއި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށް، އަދި މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ރައީސް ޔާމިން ކޭމްޕޭން ޖަލްސާތައް ބޭއްވުން ކުށްވެރިކުރުން

ރައީސް ޢަބްދުﷲ ޔާމިން ގެ ސަރުކާރަށް 3 އަހަރު ފުރުން ފާހަގަކުރުމަށްކަމަށް ބުނެ، 2018 ވަނަ އަހަރުގެ ޕީ.ޕީ.އެމް. ގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ޢަބްދުﷲ ޔާމީނު ހެދުމުގެ ޖަލްސާއެއްގެ ގޮތުގައާއި، އަދި ރިޔާސީ އިންތިޚާބަށް އެމަނިކުފާނަށް ކޭމްޕޭންކުރުމުގެ ޖަލްސާއެއްގެ ގޮތުގައި އަލިމަސް ކާނިވަލުގައި ރޭގައި ސަރުކާރުން ޖަލްސާއެއް ބާއްވައި، އެ ޖަލްސާއަށްޓަކައި ރައްޔިތުންގެ ފައިސާއާއި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށް، އަދި ސިވިލް ސާރވަންޓުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން އެ ޖަލްސާއަށް ހާޒިރުވުމަށް މަޖުބޫރުކޮށްފައިވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

ރައީސް ޢަބްދުﷲ ޔާމީނަށް ކޭމްޕޭންކުރުމަށް ރޭގައި ބޭއްވި ޖަލްސާއަށް ސިވިލް ސާރވަންޓުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ދިއުމަށް މަޖުބޫރުކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުންފާޅުކޮށް، އަދި އެކަމުގެ ޝަކުވާތައް އެފަރާތްތަކުން އެމް.ޑީ.ޕީއާ ޙިއްޞާކޮށްފައިވެއެވެ. އަދި ރައްޔިތުންގެ ފައިސާއިން ބޮޑެތި ވައްކަމާއި ޚިޔާނާތްވެފައިވާކަން ފަޅާއަރާފައިވާ މި ސަރުކާރުން އަދި ވެސް ރައްޔިތުންގެ ފައިސާއާއި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުމެއްނެތި ކުރިއަށްގެންދާކަން މިފަދަ ޢަމަލުތަކުން އެނގެއެވެ.

ސިވިލް ސާރވަންޓުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން އެ ޖަލްސާއަށް ހާޒިރުވުމަށް މަޖުބޫރުކޮށްގެން ގެންގޮސް، ރައީސް ޢަބްދުﷲ ޔާމީނަށް ކޭމްޕޭންކުރާ ޖަލްސާއަކަށް އެ ޖަލްސާ ހެދުމުގެ ނަތީޖާއެއްގެ ގޮތުން، ޖަލްސާ ފެށުމާއެކު ގިނަ އަދަދެއްގެ މީހުން ޖަލްސާދޫކޮށް ނުކުތުމުން ޖަލްސާގެ ގިނަ ގޮނޑިތައް ހުސްވެ، އެތަން ފަޅުވެފައިވާކަން ފާހަގަކުރަމެވެ. ވަޒީފާގެ ބިރުދައްކައިގެންނާއި މަޖުބޫރުކޮށްގެން މުވައްޒަފުން ޖަލްސާތަކަށް ގެންދިއުމަކީ މިޒަމާނާ ނުގުޅޭ ދަށުދަރަޖައިގެ ޢަމަލެއްކަމާއި، އަދި އެއީ ރައްޔިތުންގެ ޙަޤީޤީ ތާޢީދު ނެތް ސިޔާސީ ބޭފުޅުން ކުރައްވާ ޒާތުގެ ޢަމަލެއްކަން ފާހަގަކުރަމެވެ. ރައްޔިތުންގެ ތާޢީދާއި ލޯބި ހޯދޭނީ ބިރުދައްކައިގެން ނުވަތަ މަޖުބޫރުކޮށްގެން ނޫންކަމާއި، އެކަމަކީ ހިތާހިތުގެ ގުޅުމަކުން ޙާޞިލުވާ އެއްޗެއްކަން ސަރުކާރަށް ހަނދާންކޮށްދެމެވެ.
2018 ވަނަ އަހަރުގެ ޕީ.ޕީ.އެމް. ގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ޢަބްދުﷲ ޔާމީނު ހެދުމުގެ ޖަލްސާއެއްގެ ގޮތުގައާއި، އަދި ރިޔާސީ އިންތިޚާބަށް އެމަނިކުފާނަށް ކޭމްޕޭންކުރުމުގެ ޖަލްސާއެއްގެ ގޮތުގައި، ރައްޔިތުންގެ ފައިސާއާއި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށް، އަދި ސިވިލް ސާރވަންޓުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން އެ ޖަލްސާއަށް ހާޒިރުވުމަށް މަޖުބޫރުކޮށްފައިވާ އެ ޖަލްސާގައި މިނިވަން މުވައްސަސާތަކުގެ ވެރިން ވަޑައިގެން ތިއްބެވުމަކީ މުވައްޒަފުން ނުވަތަ ރައްޔިތުންގެ ޙައްޤުތައް އެފަރާތްތަކުން ރައްކާތެރިކޮށްނުދެވޭނޭކަމުގެ ސާފު ހެއްކެކެވެ. އަދި ޑިމޮކްރެޓިކް އުސޫލުތައް ފާޅުގައި ނެތިކޮށްލަމުންދާކަން ހާމަވާކަމެކެވެ.

ބަޔާންނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚު: 29 ނޮވެމްބަރ 2016