mdp_banner

Monday, November 28, 2016

އެމް.ޑީ.ޕީ ގެ ޗެއަރޕާސަން ޢަލީ ވަޙީދު ޗެއަރޕާސަންކަމުގެ މަޤާމުން މިއަދު އިސްތިޢުފާ ދެއްވާފައިވާތީ އެކަން ހާމަކުރުމަށް ނެރޭ ނޫސްބަޔާން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޗެއަރޕާސަން ޢަލީ ވަޙީދު އެމް.ޑީ.ޕީގެ ޗެއަރޕާސަންކަމުގެ މަޤާމުންނާއި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމް.ޔޫ.އޯ) ގެ ނައިބު ލީޑަރުކަމުން މިއަދު އިސްތިޢުފާ ދެއްވައިފިއެވެ.

އެމަނިކުފާނު އިސްތިޢުފާދެއްވާފައިވަނީ އެމަނިކުފާނު ޖަލަށްލެވި، އަމިއްލަ ވަޒަނުން އަރުވާލެވި، ބޭރު ޤައުމެއްގެ ޙިމާޔަތުގައިހުންނަވައި، އިތުރަށް މަޤާމް ދެމެހެއްޓުމަށްވުރެ، ޕާޓީއާއި ރާއްޖޭގެ މިވަގުތުގެ ޙާލަތަށް ބައްލަވައި، ޖަމާޢަތުގެ މަސްލަޙަތަށްޓަކައި، ރާއްޖޭގައި ޤާއިމްވެހުރި ފަރާތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ. އަދި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދަށާއި، ޤައުމީ މަޖިލީހުގެ މެމްބަރުންނަށާއި، ސެކްރެޓޭރިއެޓްގެ ހީވާގި މުވައްޒަފުންނަށާއި، ޕާޓީގެ އެންމެހައި އާއްމު މެމްބަރުންނަށް އެމަނިކުފާނު ވަރަށް އިޚްލާސްތެރި ކަމާއިއެކު ޝުކުރު ދަންނަވާފައިވެއެވެ. ހަމައެފަދައިން، ޕާޓީގެ ޗެއަރޕާސަންކަމުގެ މަޤާމުގައި ހުންނަވައި ޕާޓީގެ ލޮބުވެތި ޢާއްމު މެމްބަރުންނަށް ޚިދުމަތް ކުރައްވަން ލިބިވަޑައިގަތް ފުރުޞަތަކީ، އެމަނިކުފާނުގެ ސިޔާސީ ޙަޔާތްޕުޅުގައި ލިބިވަޑައިގަތް އެންމެ އުފާވެރި އެއް ވަގުތު ކޮޅުކަމުގައި ވެސް ވިދާޅުވެފައިވެއެވެ.

ޢަބްދުﷲ ޔާމިންގެ ސަރުކާރުން ހިންގަމުންދާ ވައްކަންތަކާއި ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލުމަށް ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު މުޒާހަރާ ކަމުގައިވާ “މޭޑޭ މުޒާހަރާ” އިންތިޒާމުކުރެއްވުމުގައި ޢަލީ ވަޙީދު އަދާކުރެއްވި އިސް ދައުރުގެ ސަބަބުން އެމަނިކުފާނު ނުޙައްޤުން ޙައްޔަރުކޮށް ޖަލަށްލާފައިވެއެވެ. އަދި އެއަށްފަހު އެމަނިކުފާނު އިގިރޭސި ވިލާތަށް ވަޑައިގެން އިގިރޭސިވިލާތުގެ ހިމާޔަތްހޯއްދަވާފައިވެއެވެ. އަދި އިގިރޭސި ވިލާތުގައި ހުންނަވަނިކޮށް މި ސަރުކާރުން އެމަނިކުފާނުގެ މައްޗަށް ނުޙައްޤުން ޓެރަރިޒަމުގެ ދަޢުވާ އުފުލައި އެމަނިކުފާނުގެ ޕާސްޕޯރޓު ކެންސަލުކޮށް ބިރުދެއްކުމުގެ އެކިއެކި އަމަލުތަކާއި ފުރައްސާރަކުރުން އެމަނިކުފާނަށް ރަށްދުކުރަމުން ގެންގޮސްފައިވާކަން ފާހަގަކުރަމެވެ. ނަމަވެސް ސަރުކާރުން ހިންގަމުންދާ ބޮޑެތި ވައްކަންތަކާއި ފަސާދައާއި ބައިނަލްއަޤުވާމީ ޖަރީމާތައް، ހެކިތަކާއެކު ދިވެހި ރައްޔިތުންނަށާއި ދުނިޔެއަށް ހާމަކުރެއްވުމުގައި އެމަނިކުފާނު ފަސްޖެހިވަޑައިގެންފައި ނުވާކަން ފާހަގަކުރަމެވެ.

ޢަލީ ވަޙީދު އެމް.ޑީ.ޕީގެ ޗެއަރޕާސަންކަމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހުންނަވައިގެން މި ޕާރޓީއަށް ކޮށްދެއްވަމުން ގެންދެވި އިޚްލާޞްތެރި ބުރަ މަސައްކަތްޕުޅުތަކަށް އެމް.ޑީ.ޕީ އިން ނުހަނު އިޚްލާޞްތެރިކަމާއެކު އެމަނިކުފާނަށް ޝުކުރު ދަންނަވަމެވެ. އެމަނިކުފާނު ޗެއާރޕާސަންކަމުގައި ހުންނަވައިގެން މި ޕާރޓީ ހިންގުމަށް ބޮޑެތި އިސްލާޙީ ބަދަލުތައް ގެންނަވައި، ޕާރޓީ ކުރިއެރުވުމަށް މަސައްކަތްޕުޅު ކުރައްވާފައިވަނީ ވަރަށް ހިތްވަރާއި ޖޯޝާއި ފޯރިއާ އެކުގައިކަން ފާހަގަކުރަމެވެ. އަދި އެމަނިކުފާނުގެ ޚިދުމަތް މި ޕާރޓީއަށް އަބަދުވެސް ލިބެމުންދާނޭކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމުގައި ދަންނަވަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚު: 28 ނޮވެމްބަރ 2016

އެމް.ޑީ.ޕީ ގެ ޗެއަރޕާސަން ޢަލީ ވަޙީދު ޗެއަރޕާސަންކަމުގެ މަޤާމުން މިއަދު އިސްތިޢުފާ ދެއްވާ އެމް.ޑީ.ޕީގެ ރައީސް މުޙައްމަދު ނަޝީދަށް ފޮނުއްވާފައިވާ ސިޓީ ބެއްލެވުމަށް މި ލިންކަށް ފިތާލާ

No Comments »

No comments yet.

Leave a comment