ޕީ.ޕީ.އެމްގެ މުޝްތަޝާރު ޢަބްދުﷲ ޔާމިންގެ ފެކްޝަނުން ޤާނޫނު އަސާސީއާ ޚިލާފަށް ކޯޓު މެދުވެރިކޮށް ކައުންސިލު އިންތިޚާބުތަކުގެ ތާރީޚުތައް ފަސްކުރާކުރުން ކުށްވެރިކުރުން

ސަރުކާރު ހިންގާ ޕްރޮގްރެސިވް ޕާރޓީ އޮފް ދަ މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ މުޝްތަޝާރު ޢަބްދުﷲ ޔާމިންގެ ފެކްޝަނުން ޤާނޫނު އަސާސީއާ ޚިލާފަށް މުވައްސަސާތަކާއި ކޯޓުތައް މެދުވެރިކޮށް ޢާންމު އިންތިޚާބުތަކުގެ ސައްޙަކަން ގެއްލުވާލުމުގެ ސިލްސިލާއަށް އަލުން ބޮޅެއް އިތުރުކޮށް، ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ތާރީޚުތަކަށް ޤާނޫނާ ޚިލާފަށް ބަދަލުގެނެސް ލަސްކޮށް، ވޯޓުލުމުގެ ޙައްޤު ނަގާލައި ޑިމޮކްރެޓިކް ނިޒާމު ހަލާކުކޮށްލަމުންދާ ދިއުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

2013 ވަނަ އަހަރު ސައްޙަގޮތުގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ނަތީޖާތައް ކޯޓު މެދުވެރިކޮށް ބާތިލުކޮށް މުޅި އިންތިޚާބުގެ ސައްޙަކަން ގެއްލުވާލައި، ޑިމޮކްރެޓިކް ނިޒާމު ހަލާކުކޮށްލުމަށްފަހު، ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ތާރީޚުތަކަށް މިހާރު މިއޮތް އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ވެސް ޤާނޫނާ ޚިލާފަށް އެކިއެކި ބަދަލުތައް ގެނައުމަށްފަހު، އެވަރުން ނުފުދިގެން ކޯޓުގެ މެދުވެރިކޮށް އިންތިޚާބު ލަސްކުރުމުގެ ބޮޑު ޖަރީމާ، ޕީ.ޕީ.އެމް ގެ ޢަބްދުﷲ ޔާމިންގެ ފެކްޝަނުން ހިންގައި ޑިމޮކްރެޓިކް ނިޒާމު ހަލާކުކޮށްލަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

އެމް.ޑީ.ޕީ އާއި އަދާލަތު ޕާރޓީން ކައުންސިލުތަކުގެ އިންތިޚާބުގެ ޕްރައިމެރީތައް ބާއްވައި، ކެންޑިޑޭޓުން ހޮވައި، ތައްޔާރުވެފައިވާއިރު، ޕީ.ޕީ.އެމް ގެ ޢަބްދުﷲ ޔާމިންގެ ފެކްޝަނުން މި އިންތިޚާބަށް ތައްޔާރުވެވިފައި ނުވުމުގެ ސަބަބުން އެ ފެކްޝަނުން އެދުނުގޮތަށް އެ ފެކްޝަނަށްޓަކައި ކޯޓުން ވަކި މުއްދަތެއް ނެތްގޮތަށް ރީރަޖިސްޓްރީކުރުމުގެ މުއްދަތު ފަސްކޮށް ވަގުތީ އަމުރެއް ނެރެ، އިންތިޚާބު ލަސްކުރާކުރުމުން ސާބިތުވަނީ ސަރުކާރުން އިންތިޚާބަށް ނުފޫޒުފޯރުވާ މިންވަރެވެ. އަދި މިކަމަކީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރު ހިންގާ ޕީ.ޕީ.އެމްގެ ޢަބްދުﷲ ޔާމިންގެ ފެކްޝަނުން ކޯޓުތައް ނަހަމަގޮތުގައި ބޭނުންކުރާކަމުގެ ހެއްކެކެވެ. ހަމައެފަދައިން މިކަމަކީ ޑިމޮކްރެޓިކް ނިޒާމު އެއްކޮށް ހަލާކުވެ، އިންތިޚާބުތަކާއި މުވައްސަސާތަކުގެ އިތުބާރާއި ސައްޙަކަން ރައްޔިތުންގެ ކުރިމަތީގައި އިތުރަށް ގެއްލިގެންދާނޭ ބޮޑު ޖަރީމާއެކެވެ.

ބަޔާންނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚު: 21 ނޮވެމްބަރ 2016