އައްޝައިޚް އިލްޔާސް ޙުސެއިނަށް ލިބިވަޑައިގެންފައިވާ ހުއްދަތައް ސަރުކާރުން ބާތިލުކުރިކުރުން ހަރުއަޑުން ކުށްވެރިކުރުން

މައްޝޫރު ދީނީ ޢިލްމުވެރިޔާ، އަދާލަތު ޕާރޓީގެ ޢިލްމުވެރިންގެ ކައުންސިލުގެ ރައީސް، އައްޝައިޚް އިލްޔާސް ޙުސެއިނަށް ލިބިވަޑައިގެންފައިވާ، ދިވެހިރާއްޖޭގައި ދީނީ ތަޤުރީރުކުރެއްވުމާއި ވަޢުޡުވިދާޅުވުމުގެ ހުއްދައާއި، ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހުކުރުނަމާދާއި ޢީދު ނަމާދުކުރެއްވުމުގެ ހުއްދަ، އިއްޔެއިން ފެށިގެން ސަރުކާރުން ބާތިލުކޮށްފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

އައްޝައިޚް އިލްޔާސް ޙުސެއިނަށް ލިބިވަޑައިގެންފައިވާ މި ދެންނެވި ހުއްދަތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުން ބާތިލުކޮށްފައިވަނީ ހުކުރުދުވަހު މިސްކިތުގައި ޚުދުބާއެއް ނުބައްލަވާ ވިދާޅުވުމުންކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އައްޝައިޚް އިލްޔާސް ޙުސެއިނަކީ ނުބައްލަވައި ޚުތުބާ ވިދާޅުވުމުގެ ހުއްދަ މީގެކުރިން ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އައްޝައިޚް އިލްޔާސް ޙުސެއިނަށް ލިބިވަޑައިގެންފައިވާ ހުއްދަތައް އިއްޔެ ބާތިލުކޮށްފައިވަނީ އެކަމުގެ ސަބަބެއް އެ މިނިސްޓްރީން އެންގުމަކާ ނުލައި، އަދި އެކަމުގައި އެބޭފުޅާއާ އެއްވެސް ސުވާލެއް ކުރުމެއް ނެތިއެވެ. އަދި އެ މިނިސްޓްރީގެ ފަރާތުން ޓީވީ ޕްރޮގްރާމުތަކުގައި އެ މަޢުލޫމާތު ޙިއްޞާކޮށްފައިވާއިރު، އައްޝައިޚް އިލްޔާސް ޙުސެއިނަށް އެކަން އަންގާފައިވަނީ މާފަހުންކަން ފާހަގަކުރަމެވެ.

މިކަމަކީ ދީނީ ޢިލްމުވެރިންގެ ތެރެއިން ސަރުކާރު ހިތް އެދޭ ޢިލްމުވެރިން ފިޔަވައި އެހެން ޢިލްމުވެރިން ވަޢުޡުވިދާޅުވުމާއި ޚުތުބާ ވިދާޅުވުންފަދަ ކަންކަމުން ދުރުކުރުވުމުގެ މަޤުޞަދުގައި ސަރުކާރުން ހިންގި ނޭއްގާނީ އަދި ނާއިންސާފު ޢަމަލެކެވެ.

އެމް.ޑީ.ޕީގެ ސަރުކާރު އޮތް އިރު، ދީނީ ކޮންމެ ޢިލްމުވެރިޔަކަށް އެއްވެސް ބިރަކާނުލައި ތަޤުރީރުކުރެއްވުމާއި ނަސޭޙަތްދެއްވުމާއި އަދި މީގެ އިތުރުން ބައެއް ޢިލްމުވެރިންނަށް ނުބަލާ ޚުތުބާ ވިދާޅުވުމުގެ ފުރިހަމަ މިނިވަންކަން ކަށަވަރުކޮށްދީފައިވީއިރު، ރައީސް ޢަބްދުﷲ ޔާމިން ޢަބްދުޤައްޔޫމުގެ ސަރުކާރު އައިފަހުން މި ސަރުކާރު ބޭނުންވާ ޢިލްމުވެރިޔަކު ފިޔަވައި، ދެން ތިއްބެވި ޢިލްމުވެރިންނަށް ބިރުދައްކައި އަދި އެބޭފުޅުންގެ ހުއްދަތައް ބާތިލުކުރަމުން ގެންދާކަމީ މި ޕާރޓީން އިންތިހާއަށް ކަންބޮޑުވާކަމެކެވެ.

ބަޔަން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
17 އޮކްޓޯބަރ 2016