ސަރުކާރުން ކުއްލިގޮތަކަށް ކާޑުގެ ބާވަތްތަކުގެ އަގު ސަތޭކަ ޕަސެންޓުން ބޮޑުކޮށްފައިވާތީއާއި ކަރަންޓުގެ އަގު ބޮޑުކޮށްފައިވާތީ އިންތިހާއަށް އެކަން ކުށްވެރިކުރުން

ސަރުކާރުން ކުއްލިގޮތަކަށް ކާޑުގެ ބާވަތްތައްކަމަށްވާ ހަނޑޫ، ހަކުރު އަދި ފުށުގެ އަގުން ސަތޭކަ ޕަރސެންޓް ރެއިން ފެށިގެން ބޮޑުކޮށްފައިވާތީއާއި އަދި ހަމަ މިދަނޑިވަޅުގައި ކަރަންޓުގެ އަގު ބޮޑުކޮށްފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަން އިންތިހާއަށް ކުށްވެރިކުރަމެވެ.

ހަނޑޫ، ހަކުރު އަދި ފުށުގެ އަގުން ކުއްލިގޮތަކަށް ސަތޭކަ ޕަރސެންޓް ބޮޑުކުރުމުން، މީގެ ކުރިން 3.98 ރުފިޔާއަށް ވިއްކަމުންދިއަ ހަނޑޫ ކިލޯއެއް މިހާރު ގަންނަން ލިބޭނީ 7.96 ރުފިޔާއަށެވެ. އަދި 4 ރުފިޔާއަށް ކުރިން ވިއްކަމުންދިއަ ހަކުރު ކިލޯއެއް ދެން ލިބޭނީ 8 ރުފިޔާއަށެވެ. ފުށްކިލޯއެއްގެ އަގު މީގެކުރިން 2.96 ރުފިޔާއަށް ހުރިއިރު މިހާރު ފުށްކިލޯއެއް ގަންނަން ލިބޭނެ އަގު 5.96 ރުފިޔާއަށް އަރާނެއެވެ. މިއީ ވޭތުވެދިއަ 40 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި ކާޑުގެ އަގު ކުއްލިއަކަށް ބޮޑުނުވާ މިންވަރަށް ބޮޑުވެގެންދިއަ ދިއުމެއްކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

ކާޑުގެ ބާވަތްތަކުގެ އަގުން ސަތޭކަ ޕަރސެންޓް ބޮޑުކޮށްފައިވާއިރު، ހަމަ މިދަނޑިވަޅުގައި އާންމު ރައްޔިތުން ދައްކަންޖެހޭ ކަރަންޓް ބިލުގެ ފިއުލް ސާރޗާޖް ސަރުކާރުން ބޮޑުކޮށް، ކަރަންޓް ބިލު ބޮޑުކޮށްފައިވާތީ އިންތިހާއަށް ކަންބޮޑުވަމެވެ.

މިކަން މިހެން އޮތް އިރު، މަސްވެރިން ބާނާ މަހަށް ފައިސާ ނުދެއްކި މަސްވެރިން ބިކަހާލުގައި ޖައްސައި، އަދި ދައުލަތުގެ މަސް ކުންފުނި، މިފުކޯ، 300 މިލިއަން ރުފިޔާއިން ދަރަނިވެރިވެ، އެހެން ކުންފުންޔެއްގެ ދަށަށް މިފުކޯ ގެނެސްފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

ރައްޔިތުންގެ ޙާލަތު ދަށަށް ގެނބިގެން މިދާ ދަނޑިވަޅުގައި، ޅަފަތުގައިވާ ގެސްޓް ހައުސް ވިޔަފާރިތަކުން ވެސް ރެއިން ފެށިގެން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް ދުވާލަކު 3 އެމެރިކާ ޑޮލަރުގެ މަގުން ގްރީން ޓެކްސްގެ ނަމުގައި ފައިސާ ނަގަން ފަށާފައިވެއެވެ. ގްރީން ޓެކްސްގެ ނަމުގައި ގެސްޓް ހައުސްތަކުން މި ފައިސާ ނެގި ނަމަވެސް މިފައިސާ ޚަރަދުކުރެވެނީ ތިމާވެއްޓަށް ކަންވެސް އެނގެން ނެތެވެ.

ކާޑުގެ ބާވަތްތަކުގެ އަގުތައް ކުއްލިއަކަށް ސަތޭކަ ޕަސެންޓުން ބޮޑުކުރުމާއި ކަރަންޓުގެ އަގުބޮޑުކުރުން ފަދަ ރައްޔިތުން ނިކަމެތިވެ ބިކަޙާލުގައި ޖެހޭ ބޮޑެތި ކަންކަން ސަރުކާރުން ކުއްލިއަކަށް ނިންމަމުންދަނީ ދައުލަތުގެ އެންމެ އިސް ވެރިޔާކަމުގައި ވިޔަސް އަދި ވަޒީރަކު ކަމުގައި ވިޔަސް ރައްޔިތުންގެ ކުރިމައްޗަށް ނިކުމެވަޑައިގަތުމެއްނެތި ފިއްލަވައިގެން ތިއްބަވައިގެންކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމެއް ނެތި، އަދި ރައްޔިތުންގެ ޖީބަށް ފައިސާ ފޮއްޗެއް އިތުރުވާނެ އެއްވެސް ގޮތެއް ނެތި، އަދި ދައުލަތުގެ މާލިއްޔަތުން އެތައް ބިލިޔަން ރުފިޔާއަކުން ދައުލަތުގެ ވެރިން ބޮޑެތި ވައްކަންކޮށް ރައްޔިތުން ބިކަޙާލުގައި ޖެހެމުންދާ ދިއުމުން އެނގެނީ މިއީ ފޭލުވަމުންދާ ދައުލަތެއްކަމެވެ. އަދި މި ކަމުގެ ފުރިހަމަ ޒިންމާ ރައީސް ޢަބްދުﷲ ޔާމިން ނަންގަވަންޖެހޭނެއެވެ. އަދި ރައްޔިތުންނާއި މި ދައުލަތް ސަލާމަތްކުރެވެން އޮތް ހަމަ އެކަނި ގޮތަކީ ރައީސް ޢަބްދުﷲ ޔާމިން ވެރިކަމުން ދުރުކުރުމުންނެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚު: 1 އޮކްޓޯބަރ 2016