ސީމެގްގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނައި، ފިޔަވަޅުއެޅުމުގެ އިންޒާރުދީފައިވާތީ މަރުޙަބާކިޔުމާއި، ސަރުކާރުން އިދިކޮޅު ފަރާތްތަކާ ވާހަކަދެއްކުން ވަގުތުން ފެށުމަށް އެމް.ޑީ.ޕީ އިން ގޮވާލުން

ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) ގެ ރަސްމީ އެޖެންޑާއަށް ދިވެހިރާއްޖެ ލުމަށް ނިންމި ނިންމުމަށާއި، އަދި މިއަންނަ އަހަރުގެ މާޗް މަހުގައި ރާއްޖެއާމެދު ފިޔަވަޅުއެޅުންފަދަ ކަންކަމާމެދު ގޮތެއް ނިންމާނެކަމަށް ސީމެގުގެ ބައްދަލުވުމުގައި އިއްޔެ ނިންމި ނިންމުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން މަރުޙަބާ ކިޔަމެވެ. އަދި މިހިނދު ސަރުކާރުން އިދިކޮޅު ފަރާތްތަކާ ވާހަކަދެއްކުން ވަގުތުން ފެށުމަށް ސަރުކާރަށް ގޮވާލަމެވެ.

ސީމެގުގެ ރަސްމީ އެޖެންޑާއަށް ދިވެހިރާޖެ ލުމަށް އިއްޖެ ނިންމި ނިންމުމުގައި، ރާއްޖޭގައި އިސްލާޙުކުރަންޖެހޭކަމަށް މީގެ ކުރިން ފެބްރުއަރީ މަހުގައި ސީމެގުން ފާހަގަކޮށް ސަރުކާރަށް ވަގުތު ދިން ޚާއްޞަ 6 ދާއިރާއަށް އެއްވެސް ވަރަކަށް އިސްލާހެއް ގެނެވި، އެކަންކަމަށް ކުރިއެރުމެއް އައިސްފައިނުވާތީ ސީމެގުންވަނީ ސަރުކާރާމެދު ނުރުހުންފާޅުކޮށްފައެވެ.

އެ ޚާއްޞަ 6 ދާއިރާގެ ތެރޭގައި، އިދިކޮޅު ހުރިހާ ސިޔާސީ ފަރާތްތަކެއް ހިމެނޭގޮތުން ސަރުކާރާ ދެމެދު ދެކެވޭ ވާހަކަތަކަކީ ހަރުދަނާ ގޮތެއްގައި ދެކެވޭ ވާހަކަތަކެއްގެ ގޮތުގައި ފެންނާނެހެން ވާހަކަދެއްކުމަށް ފެށުމާއި؛ ސިޔާސީ ލީޑަރުން މިނިވަންކުރުމަށާއި އަދި ޤައުމުން ބޭރުގައިވާ ފަރާތްތައް ވެސް ރާއްޖެވަޑައިގެން ސިޔާސީ ކަންކަމުގައި ބައިވެރިވެވަޑައިގަނެވޭނޭގޮތަށާއި 2018 ގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވެވަޑައިގަނެވޭނޭގޮތަށް ސަރުކާރުން މަގުފަހިކޮށްދިނުމަށް ސީމެގުން ގޮވާލާފައިވާ ގޮވާލުން ހިމެނެއެވެ. އަދި ޓެރަރިޒަމް ޤާނޫނާއި އެނޫން ވެސް ޤާނޫނުތަކުގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން ސިޔާސީ މަސައްކަތްތަކާއި ބަހުސްތައް ހިންގުން ނެތިކޮށްލަމުންދާދިއުން ހުއްޓާލުމަށާއި އަދި ސިޔާސީ ފަރާތްތަކުގެ މައްޗަށް ހިންގާ ޝަރީޢަތްތަކުގައި ގެންގުޅޭ ޤާނޫނާ ޚިލާފު ނަހަމަ ގޮތްތަކާމެދު ހުރި ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށް ގޮވާލި ގޮވާލުން ހިމެނެއެވެ. ހަމައެފަދައިން 3 ބާރު ވަކިވެފައިވާ އަދި މިނިވަން މުސްތަޤިއްލު ޖުޑިޝަރީއެއް ޤާއިމުވެފައިވާ ނިޒާމަކަށް ހެދުމަށް މީގެކުރިން ކޮމަންވެލްތުން ދީފައިވާ ލަފާތަކަށް ވަގުތުން ޢަމަލުކުރުމަށް ގޮވާލި ގޮވާލުން ވެސް މީގެތެރޭގައި ހިމެނެއެވެ. އަދި މިނިވަންކަމާއި މަދަނީ ޖަމާއަތްތަކުގެ ޙަރަކާތްތަކަށް ޖާގަދީގެން އިތުބާރު އުފެއްދުމުގެ މަގަށް ޢަމަލުތައް ބެހެއްޓުމަށް ގޮވާލި ގޮވާލުން ވެސް ހިމެނެއެވެ. ހަމައެފަދައިން، ކޮމަންވެލްތުގެ ފަންނީ އެހީތެރިކަން ދީގެން ލީގަލް ފްރޭމްވާރކެއް ޤާއިމުކޮށްދިނުމާއި މުވައްސަސާތަކުގެ މިނިވަންކަން ޤާއިމުކޮށްދީ، ޤާނޫނު އަސާސީގެ މަޤުސަދު ނެގެހެއްޓުމަށް ކޮމަންވެލްތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހެޅި ހުށަހެޅުން ހިމެނެއެވެ.

ސީމެގްގެ ރަސްމީ އެޖެންޑާއަށް ދިވެހިރާއްޖެ ލުމަށް ނިންމައި، އަދި މިއަންނަ އަހަރުގެ މާޗް މަހުގައި ރާއްޖެއާމެދު ފިޔަވަޅުއެޅުންފަދަ ކަންކަމާމެދު ގޮތެއް ނިންމާނެކަމަށް ސީމެގުގެ އިއްޔެގެ ބައްދަލުވުމުން ނިންމާފައިވަނީ ސަރުކާރުން މިކަންކަމުގެ މައްޗަށް ޢަމަލުކޮށްފައި ނުވުމުގެ ސަބަބުންނެވެ. އަދި ސަރުކާރުގެ ވަޒީރުން ވަޑައިގެން ސީމެގުގެ ބައްދަލުވުމުގައި ސަރުކާރު ދިފާޢުކޮށްދެވޭވަރުގެ ހެއްކެއް ދެއްކެވެން ނެތުމުގެ ސަބަބުންނެވެ.

އެހެންކަމުން މިއަންނަ އަހަރުގެ މާޗް މަހުގައި ދިވެހިރާއްޖެއާ މެދު ސީމެގުން ފިޔަވަޅު އެޅުމާމެދު ގޮތެއް ނިންމާނޭކަމަށް އިންޒާރުދީފައިވާތީއާއި އަދި ފިޔަވަޅު އެޅުމަކީ ދިވެހިރާއްޖެއަށް ނުހަނު ބޮޑެތި ގެއްލުންވާނޭ ކަމަކަށްވާތީ، ފިޔަވަޅުއެޅުމުން ސަލާމަތްވުމަށްޓަކައި ސަރުކާރުން އިދިކޮޅު ފަރާތްތަކާ ވާހަކަދެއްކުން ވަގުތުން ފެށުމަށާއި، އިސްލާޙީ ފިޔަވަޅުންތައް އެޅުމަށާއި، ހުރިހާ ސިޔާސީ ލީޑަރުން މިނިވަންކުރުމަށާއި، ސިޔާސީ އިތުރު ފަރާތްތަކުގެ މައްޗަށް އަލުން ކުރަންފަށާފައިވާ ދަޢުވާތައް ހުއްޓާލުމަށާއި، ޑިމޮކްރެސީއާއި އިންސާނީ އަދި މަދަނީ ޙައްޤުތަކާއި ނޫސްވެރިކަމުގެ މިނިވަންކަން އަލުން އަނބުރާ ޤާއިމުކުރުމަށް ސަރުކާރަށް އެމް.ޑީ.ޕީ އިން ގޮވާލަމެވެ.
ބަޔާންނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚު: 24 ސެޕްޓެމްބަރ 2016