އެމް.ޑީ.ޕީ ގެ ނައިބް ރައީސާއި ސެކްރެޓަރީ ޖެނެރަލް ބައިވެރިވެވަޑައިގަތް އިންޓަރނޭޝަނަލް ކޮންފަރެންސް އޮފް އޭޝިއަން ޕޮލިޓިކަލް ޕާރޓީސް ގެ ބައްދަލުވުންތައް ނިންމާލައިފިއެވެ.

CrUrx8gVUAATbVs

CrUrx81UAAEhbvN

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ފަރާތުން ބައިވެރިވި، 9 ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮފް އޭޝިއަން ޕޮލިޓިކަލް ޕާރޓީސް (އައި.ސީ.އޭ.ޕީ.ޕީ) ގެ ބައްދަލުވުންތައް ނިންމާލައިފިއެވެ.
މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ބޭއްވުނު މި ކޮންފެރެންސްގައި އެމް.ޑީ.ޕީގެ ފަރާތުން ބައިވެރިވެވަޑައިގަތީ މި ޕާރޓީގެ ނައިބް ރައީސް މުޙައްމަދު ޝިފާޒާއި ސެކްރެޓަރީ ޖެނެރަލް އަނަސް ޢަބްދުއްސައްތާރެވެ.
މި ކޮންފަރެންސް ނިންމާލާފައިވަނީ ކުއަލަލަމްޕޫރު ޑިކްލެރޭޝަންގެ ނަމުގައި 89 ސިޔާސީ ޕާރޓީ ހިމެނޭގޮތުން ޑިކްލެރޭޝަނެއް ފާސްކޮށްފައެވެ. މިގޮތުން ފާސްކުރެވުނު ޑިކްލެރޭޝަނުގައި އެއްބަސްވެފައިވާ ބައެއް މުޙިއްމު ކަންތައްތަކުގެ ތެރޭގައި، ހުރިހާ ސިޔާސީ ޕާރޓީތަކަކާއި މުވައްސަސާތަކަކުން ވެސް އެބައެއްގެ މުޖުތަމައުގައި ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުތައް ނަގަހައްޓަންވާނޭކަމަށް އެއްބަސްވެ ހިމަނާފައިވެއެވެ. އަދި ހެޔޮ ވެރިކަމުގެ ހަމަތަކާއި އުސޫލުތަކާއި ޤާނޫނުގެ ސިޔާދަތުގެ ހަމަތަކާއި އުސޫލުތަކަށް ތަބާވެ، ހަމަހަމަކަމާއި ދެފުއް ފެންނަގޮތަށާއި، ޖަވާބުދާރީކުރުވެނިވި، އަދި އެންމެން ބައިވެރިވެ ޝާމިލުވެވޭ ގޮތަށް ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުތައް ނަގަހައްޓަންވާނޭކަމަށް އެއްބަސްވެ ހިމަނާފައިވެއެވެ.
އަދި ޓެރަރިޒަމުގެ މޫތައް ނައްތާލުމަށާއި، ރައްޔިތުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅުން ނައްތާލުމަށާއި، ތަޢުލީމު ކުރިއެރުވުމަށާއި އިންސާނީ ޙައްޤުތައް ކުރިއަރުވައި ނެގެހެއްޓުން ވެސް މި ޑިކްލެރޭޝަންގައި އެއްބަސްވެފައިވާ ބައެއް މުޙިއްމު ކަންތައްތަކުގެ ތެރޭގައި ހިމެނިފައިވެއެވެ.