އައްޑޫ ސިޓީގައި 100 އެނދުގެ ހޮސްޕިޓަލަށް ރަޖިސްޓްރީކޮށްފައިވާ ބިމުގައި ހޮސްޕިޓާއެޅުމުގެ ބަދަލުގައި ކޮންވެންޝަން ސެންޓަރަށް ގޮތްތައް ހަދާހެދުން ކުށްވެރިކުރުން

ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން އައްޑޫ ސިޓީގައި 100 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކުރާނޭކަމަށް ވެފައިވާ ރިޔާސީ ވަޢުދާ ޚިލާފަށް، އެ ހޮސްޕިޓާ އިމާރާތް ކުރުމަށް ރަޖިސްޓްރީކޮށްފައިވާ ބިމުގައި ހޮސްޕިޓާ އިމާރާތްކުރުމުގެ ބަދަލުގައި، ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން އިމާރާތްކުރި އައްޑޫ ސިޓީގެ ރައްޔިތުންގެ ފަޚުރެއްކަމުގައިވާ އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރ (އީސީސީ) ހޮސްޕިޓަލަކަށް ބަދަލުކުރަން މިހާރު މަސައްކަތްކުރަމުންދާކަމަށް ސަރުކާރުން ބުނަމުންދާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމެއް ނެތި، އަދި އައްޑޫ ސިޓީގެ ތަރައްޤީއަށާއި މުޅި ޤައުމުގެ ތަރައްޤީއަށްޓަކައި އައްޑޫގެ ރައްޔިތުންގެ ބޮޑު ހިއްސާއެއް އޮވެގެން ޙާސިލުކޮށްފައިވާ ޑިމޮކްރެސީއާއި ހެޔޮވެރިކަމުގެ ނިޒާމާއި ލާމަރުކަޒީ ނިޒާމު، ސަރުކާރުން ހަލާކުކޮށްލައި އަދި ސިޓީ ކައުންސިލުގެ ބާރުތައް ސަރުކާރުން ނަގައި އައްޑޫ ސިޓީގެ ރައްޔިތުންނަށާއި މުޅި ރާއްޖޭގެ ރައްޔިތުންނަށް ނުހަނު ބޮޑެތި ގެއްލުންދީފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

އައްޑޫ ސިޓީގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށްކަމަށްބުނެ މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓްގައި އެތައް މިލިޔަން ރުފިޔާއެއް ހިމަނަމުން ގެންގޮސްފައިވީ ނަމަވެސް، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ނިމި ގޮސް އަދި މިހާރު 2016 ވަނަ އަހަރު ނިމުމަކާ ހަމައަށްދާއިރު ބަޖެޓްގައި ހިމަނަމުންދިއަ އެއްވެސް ފައިސާއެއް އެ ހޮސްޕިޓާ އެޅުމަށް ޚަރުދުކޮށްފައިނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި އެ ހޮސްޕިޓާ އިމާރާތްކުރުމާމެދު ސަރުކާރުން އެކި ފަހަރު އެކި ގޮތަށް ޚަބަރުފަތުރަމުން ގެންގޮސްފައިވުމާއި އަދި އެއިން އެއްވެސް ފަހަރަކު ސަރުކާރުން ހާމަކުރި ގޮތާ އެއްގޮތަށް ޢަމަލުކޮށްފައިނުވެއެވެ.

ހަމައެފަދައިން އައްޑޫ ސިޓީގައި ފެނާއި ނަރުދަމާއާއި އަދި މަގުހެދުން ފަދަ މައިގަނޑު ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށްކަމަށް ބުނެ ބަޖެޓްގައި ފައިސާ ހިމަނާފައިވީ ނަމަވެސް އެއްވެސް މަސައްކަތް ކުރިޔަށް ނުދާކަން ފާހަގަކުރަމެވެ. އައްޑޫގެ ފެނާ ނަރުދަމާގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގައި އެންވައިރަމެންޓް މިނިސްޓަރާ ސުވާލުކުރުމުން ވިދާޅުވެފައިވަނީ މި އަހަރުގެ އޮގަސްޓް މަސް ނިމުމުގެކުރިން އައްޑޫގެ މީދޫ ފިޔަވައި ހުރިހާ ރަށަކަށް ސާފުފެން ފޯރުކޮށްދެއްވާނޭކަމަށާއި، އަދި ޑިސެމްބަރ މަސް ނިމުމުގެ ކުރިން މީދޫ އަށްވެސް ސާފުފެން ފޯރުކޮށްދެއްވާނޭކަމަށެވެ. ނަމަވެސް ބަޖެޓްގައި ހިމެނިފައިވާ މިއިން އެއްވެސް ކަމެއް ސަރުކާރުން ކޮށްދީފައި ނުވެއެވެ. ނުވަތަ ކޮށްދެމުން ނުގެންދެއެވެ.

މީގެ އިތުރުން ކޮންވެންޝަން ސެންޓަރ މަރާމާތުކުރުމަށް 2015 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ ބަޖެޓްގައި ފައިސާ ހިމަނާފައިވުމާ އެކުވެސް، އެތަން މަރާމާތުކުރުމަށް އެއްވެސް ޚަރަދެއްކޮށްފައި ނުވެއެވެ. އެހެންކަމުން އައްޑޫ ސިޓީ ކައުންސިލުން އިސް ނަގައިގެން އެމަސައްކަތްކުރުމަށް އެދުމުން ވެސް ކައުންސިލަށް އެފުރުޞަތު ނުދީ، ސަރުކާރުން ގަސްދުގައި އެތަން ވީރާނާކޮށްލަން ދޫކޮށްލާފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. ސަރުކާރުން މިބާވަތަށް އައްޑޫ ސިޓީއާ މެދު ޢަމަލުކުރަމުންގެންދަނީ އައްޑޫގެ ރައްޔިތުންނަށް ޖެއްސުންކުރުމުގެ ގޮތުންކަމަށް ދެކެމެވެ.

ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުން މިދެންނެވި ހޮސްޕިޓާ އިމާރާތްކުރުމާމެދު އެކިފަހަރުމަތިން ދައްކަމުންދިއަ ވާހަކަތަކާ ކަނޑައެޅިގެން ޚިލާފަށް މިއަދާ ހަމައަށް ވެސް އެ ހޮސްޕިޓާ އެޅުމަށް ރަޖިސްޓްރީކޮށްފައިވާ ބިމުގައި ހޮސްޕިޓާ އިމާރާތްކުރަން ފެށުމަކާނުލައި، އަދި ސަރުކާރުން އައްޑޫ ސިޓީ ކައުންސިލާއި އައްޑޫގެ ރައްޔިތުންނާ މަޝްވަރާކުރުމެއް އަދި ރުހުމެއް ހޯދުމެއް ނެތި، އައްޑޫގެ ރައްޔިތުންނަށްޓަކައި މީގެ ކުރިން އެމް.ޑީ.ޕީގެ ސަރުކާރުން އިމާރާތްކުރި އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރަށް ގޮތްތައް ހަދަމުންދާދިއުން ވަގުތުން ހުއްޓާލުމަށް މިސަރުކާރަށް ގޮވާލަމެވެ. އަދި އެ ކޮންވެންޝަން ސެންޓަރާ މެދު މި ސަރުކާރުން ޢަމަލުކުރަމުން ގެންދާ ގޮތްތަކަކީ އައްޑޫގެ ރައްޔިތުން ކަނޑައެޅިގެން ނުރުހޭ އަދި ދެކޮޅުހަދާ ކަމެކެވެ.

ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރު ބަދަލުކުރުމާއެކު އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރާމެދު މިހާރު އަމަލުކުރަމުން އެގެންދާ ގޮތްތައް ވަގުތުން ހުއްޓުވައި އައްޑޫގެ ރައްޔިތުންނަށް އެ ކޮންވެންޝަން ސެންޓަރ ރައްކާތެރިކޮށްދޭނޭކަމާއި، އަދި އައްޑޫގެ ރައްޔިތުން އެދޭގޮތަށް އައްޑޫ ސިޓީގައި ހޮސްޕިޓާ އިމާރާތްކޮށް ފުރިހަމަކުރެވިގެންދާނޭ ކަމުގެ ޔަޤީންކަން އައްޑޫ ސިޓީގެ ރައްޔިތުންނަށް އަރުވަމެވެ.

ތާރީޚް: 25 އޯގަސްޓް 2016
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް