އަޙްމަދު މަޙުލޫފްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ނާއިންސާފު ޙުކުމާމެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް އެކަން ހަރުއަޑުން ކުށްވެރިކުރުން

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަދި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ތަރުޖަމާނު ޢަހްމަދު މަޙުލޫފް ޙައްޔަރުކޮށްގެން މީގެކުރިން ކްރިމިނަލް ކޯޓަށް ޙާޟިރުކުރި ދުވަހެއްގައި ފުލުހުންނަށް ފިއްލަވަން އުޅުއްވިކަމަށް ބުނެ އޭނާ 4 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކޮށް އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

އަޙްމަދު މަޙްލޫފުގެ މައްޗަށް މި ނާއިންސާފު ޙުކުމް ކޮށްފައިވަނީ، ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލައި ސުލްޙަވެރިކަމާއެކު ކުރި އިޙްތިޖާޖެއްގެ ތެރެއިން އަޙްމަދު މަޙުލޫފް ޤާނޫނާ ޚިލާފަށް ހައްޔަރުކުރުމަށްފަހު ކޯޓަށް ޙާޟިރުކުރި ދުވަހު، ކޯޓު ކައިރީ ތިބި ފުލުހުން އަޙްމަދު މަޙުލޫފްގެ އަނބިކަނބަލުންގެ ގައިކޮޅަށް އަތްލައި ފުރައްސާރަކުރި މަންޒަރު ފެނިވަޑައިގަތުމުން އޭނާގެ އަނބިކަނބަލުންނަށް ރައްކާތެރިކަން ދެއްވުމަށްޓަކައި އެދިމާއަށް ވަޑައިގަތް ގަތުމަކީ ފިއްލަވަން އުޅުއްވުންކަމަށް ބަލައި ދައުލަތުން އުފުލި އިންސާނީ ބުއްދީގެ ހަމައިގެ އެއްވެސް ކަންފުޅެއް ނެތް ދަޢުވާއަކަށްފަހުގައެވެ. ފުލުހުންނާއި، ނޫސްވެރިންނާއި ކެމެރާތަކާއި އަދި ބައެއް އާންމު މީހުން ޙާޟިރުވެ ތިބި ތަނަކުން، ރައްޔިތުންނާ ގުޅި ލާމެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ފަދަ މުޙިއްމު މަސައްކަތްޕުޅެއް ކުރައްވާ ބޭފުޅަކު އެންމެންގެ ކުރިމަތީ އެ މައިދާނުން ފިއްލަވައިގެން ވަޑައިގަނެވޭނޭ ތަނެއް ނޯންނާނެކަމާއި، އެހެންކަމުން ފިއްލަވަން ނޫޅުއްވާނޭކަމީ އިންސާނީ ބުއްދިއަށް ބަރޯސާވާ ކޮންމެ ރައްޔިތަކު ކަނޑައެޅިގެން ޤަބޫލުކުރާނޭ ޙަޤީޤަތެކެވެ. އަދި އިންސާނީ ބުއްދީގެ އެ މިންވަރަކީ ޝަރީޢަތެއްކުރުމަށް ބޭނުންވާ އެންމެ ކުޑަ މިންވަރުކަމަށްވާއިރު، އެ ޙުކުމް އިއްވުމުގައި އެ މިންވަރުގެ ހަމައެއް ވެސް އެޅިފައިނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

ކްރިމިނަލް ކޯޓުން އެ ޙުކުމް އިއްވާފައިވަނީ އަޙްމަދު މަޙްލޫފުގެ ފަރާތްޕުޅުން ޝަރީޢަތަށް ހުށަހެޅުއްވި ދިފާއީ ހެކިންގެ ހެކި ބަހަށް އެ ކޯޓުން ރިއާއަތް ކުރުމެއް ނެތިއެވެ. އަދި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުގައި ފުށުއެރުންތައް ވަނިކޮށާއި އަދި މައްސަލަ ސާބިތުވާވަރުގެ ހެކި ނެތްހިނދުގައިކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

ހަމަ އެފަދައިން އަދަބު ކަނޑައެޅުމުގައި ރިއާއަތް ކުރަންޖެހޭ، ފުރަތަމަ ފަހަރު ދެވޭ އަދަބަކަށް ލުއި އަދަބު ވާންޖެހޭނޭކަމަށް އޮންނަ ޤާނޫނީ އަދި ޝަރީޢަތްކުރުމުގެ ހަމަތަކަށް ރިއާޢަތްކުރުމެއް ނެތި، ޖޫރިމަނާކުރުމުގެ އަދަބު އޮތް އިރު، އެއަދަބަށް ވެސް ރިއާޢަތް ކުރުމެއް ނެތި ގިނަ މަސްތަކަކަށް އަޙްމަދު މަޙުލޫފް ޖަލަށްލުމަށް ޙުކުމްކޮށްފައިވެއެވެ. އަދި މި ބާވަތުގެ މައްސަލައެއްގެ ޝަރީޢަތެއް ނުވަތަ ޙުކުމް އިއްވުމެއް ސިއްރުކުރުމަކީ އިންސާފުވެރި ޝަރީޢަތެއްގެ ހަމަތަކާއި ކަނޑައެޅިގެން ޚިލާފުކަމެކެވެ. އަދި މިގޮތަށް ސިއްރުކޮށްގެން އިއްވަން އޮތް ޙުކުމް މާކުރިން ރައްޔިތުންނަށް އެނގި، ސޯޝަލް މީޑިއާގައި ފެތުރެމުން ގޮސްފައިވުމުން ވެސް ޔަޤީންވަނީ ރާއްޖޭގެ ކޯޓުތަކުގެ މިނިވަންކަން ނެތްކަމާއި އަދުލު އިންސާފް ޤާއިމުނުކޮށްދެވޭކަމެވެ.

ޢަހްމަދު މަޙްލޫފްގެ މައްޗަށް މި ނާއިންސާފު ޙުކުމްއިއްވާފައިވަނީ އޭނާއަކީ ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުގެ ވައްކަމާއި ފަސާދައިގެ ވާހަކަ ދައްކަވައި ސަރުކާރު ޖަވާބުދާރީ ކުރެއްވުމުގެ މަސައްކަތްކުރައްވާ ޖެހިލުންކުޑަ ހިތްވަރުގަދަ ބޭފުޅަކަށްވީތީ، ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުން އޭނާއަށް ބިރުދައްކައި ފަހަތަށް ޖެއްސުމުގެ ބޭނުމުގައި ކަމަށް ދެކެމެވެ. ނަމަވެސް އަޙްމަދު މަޙްލޫފަކީ ނާއިންސާފު މިފަދަ ޙުކުމްތަކަކުން ދައްކާ ބިރަކަށް ޖެހިލުންވެވަޑައިގެން ފަހަތަށް ޖެހިވަޑައިގަންނަވާނޭ ބޭފުޅެއްނޫނެވެ. އަޙްމަދު މަޙްލޫފުގެ އެ ހިއްވަރުފުޅާއި ވަރުގަދަ ޢަޒުމަށްޓަކައި ރައްޔިތުންގެ ނަމުގައި އެމް.ޑީ.ޕީން އޭނާއަށް އައްސަރިބަހާއި ސާބަސް ދަންނަވަމެވެ.

19 ޖުލައި 2016
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް