ޕީޕީއެމް އިން ދައުލަތުގެ މުދަލާއި ވަޞީލަތްތައް ބޭނުންކުރާތީ އެކަން ބަލައިދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ސިޓީ ފޮނުވައިފި

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން ދައުލަތުގެ އެއްވެސް ބިމެއް ނުވަތަ މުދަލެއް ނުވަތަ ވަސީލަތެއް ހަމައެކަނި އެއް ޕާޓީއެއްގެ ބައްދަލުވުންތަކަށް ނުވަތަ ޙަރަކާތްތަކަށް ބޭނުންކުރެވޭގޮތަށް ހަމަޖައްސައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވީނަމަވެސް ސަރުކާރު ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް އިން ދައުލަތުގެ ޢިމާރާތެއްކަމުގައިވާ މުލީއާގެއާއި ދައުލަތުގެ މީޑިއާކަމުގައިވާ “ޓީވީއެމް” ގެ ވަސީލަތްތައް ސިޔާސީ ޕާޓީތަކުގެ ޤާނޫނާ ޚިލާފަށް ބޭނުން ކުރަމުން ގެންދާތީ އެކަން ބައްލަވައިދެއްވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް މިއަދު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ފަރާތުން ސިޓީއެއް ފޮނުވައިފިއެވެ.

ސިޓީގައި ދައުލަތުގެ މުދަލާއި ވަޞީލަތްތައް އެއްވެސް ހުރަހެއް ނެތި ޕީޕީއެމްއިން ބޭނުންކުރަމުން ގެންދާކަން ވަނީ ފާހަގަކޮށްފައެވެ.

ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިންވަންކަމަކީ ކުރިން ހުއްދަ ނެގުމަކާނުލައި ބޭނުން ހިފިދާނެ އަސާސީ ޙައްޤެއް ކަމަށް ޤާނޫނުއަސާސީގެ ދަށުން ކަނޑައަޅާފައިވީނަމަވެސް ސަރުކާރުންނާއި ދައުލަތުގެ މުއައްސަސާތަކުން އެއްވެސް ފަރާތަކަށް ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް އެއްވެސް މިންވަރަކަށް ފުރުޞަތު ނުދޭކަންވެސް އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ.