ޙުސެން ހުމާމް މައްޗަށް މަރުގެ ޙުކުމް ތަންފީޒުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން އަލުން މުރާޖާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ ހުށަހަޅުއްވައިފި

ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލައިގައި ހުސެން ހުމާމް އަޙްމަދު ސުޕްރީމް ކޯޓުން މެރުމަށް ޙުކުމް ޙުކުމްކޮށް އެ ޙުކުމް ތަންފީޒުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން އަލުން މުރާޖާކޮށް ބަދަލުކުރަންޖެހޭ ކަންކަން ބެލުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އީވާ ޢަބްދުﷲ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ސިޓީއެއް ފޮނުވައިފިއެވެ.

ޑޮކްޓަރ އަފްރާޝިމް ޢަލީ އަވަހާރަކޮށްލުމުގެ މައްސަލާގައި ހ.ލޮބީ ޙުސެން ހުމާމް އަޙްމަދު މެރުމަށް ރޭގަނޑު މެންދަމުގެ ވަގުތެއްގައި ސްޕްރީމް ކޯޓުން ތާޢީދުކޮށް އެގޮތަށް ސްޕްރީމް ކޯޓުން އެ މައްސަލަ ނިންމާފައިވަނިކޮށް ސަރުކާރުން ޙުސެން ހުމާމް އަޙްމަދު މަރާނޭކަމަށް ހާމަކޮށްފައިވާތީއާއި އަދި އެކަން އެގޮތަށް ކުރުމަށްޓަކައި ސަރުކާރުން މީހުން މަރާނޭ ގޮތުގެ އުސޫލެއް ކަނޑައަޅައި ހާމަކޮށްފައިވާ މިދަނޑިވަޅުގައި ޑޮކްޓަރ އަފްރާޝިމް ޢަލީ އަވަހާރަކޮށްލި މައްސަލައަކީ ރާއްޖޭގެ ރައްޔިތުން ސިއްސުވާލި ހިތާމަވެރި މައްސަލައަކަށްވާއިރު، އެ ގަތުލަކީ ބަޔަކު އަޑީގައި ތިބެ ރޭވި އިންތިޒާމުވެގެން އަދި ފައިސާދީގެން ހިންގާފައި ގަތުލެއްކަމަށް ގިނަ ރައްޔިތުން ޤަބޫލުކުރާ ކަމުގައި ސިޓީގައިވެއެވެ. އަދި އެ މައްސަލައިގެ ތަޙްޤީޤުގެ މަޢުލޫމާތު ޙިއްސާކުރަމުން ފުލުހުން ވެސް މީގެ ކުރިން އެގޮތަށް ބުނެފައިވާކަމުގައި ސިޓީގައިވެއެވެ.

މި ސިޓީގައި ޑރ.އަފްރާޝީމް އަވަހާރަކޮށްލުމުގެ އަޑީގައި ތިބި ބަޔަކު ހޯދުމުގެ ފުރިހަމަ ތަޙްޤީޤެއް ހިންގައި އެބަޔަކު ހޯދުމެއް ނެތި، މެންދަމުގެ ވަގުތުގައި ސްޕްރީމް ކޯޓުން އަވަސް އަރުވާލައިގެން ޙުސެން ހުމާމް އަޙްމަދު މަރާލުމަށް ތާޢީދުކޮށް އެ މައްސަލަ ނިންމާފައިވާއިރު ރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމާއި އަދި ކޯޓުތަކާމެދު ރައްޔިތުންގެ އިތުބާރު ގެއްލިގެންގޮސް، ފާޑުކިޔުންތައް އިންތިހާއަށް އިތުރުވެފައިވާ މި ދަނޑިވަޅުގައި ތަޙްޤީޤަށް ޙުސެން ހުމާމް އަޙްމަދުގެ ބަސް މުހިއްމުވާ ކަމުގައިވެއެވެ. އެ ތަޙްޤީޤު މުޅިން ނިމެންދެން ޙުސެން ހުމާމް އަޙްމަދުގެ މައްޗަށް ޤިޞާޞް ހިފަން ބޭނުން ނުވާކަމަށް އަލްމަރުޙޫމް ޑޮކްޓަރ އަފްރާޝިމް ޢަލީގެ ވާރިޘުންގެ ޙައިސިއްޔަތުން ކަނޑައެޅިގެން ހާމަކޮށްފައިވާއިރު، އެކަމަށް ބެލުމެއް ނެތި ހުމާމް މެރުމަށް ސުޕްރީމް ކޯޓުން ޙުކުމްކުމް އިއްވާފައިވާކަން ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ހ.ލޮބީ ޙުސެން ހުމާމް އަޙްމަދު މެރުމަށް ރޭގަނޑު މެންދަމުގެ ވަގުތެއްގައި ޙުކުމް އިއްވާފައި ވަނީ އާއިލާގެ ފަރާތުން ފޮނުއްވި ސިޓީ ބަލައިގަނެފައި ނުވަނީ ރޭގަނޑުގެ ބަންދު ގަޑިއަށްވީތީކަމަށް ބުނެ ސްޕްރީމް ކޯޓުން ބަލައިނުގަތުމަށްފަހުއެވެ. ރޭގަނޑުގެ މެންދަމު 2 ޖަހާއިރު ކޯޓު ހުޅުވައިގެން މަރުގެ ނިޔާއެއް ކަނޑައެޅިގެންދިޔައިރު އެ މަރުހިފުން މަނާކުރުމުގެ ޙައްޤު ލިބިފައިވާ ވާރިޘުން ފޮނުވާ ސިޓީ ރޭގަނޑު ބަލައި ނުގަނެވެންވީ ރަނގަޅު ސަބަބަކަށް އެ ސަބަބު ނުވާ ކަމަށާއި، ޤީޞާސް ނުހިފާ ދޫކޮށްލުމުގެ ޙައްޤަކީ ވާރިޘުންނަށް މުތުލަޤުކޮށް ލިބިގެންވާ ޙައްޤަކަށްވާއިރު، އަލްމަރުޙޫމް ޑޮކްޓަރ އަފްރާޝިމް ޢަލީގެ ބައްޕަ ނުވަތަ ވާރިޘުން ޤިޞާޞް ހިފުމަށް ބޭނުންފުޅުނުވާކަމަށް ކަނޑައެޅިގެން ހާމަކޮށްފައިވާކަމުގައި ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އިސްވެދެންނެވުނު ފަދަ ޝަރުޢީ ހަރުދަނާ ގިނަ ސަބަބުތައް ހުރިހިނދު މީހެއްގެ ފުރާނަ ދުއްވާލުން ތަންފީޒުކުރުމަކީ އިސްލާމީ ޝަރީޢަތުގައި ހާކިމާއަށް ހުއްދަވާނޭކަމަކަށް ނުވާނެއެވެ. އަދި އެކަން އެގޮތަށް ނުކުރުމުގެ އިޚްތިޔާރާއި ބާރު ޙާކިމާއަށް ލިބިގެންވާތީ، ހ.ލޮބީ ޙުސެން ހުމާމް އަޙްމަދު މެރުން ތަންފީޒުކުރުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން އަލުން މުރާޖާކޮށް ބަދަލުކުރަންޖެހޭ ކަމުގައި އެމް.ޑީ.ޕީގެ ޕާރލިމެންޓްރީ ގްރޫޕްގެ މެމްބަރު އީވާ ޢަބްދުﷲ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް މިއަދު ފޮނުވި ސިޓީގައި އެދިފައިވެއެވެ.