ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ މަސީޙް މުޙައްމަދަށް، އެމް.ޑީ.ޕީގެ ޕީޖީ ގެ ލީޑަރ އިބްރާހިމް މުޙައްމަދު ސޯލިހް ފޮނުއްވި ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ މަސީޙް މުޙައްމަދަށް،
ވެދުންސަލާމަށްފަހު ދަންނަވަމެވެ.

09 ޖޫން 2016 ގައި، ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންގެ އަޣުލަބިއްޔަތު އޮންނަ ޢާންމު ކޮމިޓީން، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބިލުތަކާއި ޤަރާރުތަކަށް ބަހުސްކުރެއްވުމުގައި މެމްބަރުން ވާހަކަދެއްކެވުމަށް ދެއްވާ ފުރުސަތުގެ ދިގުމިން 1 ގަޑި އިރަށް ކުޑަކުރައްވާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމެވެ.

މިދެންނެވި ގޮތަށް ވަގުތު ކުޑަކުރުމަށްފަހު 13 ޖޫން 2016 ގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެޖެންޑާކުރައްވާފައިވާ ކޮންމެ ބިލަކާއި ޤަރާރަށް ބަހުސްކުރެއްވުމަށް ދެއްވާފައިވަނީ ޖުމްލަ 1 ގަޑިއިރެވެ. މިގޮތަށް ހެއްދެވުމުގެ ސަބަބުން އެމް.ޑީ.ޕީ އަށް ކޮންމެ ބިލަކަށާއި ޤަރާރަށް ލިބިފައިވަނީ އެންމެ 14 މިނެޓްގެ ވަގުތުކޮޅެކެވެ. މިއީ ރައްޔިތުންގެ ޙައްޤުތަކާއި ވެރިކަމުގެ ނިޒާމާ ގުޅުންހުރި ބޮޑެތި މައްސަލަތަކަށް ބަހުސްކުރުމަށް އެއްގޮތަކަށް ވެސް އެކަށީގެންވާ ވަގުތެއް ނޫނެވެ. މިއީ އެމް.ޑީ.ޕީއަށް ނިސްބަތްވާ 21 މެމްބަރުން ތިބޭއިރު އެމެމްބަރުންނަށް ވާހަކަދެއްކުމަށް ވަގުތު ނުލިބުނު ކަމެކެވެ. އަދި މިއީ ސަރުކާރާ ޚިޔާލުތަފާތުވާ ފަރާތްތަކުގެ އަޑު މަޖިލީހުގައި އިއްވިއަ ނުދިނުމަށް ކުރެއްވި ކަމެއްކަމުގައި ގަބޫލުކުރަމެވެ. މިކަން މިގޮތަށް ކުރެއްވުމާއި މަޖިލީހުން މައިނޯރިޓީގެ އަޑު ކަނޑުވާލެއްވުމަކީ ރައްޔިތުންނަށާއި ޑިމޮކްރެސީގެ ޤާއިމުކުރުމަށް ނުހަނު ބޮޑެތި ގެއްލުންވާނޭކަމެކެވެ.

ވީމާ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބިލުތަކާއި ޤަރާރުތަކަށް ބަހުސްކުރެއްވުމުގައި 1 ގަޑި އިރަށް ވަގުތު ކުޑަކުރެއްވި ކުރެއްވުން އަލުން ބަދުލުކުރައްވައި ބަހުސްކުރުމަށް އެކަށީގެންވާ ވަގުތު ދެއްވުމަށް ދެންނެވީމެވެ.
އިޙްތިރާމްޤަބޫލުކުރެއްވުން އެދެމެވެ.
09 ޖޫން 2016
ޚާދިމުކުމް

އިބްރާހިމް މުޙައްމަދު ޞާލިޙް
ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ

ރައްޔިތުންގެ މަޖިލީހުގެ އިދާރާ
މާލެ، ދިވެހިރާއްޖެ