މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމަށް ޖީ.އެމް.އާރު ކޮންސޯޓިއަމްއާއެކު ކުރި އެގްރިމަންޓާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު ކުށްވެރިކުރުން

މާލޭ އިންޓާރނޭޝަނަލް އެއަރޕޯޓު ތަރައްޤީކޮށް ހިންގުމަށް ޖީ.އެމް.އާރު އިންފްރާސްޓްރަކްޗަރ ލިމިޓެޑް/އެމް.އޭ.އެޗް.ބީއާ ހަވާލުކުރުމަކީ އިޤްތިޞާދީ ކުށެއް ކަމަށް ވިދާޅުވެ އެއަރޕޯޓު ތަރައްޤީކުރުމަށް ޕްރައިވެޓް ފަރާތަކާ ހަވާލުކުރުމުން ލިބުނީ އެންމެ 16 މިލިއަން ރުފިޔާ ކަމުގައި ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމުން މިފަދަ ކަންކަން އޮޅުވާނުލެއްވުމަށް ދިވެހިރައްޔިތުންގެ ޑީމޮކްރަޓިކް ޕާޓީން އިލްތިމާސް ކުރަމެވެ.

އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް 50 އަހަރު ފުރުމަށް އާދީއްތަ ދުވަހުގެރޭ ބޭއްވި ޙަފްލާގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ “ޖީ.އެމް.އާރު ހިންގަމުން ގެންދިޔައިރު، ރާއްޖޭގެ އެއަރޕޯޓް ކުންފުންޏަށް ލިބިފައިވަނީ އެންމެ 16 މިލިއަން ރުފިޔާ” ކަމުގައެވެ.

ޖީ.އެމް.އާރަށް އެއަޕޯޓް ހިންގުން 25 އަހަރަށް ދެވިފައިވަނީ، މުޅި ދުނިޔެއަށް ހުޅުވާލެވިގެން ހިންގުން ދެފުށް ފެންނަ ބިޑިންގ ޕްރޮސެސް އެއްގެ ދަށުންނެވެ. މި ޕްރޮސެސްއަށް ފަންނީ ލަފާ ދީފައިވަނީ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އިންނެވެ. ޖީއެމްއާރު އިން މާލެ އިންޓަނޭޝަނަލް އެއަޕޯޓް ހިންގުމަށްޓަކައި، ޒަމާނީ ފެންވަރަކަށް އެއަޕޯޓް ތަރައްޤީކުރަން ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު އިންވެސްޓްކުރަންޖެހެއެވެ. މީގެ ސަބަބަބުން ދައުލަތުގެ ދަރަނީގެ ހާލަތަަށް އެއްވެސް ބަދަލެއް ނާދެއެވެ. ނަމަވެސް ޖީއެމްއާރު ބޭރުކޮށް، މިހާރު އެއަޕޯޓް ތަރައްޤީކުރުމުގެ ނަމުގައި ދިވެހި ސަރުކާރުން އެތައް ސަތޭކަ މިލިއަން ޑޮލަރު ލޯނުގެ ގޮތުގައި ނަގަމުން އެބަދެއެވެ. މިކަމުގެ ސަބަބުން، ދަވްލަތުގެ ދަރަނީގެ ހާލަތު އިތުރަށް ގޯސްވެ، އިޤްތިސާދަށް އޭގެ ނޭދެވޭ އަސަރުކުރާނެއެވެ.

ޖީއެމްއާރުގެ އެއްބަސްވުމުގެ ދަށުން ހަމައެކަނި ކޮންސެޝަންފީގެ ގޮތުގައިވެސް އެމް.އޭ.ސީ.އެލްއަށް 25 އަހަރުގެ މުއްދަތުގެ ތެރޭގައި 665.2 މިލިއަން ޑޮލަރު ލިބިގެންދާނެއެވެ. އެމް.އޭ.ސީ.އެލް އިން އެއަޕޯޓް ހިންގަމުންދާނަމަ، މި މުއްދަތުގެ ތެރޭގައި ޖުމްލަ ލިބޭނެކަމަށް ލަފާކޮށްފައިވަނީ 442.2 މިލިއަން ޑޮލަރެވެ. މީގެ އިތުރުން. ޖީ.އެމް.އާރުގެ އެއްބަސްވުމުގެ ދަށުން ސަރުކާރަށް 25 އަހަރު ތެރޭގައި 531.1 މިލއަން ޑޮލަރު ލިބޭނެކަމަށް އަންދާޒާކޮށްފައިވެއެވެ. އެހެންކަމުން، ޖީއެމްއާރުގެ އެއްބަސްވުމުގެ ދަށުން، 25 އަހަރުގެ ތެރޭގައި ސަރުކާރަށާއި އެއަޕޯޓް ކުންފުންޏަށް ގާތްގަނޑަކަށް 1.2 ބިލިއަން ޑޮލަރު ލިބޭނެއެވެ. މިއީ އެއަޕޯޓް ނެވިގޭޝަންސް ޗާޖް (އެމް.އޭ.ސީ.އެލްއަށް)، ޑިޔުޓީ ފްރީ ރޯޔަލްޓީ އަދި ވިޔަފާރި ފައިދާއިން ނެގޭ ޓެކްސް (މޯލްޑިވްސް އިންލޭންޑް ރެވެނިޔު އޮތޯރިޓީއަށް ދައްކަންޖެހޭ) އަދި އެހެނިހެން ފީ ނުހިމަނައެވެ.

އިސްވެދެންނެވުނު އަންދާޒާތަކުގެ އިތުރުން 2013 ވަނަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ވަނީ މިއެގްރީމަންޓާ ގުޅޭ ގޮތުން ހިސާބުތަކެއް އާންމުކޮށްފައެވެ. 2008، 2009، 2010 ވަނަ އަހަރުގެ ހާލަތަށް ބަލައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ހިސާބުތައް ދައްކާ ގޮތުންވެސް އެމް.އޭ.ސީ.އެލްއިން މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގައިފިނަމަ ދިވެހި ސަރުކާރަށް ސާފު ފައިދާގެ ގޮތުގައި 25 އަހަރުން ލިބޭނީ ގާތްގަނޑަކަށް 254 މިލިއަން ޔޫ.އެސް ޑޮލަރެވެ. އޭ.ސީ.ސީން 2013 ވަނަ އަހަރު ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ޖީ.އެމް.އާރު ކޮންސޯރޓިއަމްއާ ހަވާލުކޮށްގެން މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓު ހިންފައިފިނަމަ 25 އަހަރުގެ ތެރޭގައި އެންމެ މަދުވެގެންވެސް 534 މިލިއަން ޔޫ.އެސް ޑޮލަރު ލިބޭނެ ކަމުގައެވެ. އެ ރިޕޯޓުގައިވެސް ބުނެފައިވަނީ ދިވެހި ދައުލަތަށް ބޮޑަށް ފައިދާވާނީ އެއަރޕޯޓު ޕްރައިވެޓައިޒްކުރުމުން ކަމުގައެވެ.

ޖީ.އެމް.އާރު ކޮންސޯޓިއަމްއާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުން ޤާނޫނީ ހަމަތަކުގެ ބޭރުން އުވާލުމާ ގުޅިގެން ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުން 803 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން ހޯދުމަށް އެކުންފުނިން ދައުވާކޮށް މައްސަލަ ނިމުމާ މިހާރުވަނީ ގާތްވެފައެވެ. އާރބިޓްރޭޝަނުން ނިންމާފައިވަނީ ސަރުކާރުން އެއެގްރިމަންޓު ބާޠިލްކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށާއި، އެއަރޕޯޓު ތަރައްޤީކުރުމަށް އެކުންފުނިން ނަގާފައިވާ ލޯނުވެސް ގެއްލުމުގެ ތެރޭގައި ހިމެނޭނެ ގޮތަށް ސިންގަޕޫރުގެ އާރބިޓްރޭޝަން ކޯޓުން ހުކުމްކޮށްފައިވާހިނދު، ދިވެހިދައުލަތުން ޖީ.އެމް.އާރަށް އެތައްސަތޭކަް މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމުގައި ގަބޫލުކުރެވެއެވެ. އަދި މިކަމާ ގުޅިގެން ދައުލަތުގެ ދަރަނި އެތައް ގުނައަކުން އަރައިގެންދާނެކަމަށް ބެލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަސްފުޅާ ޚިލާފަށް ސިޔާސީ މަންފާއެއް ޙާސިލްކުރުމަށް ރައްޔިތުން އިންތިޚާބުކޮށްފައިވާ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށް މަގުފަހިކުރުމަށް ޤައުމިއްޔަތާއި އިސްލާމްދީނުގެ ނަމުގައި އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އެއަރޕޯޓު ތަރައްޤީ ކުރުމަށް ޖީ.އެމް.އާރު ކޮންސޯރޓިއަމްއާއެކުވި އެގްރީމެންޓު ބާޠިލް ކުރުމަކީ ދިވެހިރާއްޖޭގައި މިހާތަނަށް ހިންގުނު އެންމެ ބޮޑު އިޤްތިޞާދީ ޖަރީމާއެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކެޓޭރިއެޓް
ތާރީޚް: 18 މެއި 2016