ސިޔާސީ ޖަގަހަތައް ރޫޅާުލުމަށް އެންގުމަަކީ ޣައިރު ޤާނޫނީ އަމުރެއް

ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމަށް ރައްޔިތުންގެ ފައިސާއިން ރައްޔިތުން ހަދާފައިވާ ޖަގަހަތައް ރޫޅާލުމަށް ހޯމް މިނިސްޓަރު ފުލުހުންނަށް އަންގަވާފައިވަނީ އެމަނިކުފާނަށާއި ފުލުހުންނަށް ލިބިދޭ ބާރުގެ ބޭރުން ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް ކަމުގައިވާތީ އެކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް އެފަދަ ޣައިރު ޤާނޫނީ އަމުރު ނުކުރެއްވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ހޯމް މިނިސްޓަރަށް އިލްތިމާސް ކުރަމެވެ.

ރާއްޖޭގެ އެކިއެކި ރަށްރަށުގައި ސިޔާސީ ޕާޓީތަކަށް ތާޢީދުކުރާ ރައްޔިތުން ހަދާފައިވާ ޖަގަހަތައް ރޫޅާލަމުން އަންނަނީ ގިނަ ޕާޓީއެކުލެވޭ ސިޔާސީ ނިޒާމު ނެތިކޮށްލައި މިނިވަން ޚިޔާލުތަކަށް ޖާގަ ނުދީ ޚުދުމުހުތާރު ވެރިކަމެއް ބިނާ ކުރުމަށެވެ. ދާދިފަހުން ދ. ކުޑަހުވަދޫއާއި ހއ. ދިއްދޫގައި ހަދާފައިވާ މިފަދަ ޖަގަހަތައް ރޫޅަމުން އަންނަކަމީ މިދެންނެވިކަންކަމުގެ ހެއްކެކެވެ.

ދ. ކުޑަހުވަދޫގައި އިދިކޮޅު ސިޔާސީ ފިކުރަށް ތާޢީދުކުރާ ފަރާތްތަކުން ހަދާފައިވާ ޖަގަހައާއި ހއ. ދިއްދޫގަައި ހަދާފައިވާ “ތިންބާރު” ޖަގަހައާއި “މުންޑު” ޖަގަހައަކީ އެދާއިރާތަކުގެ ރައްޔިތުން ބޮޑު ޚަރަދެއް ކޮށްފައިވާ ތަންތަނަށްވާއިރު، އެ ތަންތަނަކީ އެރަށްރަށުގެ ރައްޔިތުންގެ އިތުރުން، ރަށަށް އަންނަ އެހެން ރަށްރަށުގެ މީހުން ވެސް ވާރެއިން ހިޔާވުމަށާއި، ފިނިކޮށްލުމަށް ބޭނުންކުރާ ތަންތަނެވެ. އަދި އެ ތަންތަނަކީ ޤާނޫނާއި ޤަވާއިދާ ޚިލާފު އެއްވެސް ކަމެއް ހިންގާ ތަންތަނެއް ވެސް ނޫނެވެ. އެހެންނަމަވެސް، ހޯމް މިނިސްޓަރުގެ އެންގެވުމަށް އެ ތަންތަން ރޫޅާލައި، އެ ތަންތާނގައި ހުރި ރައްޔިތުންގެ އަގުބޮޑެތި މުދާތައް ކޯޓު އަމުރެއް ނެތި ވަނީ ގެންގޮސްފައެވެ. މިފަދަ ޖަގަހަތަކަކީ ސިޔާސީ ސައްލާކުރުމަށް ބޭނުން ކުރުމުގެ އިތުރުން ބޭނުންތެރި އިޖުތިމާޢީ އެތައް ޚިދުމަތްތަކެއް ފޯރުކޮށްދޭ ތަންނެވެ. އެގޮތުން ރައްޔިތުން ހިތްހަމަޖައްސާލުމަށާއި ދޮށީ ޢުމުރުގެ މީހުންނާއި ބީރައްޓެހިން ވެސް ގިނަ ޢަދަދަކަށް ބޭނުންކުރާ ތަންތަން ކަމުގައިވާތީ މި ތަންތަން ތަޅާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެެވެ. މިފަދަ ތަންތަން ތެޅުމަށާއި ރޫޅާލުމަށް ގިނަ އަދަދެއްގެ ފުލުހުން ބޭނުންކޮށް އަގުހުރި ފުލުހުންގެ ވަގުތު ބޭކާރުކޮށްލަނީ ސަރުކާރުން ބޭނުންވާ ސިޔާސީ ކަންކަން ފުލުހުން ބޭނުންކޮށްގެން ކުރުވުމަށެވެ.

ދ. ކުޑަހުވަދޫއާއި ހއ.ދިއްދޫގަައި އެރަށްރަށުގެ ރައްޔިތުން ހަދާފައިވާ ޖަގަހަތައް ރޫޅާލާފައިވަނީ އެ ތަނުގައި ހުރި މުދަލާއި ތަކެތި ގެންދިޔުމަށް އެއްވެސް ނޯޓިސް އެއް ދިނުމެއް ނެތި، ތަންތަން ލޫޓުވާލާ އުސޫލުން ކަމަށްވާތީ، އެއީ ވެސް އެމްޑީޕީން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ދިވެހި ސަރުކާރަށް އަންގަމެވެ. އަދި ކޮމަންވެލްތާއި އެފަދަ ބޮޑެތި ބައިނަލްއަޤްވާމީ ފަރާތްތަކުން ދިވެހިރާއްޖޭގައި ސިޔާސީ ކަންކަން ކުރުމަށް ޖާގަ ނެތްކަަމުގައި ވިދާޅުވެފައިމިވާ މިދަނޑިވަޅުގައި މިފަދަ ޑީމޮކްރަސީގެ ރޫޙާ ޚިލާފް ކަންކަން ބާރު ސްޕީޑްގައި ކުރަމުން ގެންދިއުމުން ދިވެހިރާއްޖެއަށް އަމާޒުވެފައިވާ ފާޑުކިޔުންތައް އިތުރުވެ، ސަރުކާރުގެ މިފަދަ ޢަމަލުތަކުގެ ސަބަބުން ރާއްޖެއާ މެދ ފިޔަވަޅު އެޅުމަށް މަގުފަހިގެންދިއުމަކީ ކަންބޮޑުވާކަމެކެވެ. އެހެންކަމުން ހޯމް މިނިސްޓަރު ވިދާޅުވިޔަސް، ރައްޔިތުންނަށް ގެއްލުންދޭން އަދި ޤާނޫނާއި ޤަވައިދާ ޚިލާފަށް ދިވެހި ފުލުހުން ކުރާ އެންމެހާ ކަންކަން ހުއްޓާލުމަށް އެމްޑީޕީން ދިވެހި ފުލުހުންނަށް އިލްތިމާސްކުރަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކެޓޭރިއެޓް
ތާރީޚް: 18 މެއި 2016