އީވޯޓިންގެ ނިޒާމް ތަޢާރަފް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރުން

ކުރިއަށް އޮތް އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިލެކްޓްރޯނިކް ވޯޓިން ނުވަތަ އީ-ވޯޓިންގެ ނިޒާމް ބޭނުން ކުރުމަށް ނިންމައި އެއީ ސިޔާސީ ޕާޓީތަކުގެ ތާޢީދާއެކު ކުރުމަށް ނިންމާފައިވާ ކަމެއް ކަމަށް ވިދާޅުވެފައިވާތީ އެކަމާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ކަންބޮޑުވުން ފާޅުކުރަމެވެ.

އިލެކްޝަންސް ކޮމިޝަނާއެކު ބޭއްވުނު އެކިއެކި ބައްދަލުވުންތަކުގައި އީވޯޓިންގ ނިޒާމް ތަޢާރަފް ކުރުމާމެދު އެމް.ޑީ.ޕީން ވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ވަކިން ޚާއްސަކޮށް މި ނިޒާމާ ގުޅޭ ގޮތުން މަޝްވަރާކުރުމަކީ އިލެކްޝަންސް ކޮމިޝަނުން އިސްނަންގަވައިގެން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރައްވަން ޖެހޭ ފަދަ ކަމެއް ކަމުގައިވެސް ދެކެމެވެ. އީވޯޓިން ތައާރަފް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ގަސްދުކުރާ ސިސްޓަމާ ގުޅޭ ގޮތުންވެސް އެކިފަހަރު މަތިން ވަނީ ސުވާލުކޮށްފައެވެ. ނަމަވެސް އެމް.ޑީ.ޕީގެ ކަންބޮޑުވުންތަކާ މެދު އެއްވެސް މިންވަރަކަށް އިލެކްޝަންސް ކޮމިޝަނުން އެއްވެސް ޖަވާބެއް މިއަދާ ހަމައަށްވެސް ދެއްވާފައިނުވާކަން ފާހަގަ ކުރަމެވެ.

އީވޯޓިންގެ ނިޒާމަކީ ބޭނުންތެރި އަދި މުސްތަޤްބަލުގައި ބޭނުން ކުރުމަށް މި ޕާޓީން ތާޢީދުކުރާނެ ނިޒާމެއް ކަމުގައި ވީނަމަވެސް އިންތިޚާބެއްގެ އެންމެ މުހިއްމު އެއް ކަމަކީ އެ އިންތިޚާބަކަށް ރައްޔިތުން ކުރާ އިތުބާރުކަމުގައިވާއިރު އީވޯޓިން ފަދަ ބޮޑު އިންގިލާބީ ބަދަލެއް މުޅި އިންތިޚާބީ ނިޒާމަށް ގެންނަން ޖެހޭ ސަބަބުތަކާއި އެކަމާ ގުޅޭ ގޮތުން އެއްވެސް މިންވަރަކަށް ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް އެއްވެސް ކަމެއް އަދި މިހާ ތަނަށް އިލެކްޝަންސް ކޮމިޝަނުން ކުރައްވާފައިނުވާކަމީ ކަންބޮޑުވާ ކަމެކެވެ.

އިންތިޚާބަށް ރައްޔިތުންކުރާ އިތުބާރުގެ އިތުރުން ކާމިޔާބުކަމާއެކު އީވޯޓިންގެ ނިޒާމު ތަންފީޒުކުރުމަށް އެކަމަށް ޚާއްސަ ތަމްރީން ލިބިފައިވާ ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ލިބިފައިވާ އިލެކްޝަންސް ކޮމިޝަނެއް އޮތުމަކީވެސް ހަމަ އެހާމެ މުހިއްމު ކަމެއް ކަމުގައި ފާހަގަ ކުރަމެވެ. މިއަދު ދިވެހިރާއްޖޭގެ ސިޔާސީ ޙާލަތު އެތައް ގޮތަކުން ހީނަރުވެ، މިނިވަން މުވައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު މިވަނީ އެތައް ގުނައަކުން ދަށަށްގޮސްފަައެވެ. ވަކީން ޙާއްސަކޮށް އިލެކްޝަންސް ކޮމިޝަނާ މެދު ރައްޔިތުންގެ އިތުބާރު ވަރަށް ބޮޑަށް ދަށްވެފައިވާކަން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ޑިމޮކްރަސީ ސަރވޭއިންވެސް ހާމަވެއެވެ.

2008 ވަނަ އަހަރު ތަސްދީޤްކުރެވުނުް ޤާނޫނު އަސާސީގެ ދަށުން ޑިމޮކްރަޓިކް ނިޒާމެއްގެ ތެރެއިން ދިވެހިރާއްޖޭގައި އިންތިޚާބު ބާއްވަމުން އަންނަތާ އަދި މާގިނަ ދުވަހެއް ނުވެއެވެ. މި އިންތިޚާބީ ނިޒާމުގެ ޅަފަތުގައި އެ ނިޒާމު ރަނގަޅަށް ހިނގަނިކޮށް މިފަދަ ބޮޑު އިންގިލާބީ ބަދަލެއް ކުއްލި ގޮތަކަށް ގެންނަން ޖެހޭ ސަބަބު އެންމެ ފުރިހަމައަށް އިލެކްޝަންސް ކޮމިޝަނުން ބަޔާންކޮށްދީފައެއް ނުވެއެވެ. އަދި އީވޯޓިންގެ ނިޒާމުގައި އެންމެ މުހިއްމު އެއް ކަމަކީ ރައްޔިތުން އެނިޒާމަށާއި މުޅި އިންތިޚާބީ ނިޒާމަށް ކުރާ އިތުބާރުކަމަށްވާއިރު އެކަން ދެނެނުގަނެ އިލެކްޝަންސް ކޮމިޝަނުން މިފަދަ ބޮޑު ބަދަލެއް ގެނައުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމުގައި ދެކެމެވެ. ވެނެޒުއޭލާ، ފިލިޕީންސް، އަޔަރލެންޑް، ނެދަލެންޑްސް، އިންޑިޔާ އާއި ބަހްރައިން ފަދަ ޤައުމުތަކުގައި އީވޯޓިންއާ ގުޅިގެން ހިނގައިދިޔަ ކަންކަމުން އިންތިޚާބީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރުގެ މުހިއްމުކަން އެނގެއެވެ. ބްރެޒިލް ފަދަ ޤައުމުތަކުގައިވެސް އީވޯޓިންގެ ނިޒާމް ބޭނުންކުރަން ފެށީ އެކަން ކުރުމަށް ނިންމިތާ 16 އަހަރު ފަހުންނެވެ. ފުރިހަމަ ގޮތުގައި އީވޯޓިން ނިޒާމަށް ރައްޔިތުންނާ ހުރިހާ ފަރާތްތައް އަހުލުވެރިކުރުމަށް 16 އަހަރުގެ ތެރޭގައި ބްރެޒިލްއިން ބޮޑު ކެމްޕޭނެއް ހިންގައި ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށް 2009 ވަނަ އަހަރު ނިޒާމް ހެކް ކުރުމުގެ މުބާރާތެއްވެސް ބޭއްވިއެވެ.

އިތުބާރުގެ އިތުރުން އީވޯޓިން އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް ހުރިހާ ސިޔާސީ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވެއެވެ. އެހެންނަމެވެސް މިކަންކުރުމަށް ނިންމުމުގައި ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމް.ޑީ.ޕީ ހިއްސާނުވާކަން ހިތާމައާއެކު ފާހަގަ ކުރަމެވެ. ސިޔާސީ ޕާޓީތަކުގެ އިތުރުން ދިވެހިރާއްޖޭގައި މަސައްކަތް ކުރާ މަދަނީ ޖަމްޢިއްޔާަކާ އިންތިޚާބާ ގުޅޭ ގޮތުން ދިވެހިރާއްޖެއަށް އެހީތެރިވަމުން އަންނަ ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެއްބާރުލުމާ އެފަރާތްތަކުގެ ވިސްނުންވެސް ހިމެނުމަކީ ކޮންމެހެން މުހިއްމުކަމެއް ކަމުގައި ދެކެމެވެ.

އީވޯޓިން ނިޒާމް ތަޢާރަފްކޮށް ތަންފީޒުކުރުމުގެ ޓެކްނިކަލް ގާބިލްކަން ލިބިފައިވީނަމަވެސް އިސްވެދެންނެވުނު ކަންކަން ފުރިހަމަ ނުވަނީސް ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި މިނިޒާމު ބޭނުންކުރުމަކީ ބުއްދިވެރިކަމެއް ނޫނެވެ. އަދި މިކަމާމެދު ފުޅާ ދާއިރާއެއްގައި ރައްިތުންނާއި ސިޔާސީ ޕާޓީތަކާއި އަދި މަދަނީ ޖަމްޢިއްޔާތަކާއެކު އިތުރަށް މަޝްވަރާކުރުމަށް ގޮވާލަމެވެ. އަދި މިނިޒާމާ ގުޅޭ ގޮތުން ދިވެހިރާއްޖެ ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމަށް ބޭރުގެ އެހީ ހޯދައި އެފަދަ ދިރާސާއެއް ރަައްޔިތުންނާ ހިއްސާ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލަމެވެ. އެއީި އިންތިޚާބުގެ އެއްވެސް ކަމެއްގެ ނަޒާހަތްތެރިކަމާ މެދު އެއްވެސް މިންވަރަކަށް ސުވާލު އުފެދިއްޖެ ނަމަ އިންތިޚާބުގެ ސައްޙަކަމާމެދު ސުވާލު އުފެދި އިންތިޚާބު ގަޑުބަޑުވެގެންދާނެތީއެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
ތާރީޚް: 28 އޭޕްރީލް 2016