ޕީ.ޕީ.އެމް ގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ސިޔާސީ ބޭނުންފުޅަށްޓަކައި ދީން ހަތިޔާރަކަށް ނަންގަވައިގެން ޙަޤީޤަތާ ޚިލާފު ވާހަކަފުޅުދެއްކެވުން ކުށްވެރިކުރުން

ޕްރޮގްރެސިވް ޕާރޓީ އޮފް ދަ މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ރައީސް އަދި ކުރީގައި ރާއްޖޭގައި ރައީސްކަން ކުރެއްވި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ސިޔާސީ ބޭނުންފުޅަށްޓަކައި ދީން ހަތިޔާރަކަށް ނަންގަވައިގެން އަނެއްކާ ވެސް 21 ވަނަ ގަރުނަށް ނުފެތޭ ޙަޤީޤަތާ ޚިލާފު ވާހަކަފުޅުތައް ދައްކަވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

މިގޮތުން އެމަނިކުފާނު ދީނާ ގުޅުވައިގެން އެންމެ ފަހުން ހެއްދެވި އިތުރުފުޅަކީ 2008 ވަނަ އަހަރު ރައްޔިތުން އިންތިޚާބުކުރި އެމް.ޑީ.ޕީގެ ސަރުކާރުގައި އެއް އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގައި ފައްޅިއަޅަން ނިންމާފައިވާކަމަށް ވިދާޅުވެ ހެއްދެވި އިތުރުފުޅެވެ. ދިވެހިރާއްޖޭގައި ނެތް މައްސަލައެއް އަމިއްލަފުޅަށް އުފައްދަވައިގެން އެފަދަ އިތުރުފުޅު ހެއްދެވުމަކީ އިސްލާމްދީނާ ދުރު، އަދި ފިތުނަވެރިންގެ ސިފައެކެވެ.

އެމަނިކުފާނުގެ ބަސްފުޅުތަކާ ޚިލާފަށް އެމް.ޑީ.ޕީގެ ސަރުކާރުން ދައްކުވާދީފައިވާނީ އެމަނިކުފާނު ވެރިކަން ކުރެއްވި 30 އަހަރުގައި ދީނީ ޢިލްމުވެރިން ހިފާ ހައްޔަރުކޮށް ޖަލަށްލައި އަދި އަނދަގޮނޑިޖެހުމަށްފަހު ކުރަމުންދިއަ ބޮޑެތި ލާއިންސާނީ އަނިޔާތަކުގެ ސަޤާފަތް ނިމުމަކަށް ގެނައިކަމާއި، ދީނީ ޢިލްމުވެރިން މިނިވަންކޮށް އަދި އެބޭފުޅުންނަށް ފަތުވާދެއްވުމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވާކަމެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޤުހު އެކަޑެމީއަކާއި އިސްލާމީ ކަންކަމާބެހޭ މިނިސްޓްރީއެއް އުފެއްދުމުގެ އިތުރުން ސްކޫލުތަކުގައި ނަމާދުކުރެވޭނޭ ވަސީލަތްތައް ފުރަތަމަފަހަރަށް ޤާއިމުކުރިކަމެވެ. ހަމަ އެހެންމެ 40 އެތަކެއް މިސްކިތް 3 އަހަރުގެ ކުރު މުއްތަދުގެތެރޭގައި ބިނާކުރިކަމެވެ. އަދި އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ ގޮތަށް އޯގާތެރި ހެޔޮ ވެރިކަމެއް ކުރެއްވިކަމެވެ. އަދި ރާއްޖެއާއި ދުނިޔޭގައި ކަން ހިނގަމުންދިއަ ގޮތުގެ ޙަޤީޤަތް ދެފުއް ދެގޮތްވުމެއް ނެތި ހާމަކުރަމުން ދިއަކަމެވެ.

މިކަން މިހެން އޮތްއިރު، ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ގަނޑުވަރުތެރޭގައި ދީން ބަދަލުކޮށްގެން އެހެން ދީންތައް ފެތުރުމުގެ މަސައްކަތްކުރާ މީހުން ގެންގުޅުއްވުމާއި، ރާއްޖޭގެ ކޮންމެ ރައްޔިތަކު ވެސް އެމީހަކު ބޭނުންވާ ދީނަކަށް އުޅެވެންޖެހޭނެކަމާއި، ޤުރުއާނުގެ ތަރުޖަމާއަކީ ޙުއްޖަތެއް ނޫންކަމަށް ފާޅުގައި ވިދާޅުވި ވިދާޅުވުން ފަދަ ބަސްފުޅުތައް މިއަދު ވެސް ހެކިތަކާއެކު ފެންނަން ހުރިކަން ފާހަގަކުރަމެވެ.

ރިޔާސީ އިންތިޚާބާ ގުޅިގެން ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމު ބިދޭސީ ފާދިރީއެއްގެ ގާތަށް ވަޑައިގެން އިސްލާމް ދީނުގައި ކަނޑައެޅިގެން ނަހީކުރައްވާފައިވާ ސިހުރު ހާހޫރު ހެއްދެވިކަން ފަޅާއެރުމުން، އެކަމަކީ ނުކުރައްވާ ކަމެއްކަމަށް ދެއްކެވުމުގެ ގޮތުން ސިހުރަކީ އޮންނަ ކަމެއް ވެސް ނޫންކަމަށް ރައީސް މައުމޫން ޢަބްދުޤައްޔޫމު ވިދާޅުވިއިރު، އެމަނިކުފާނުގެ ވެރިކަމުގައި އެމަނިކުފާނުގެ ޅިޔަން ބޭފުޅެއްކަމަށްވާ އަލްފާޞިލް އިލްޔާސް އިބްރާހިމް ވެރިކަމަށް ވަޑައިގަތުމަށް ސިހުރު ހެއްދެވިކަމަށް ތުހުމަތުކުރައްވައި ކޯޓުން ޙުކުމް އިއްވަވާފައިވާކަމީ ދިވެހިރައްޔިތުންގެ ހަނދާނުގައި ހުރިކަންކަމެވެ.

އިސްލާމް ދީނުގެ މަތިވެރި އެންމެހައި އުސޫލުތަކާއި ޚިލާފަށް، އަދި ދައުލަތުގެ މާލިއްޔަތުން ބޮޑެތި ވައްކަން ކުރެއްވުމާއި ޚިޔާނާތްތެރިވެވަޑައިގަތުމާއި، ސިހުރު ހެއްދެވުމާއި، ނާއިންސާފާއި ލާއިންސާނީ އަނިޔާކުރެއްވުން ފަދަ ދީނުގައި ޚަރާމްކުރައްވާފައިވާ އެންމެހައި ނުބައި ކަމެއްގެ މަތީގައި ދެމިތިއްބަވައިގެން ސިޔާސީ ބޭނުންފުޅަށްޓަކައި އިސްލާމްދީން ހަތިޔާރެއްގެ ގޮތުގައި ނަންގަވައި ވާހަކަފުޅުދެއްކެވުމަކީ ދަށުދަރަޖައިގެ މުނާފިޤު އަދި ފިތުނަވެރި ސިފައެކެވެ. އެހެންކަމުން އެފަދަ އެންމެހައި ނުބައި ސިފަތަކަކުން އެއްކިބާވެވަޑައިގެން، ދެފުށް އެއްގޮތް ކުރެއްވުމަށް ސަރުކާރަށާއި ސަރުކާރު ހިންގާ ޕީ.ޕީ.އެމް އަށް އިލްތިމާސްދަންނަވަމެވެ.

8 ފެބްރުއަރީ 2016
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް