އަދާލަތު ޕާރޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ ރޭގެ ދަންވަރުގެ ވަގުތެއްގައި ހައްޔަރުކޮށް އަލުން އަނބުރާ ޖަލަށް ގެންދެވި ގެންދެވުން ކުށްވެރިކުރުން

އަދާލަތު ޕާރޓީގެ ރައީސް އައްޝެޚް އިމްރާން ޢަބްދުﷲ ރޭގެ ދަންވަރުގެ ވަގުތެއްގައި ހައްޔަރުކޮށް އަލުން އަނބުރާ ޖަލަށް ގެންގޮސްފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

ޝެއިޚް އިމްރާން ޢަބްދުﷲ ގޭބަންދުގައި ބެހެއްޓުމަށްފަހު ރޭގެ ދަންވަރުގެ ވަގުތެއްގައި ފުލުހުން އެމަނިކުފާނު ދިރިއުޅުއްވާ ގެއަށް ވަދެ، އެމަނިކުފާނު ހައްޔަރުކޮށްގެން އަލުން އަނބުރާ ޖަލަށް ބަދަލުކުރި ކުރުމަކީ ރައީސް ޢަބްދުﷲ ޔާމިން ގެ ސަރުކާރުގެ އަނިޔާވެރިކަމާއި ނާއިންސާފު ހުއްޓުމެއްނެތި ކުރިޔަށްދާކަމުގެ ހެއްކެކެވެ. އަދި އެކަމަކީ ސަރުކާރަށް ފާޑުވިދާޅުވާ އިދިކޮޅު ސިޔާސީ ލީޑަރުން ނެތިކޮށްލައި ބިރުދެއްކުމުގެ ގޮތުން ހިންގި ޢަމަލެކެވެ. ޝެއިޚް އިމްރާން ޢަބްދުﷲ ގެ މައްޗަށް އެއްވެސް ޝަރީޢަތެއް ކުރުމެއް ނެތި 5 މަސް ދުވަސް ވަންދެން ޖަލުގައި ހައްޔަރުގައި ބެހެއްޓުމާއި، އަދި އެއަށް ފަހު ގޭބަންދަށް ބަދަލުކޮށް ގޭބަންދުގައި ބެހެއްޓުމާއި އަދި ރާއްޖޭގެ ރައްޔިތުން ޤަބޫލުނުކުރާ ދަޢުވާއެއް އެމަނިކުފާނުގެ މައްޗަށް އުފުލައި، އަދި އެ ދަޢުވާގެ ޝަރީޢަތް އިންސާފެއް ނެތްގޮތަށް ހިންގަމުންދާކަމުގެ ފާޑުކިޔުންތައް އިންތިހާއަށް އޮތްއިރު، ޝެއިޚް އިމްރާން ޢަބްދުﷲ ރޭގެ ދަންވަރުގެ ވަގުތެއްގައި އަލުން އަނބުރާ ޖަލަށް ގެންދެވި ގެންދެވުމަކީ އެމަނިކުފާނާ މެދު ނާއިންސާފުވުން އިންތިހާއަށް ގޮސްފައިވާކަން ހާމަވާކަމެކެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ގިނަ ރައްޔިތުންނާއި ބައިނަލްއަޤުވާމީ މުޖުތަމަޢުއިން ޝެއިޚް އިމްރާން ޢަބްދުﷲ އާއި އެހެނިހެން ސިޔާސީ ލީޑަރުން ވަގުތުން މިނިވަންކުރުމަށް ގޮވާލާ ގޮވާލުމަށް ރައީސް ޢަބްދުﷲ ޔާމިން ގެ ސަރުކާރުން ބޯލަނބައި، ޝެއިޚް އިމްރާން ޢަބްދުﷲ އާއި އެހެނިހެން ސިޔާސީ ލީޑަރުން ވަގުތުން މިނިވަންކުރުމަށް މި ޕާރޓީން ގޮވާލާ ގޮވާލުން ތަކުރާރުކުރަމެވެ.

7 ފެބްރުއަރީ 2016
\ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް