ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަލީ ޢުމަރު މަނިކު (ކޮލި) އަވަހާރަވުމާ ގުޅިގެން އެކަމުގެ ފުން ހިތާމާގައި ބައިވެރިވުމުގެ ގޮތުން އެމް.ޑީ.ޕީން ނެރޭ ނޫސްބަޔާން

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ޢަލީ ޢުމަރު މަނިކު (ކޮލި) ރޭގެ ވަގުތެއްގައި ސިންގަޕޫރުގައި އަވަހާރަވުމާ ގުޅިގެން އެކަމުގެ ފުން ހިތާމާގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ބައިވެރިވަމެވެ. އަދި މި ހިތާމަވެރި ވަގުތުގައި އެ މަރުޙޫމްގެ އާއިލާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ދަންނަވަމެވެ.

އަލްމަރުޙޫމް ޢަލީ ޢުމަރު މަނިކު ޚާއްޞަގޮތެއްގައި ފާހަގަކުރެވިގެން ގޮސްފައިވަނީ ޤައުމީ ބޮޑެތި މަސައްކަތްތަކެއް ކުރެއްވި އަދި ރާއްޖޭގެ އިޤުތިޞާދާއި ވިޔަފާރީގެ މައި ތަނބެއްގެ ގޮތުގައެވެ. މިރޮނގުން މަތިވެރި ކާމިޔާބީއެއް ހޯއްދަވާފައިވާ އާދަޔާ ޚިލާފު ޝަހުސިއްޔަތެއްގެ ގޮތުގައެވެ. އިޤުތިޞާދާއި ވިޔަފާރީގެ ރޮނގުގެ އިތުރުން ވެސް އެމަނިކުފާނުވަނީ ދިވެހި ސަރުކާރަށް ވަރަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. އަދި ވަކިން ޚާއްޞަގޮތެއްގައި އަލްމަރުޙޫމް އިބްރާހީމް ނާސިރުގެ ރައީސްކަމުގައި ދިވެހިރާއްޖޭގެ ނައިބު ރައީސްކަމުގެ މަތިވެރި މަޤާމު ފުރުއްވާފައިވެއެވެ.

ނިޝާން ޢިއްޒަތްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްފާޟިލް ޢަލީ ޢުމަރު މަނިކު އަވަހާރަވުމުން ގެއްލިގެން އެދިއައީ ނުހަނު އަގުހުރި ދިވެހި ދަރިއެއްކަމާމެދު ޝައްކެއްނެތެވެ. އަދި އެއީ އެންމެހައި ދިވެހީންނަށް ލިބިގެންދިއަ ފުން ހިތާމައެކެވެ.

އަލްމަރުޙޫމް ޢުމަރު މަނިކުގެ ފުރާނަ ފުޅަށް ސުވަރުގޭގެ މަތިވެރި ދާއިމީ ނިޢުމަތް ލެއްވުމަށް ދުޢާކުރާ ހިނދު، އެމަނިކުފާނުގެ އާއިލާއަށް ކެއްތެރިކަން މިންވަރުކުރެއްވުމަށް ދުޢާ ދަންނަވަމެވެ. އާމީން!

20 ޑިސެމްބަރ 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއޭޓް