މާތް ﷲ އަށް ދުޢާ ދެންނެވުމުގެ މަތިވެރި އަޅުކަން އަދާކުރާ ފަރާތްތައް ހިފާ ހައްޔަރުކޮށް، ބިރުދައްކާ، ބޮޑެތި ދަޢުވާތައް އުފުލަމުން ގެންދާ ގެންދިޔުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން

ޤާނޫނު އަސާސީ ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ ޙައްޤާއި، ދިވެހި ރައްޔިތުންގެ އަސާސީ އެތައް ޙައްޤުތަކަކަށް ތަކުރާރުކޮށް އަރައިގަނެ އަނިޔާވެރިކަން އިސްކޮށްފައިވާ ޢަބްދުﷲ ޔާމީނުގެ ސަރުކާރުން، ދިވެހި މުސްލިމް ރައްޔިތުން އަދާކުރާ ދީނީ އަޅުކަންކަމާ ބެހި، ހެއްދެވިފަރާތަށް ދުޢާ ދެންނެވުމުގެ މަތިވެރި އަޅުކަން އަދާކުރާ ފަރާތްތައްވެސް ހިފާ ހައްޔަރުކޮށް، ބިރުދައްކާ، ބޮޑެތި ދަޢުވާތައް އުފުލަމުން ގެންދާ ގެންދިޔުން އެންމެ ހަރުކަށި އިބާރާތުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން (އެމްޑީޕީ) ކުށްވެރިކުރަމެވެ. އަނިޔާވެރިކަމާ ދެކޮޅަށް މިދިޔަ ހުކުރު ދުވަހު އިސްވެ ދުޢާކުރެއްވި، މިޕާރޓީގެ ޤައުމީ މަޖިލިސް މެމްބަރު ޙަސަން އަޙުމަދު މިއަދު އެއްވެސް ހަމައެއް ނެތި ހަައްޔަރުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށާއި މިހާރުން މިހާރަށް ޙަސަން އަޙުމަދު ދޫކޮށްލުމަށް ސަރުކާރަށް ގޮވާލަމެވެ.

އަމިއްލަ ސިޔާސީ ބޭނުމަށް ދައުލަތުގެ މުއައްސަސާތައް ނަހަމަގޮތުގައި ބޭނުންކުރަމުން ގެންދާ މި ސަރުކާރުން، އަނެއްކާވެސް އިސްލާމް ދީން ހަތިޔާރަކަށް ހަދައި، ދީނަކީ ހަމައެކަނި އަމިއްލަ ވެރިކަން ޙިމާޔަތްކުރަން އޮންނަ އައްޑަނައެއް ކަމަށް ދެކި، ރާއްޖޭގެ މިސްކިތްތަކުގެ މުދިމުންނަށް މަޖުބޫރުކުރުވައިގެން ސިޔާސީ ދުޢާތައް ކުރުވާފައިމެ، ސަރުކާރުގެ އަނިޔާވެރިކަމާ ނުރުހޭ ރައްޔިތުންނަށް ހެއްދެވިފަރާތާ ދެމެދު ދުޢާ ދެންނެވުމަށް ހުރަސްއަޅައި، ބިރުދައްކައި، ހައްޔަރުކޮށް، ބޮޑެތި ދަޢުވާތައް އުފުލަމުން ގެންދިޔުން ދޭހަކޮށްދެނީ މިސަރުކާރު ގޮތްހުސްވެ، ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުން ހައްދުފަހަނައަޅާގޮސްފައިވާ މިންވަރެވެ.

ބަދު ދުޢާކޮށް، ސިޔާސީ އެއްވުންތަކުގައި ކުރިން ތަކުރާރުކޮށް ދުޢާކޮށްހަދާފައިވާ މީހުން މިއަދު ވެރިކަމުގައި ތިބެ ދެއްކުންތެރިކަމުގެ ގޮތުން ކުރެވޭ ދުޢާއެކޭ ބުނެ، އަނިޔާވެރިކަމާ ދެކޮޅަށް ދުޢާކޮށްގެން މިހާތަނަށް 3 މީހަކު 4 ފަހަރެއްގެ މަތިން ފުލުހަށް ހާޒިރުކޮށް ބިރުދައްކާފައިވެއެވެ.

އަނިޔާވެރިކަމާ ދެކޮޅަށް ކުރެވޭ ދުޢާގައި ބައިވެރިވާ ފަރާތްތަކުގެ އިތުރުން އަޑު އައްސަވާ ހުރިހާ ބޭފުޅުންނާއި، މީޑިޔާތަކުން ބައްލަވާ އެއްމެހާ ފަރާތްތަކަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، މިގޮތުން ކުރެވެމުންދާ ދުޢާގައި އެއްވެސްކަހަލަ ބަދު ބަހެއް، އަދި ބަދު ދުޢާއެއް ހިމެނިފައިނުވާނެއެވެ. އަދި ދުޢާކުރުމުގެ ތެރޭގައި މިސްކިތްތަކުގެ ޙުރުމަތްކެނޑި، މަސްލަހަތު ގެއްލި ހަމަނުޖެހުމަކަށް މަގުފަހިވާފަދަ އެއްވެސް ކަމެއް ހިންގާފައެއް ނުވާނެއެވެ.

ދުޢާކުރުމަކީ މުއުމިނުތަކުންގެ އެންމެބޮޑު ހަތިޔާރުގެ އިތުރުން، ދީނީގޮތުން އަދާކުރަންޖެހޭ މުހިންމު އަޅުކަމެއްކަމުގައި ވީހިނދު، ޢަބްދުﷲ ޔާމީނުގެ ސަރުކާރުން ރައްޔިތުންގެ މިފަދަ އަޅުކަންކަމަށް ހުރަސްއަޅައި، ރައްޔިތުންނަށް ބިރުދައްކައި، އިންތިހާއަށް އަނިޔާވެރިކަން އިސްކުރަމުން ގެންދާ ގެންދިޔުން ވަގުތުން ހުއްޓާލައި، އިންސާފުން ބޭރުން ހައްޔަރުކުރެވިފައި ހުރި ޙަސަން އަޙުމަދު މިހާރުން މިހާރަށް ދޫކޮށްލައި، އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް އުފުލަމުންގެންދާ ދަޢުވާތައް އުފުލުން ވަގުތުން ހުއްޓާލުމަށް މިޕާރޓީން ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
23 ނޮވެމްބަރ 2015