ޚާރިޖީ ވަޒީރު ދުންޔާ މައުމޫން އދ. އަށް ގޮންޖައްސަވައި އަދި ރާއްޖެއަށް ނުހަނު ގެއްލުންވަނިވިގޮތަށް ވާހަކަފުޅުދެއްކެވި ދެއްކެވުން ކުށްވެރިކުރުން

އދ. ގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވުމަށްކަމަށް ވިދާޅުވެ، ރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން އދ ގެ ޖެނެރަލް އެސެމްބްލީގައި ދިވެހިރާއްޖެއަށް ގެއްލުންވަނިވިގޮތަށް ވާހަކަފުޅުދައްކަވައި، އަދި އދ. އަށް ގޮންޖައްސަވާފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަން ކުށްވެރިކުރަމެވެ.

އދ. ގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވުމަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިސިއްޔަތުން ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމް މަޤުބޫލު އުޒުރެއްނެތި، އދ. އަށް ވަޑައިނުގެން، ޚާރިޖީ ވަޒީރު ފޮނުއްވަވައި، އަދި ޚާރިޖީ ވަޒީރު އދ. އަށް ގޮންޖައްސަވައި ވާހަކަފުޅުދެއްކެވުމަކީ ދިވެހި ދައުލަތް ނިކަމެތިކުރެއްވުމެއްކަން އެންމެ ފުރަތަމަ ފާހަގަކުރަމެވެ.

ދިވެހި ސަރުކާރުންނާއި ރާއްޖޭގެ ކޯޓުތަކުން އދ. ގެ ޗާރޓަރުގައި ބަޔާންކޮށްފައިވާ މައިގަނޑު ހަމަތަކާއި އުސޫލުތަކުން ނެއްޓިފައިވުމުގެ ސަބަބުން އދ. ގެ އެކި ގުނަންތަކުންނާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ-މޫން ކަންބޮޑުވުން ފާޅުކުރައްވައި، އެކަން އިސްލާޙުކުރުމަށާއި ރައީސް މުޙައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލައްވާފައިވަނިކޮށް، އެކަން އިސްލާޙްކުރެއްވުމުގެ ބަދަލުގައި، ރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން އދ. އިސްލާޙުކުރުމަށް ގޮވާލައި، އދ. އަށް ގޮންޖެއްސެވުމަކީ ދިވެހިރާއްޖެއަށް އެއްގޮތަކަށް ވެސް ފައިދާކުރުވަނިވި ޚާރިޖީ ސިޔާސަތެއް ނޫންކަން ފާހަގަކުރަމެވެ. އަދި އެއީ މީގެ ކުރިން ދުވަހަކުވެސް ރާއްޖެއިން ގެންގުޅެފައިވާ ޚާރިޖީ ސިޔާސަތެއް ނޫންކަން ވެސް ފާހަގަކުރަމެވެ.

އދ. ގެ ޗާރޓަރުގައި ބަޔާންކޮށްފައިވާ މައިގަނޑު ހަމަތަކާއި އުސޫލުތަކުން ނެއްޓިގެން ދިއުމާއި، އދ. ގެ ގުނަންތަކުން ރަސްމީކޮށް ނިންމާ ނިންމުންތައް ޤަބޫލުނުކުރައްވާނޭކަމަށް ދިވެހި ސަރުކާރުން ވިދާޅުވެ، އދ. އަށް ގޮންޖެއްސެވުމަކީ ދިވެހިރާއްޖެއަށް ނުހަނު ބޮޑެތި ގެއްލުންތައް ކުރިމަތިވާނޭ ކަމެއްކަމާމެދު ޝައްކެއް ނެތެވެ. އަދި ބޮޑުބޭބެ ރައީސް އަބްދުﷲ ޔާމިން ވިދާޅުވާގޮތަށް އދ. އަށް ވަޑައިގެން އަދ. އަށް ގޮންޖައްސަވައި ވާހަކަފުޅު ދެއްކެވުމުން، ބައްޕާފުޅު ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އެކަމަށް ތަޢުރީފުކުރައްވައި ފަޚުރުވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވެ ޓްވީޓް ކުރެއްވުމަކީ، ރާއްޖެއަށް މިހާރު ކުރިމަތިވެފައިމިވާ ބޮޑެތި މައްސަލަތަކަށް ޙައްލެއް ލިބޭނޭކަމެއްކަމަށް ނުދެކެމެވެ. ހަމަ އެފަދައިން އެއީ ބައިނަލް އަޤުވާމީ ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ނަން ކިލަނބުވެ ރާއްޖޭގެ އަގުވެއްޓިފައިވާ ޙާލަތުން އަރައިގަނެވޭނެކަމެއް ކަމަށް ވެސް ނުދެކެމެވެ.

އެހެންކަމުން، ބައިނަލްއަޤުވާމީ ދުނިޔެއަށް ގޮންޖައްސަވައި ދުނިޔެއާއި ގުޅުންކަނޑައި، ރާއްޖެ އެކަހެރިވެގެން އޮތުމުގެ ސިޔާސަތު ނުގެންގުޅުއްވުމަށާއި، އދ. ގެ ޗާރޓަރަށާއި ބައިނަލްއަޤުވާމީ ހަމަތަކަށް ބޯލެނބުމަށް ދިވެހިސަރުކާރަށް އަދިވެސް އެއްފަހަރު އެމް.ޑީ.ޕީ އިން އިލްތިމާސްކުރަމެވެ.

4 އޮކްޓޯބަރ 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް