ދިވެހި ފުލުހުންނަށް އިތުބާރު ނުކުރައްވާތީ ތޯ ބޭރުގެ ޓީމްތަށް ތަހުގީގަށް ގެނައީ :ރޮޒެއިނާ

ރޮޒައިނާ ވިދާޅުވީ ރައީސް ޔާމީންގެ ދެކަނބަލުން ދަތުރު ކުރެއްވި ލޯންޗު ކޮޅަށް ދިމާވި ހާދިސާއަކި ހަގީގަތުގައިވެސް ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި ކަންބޮޑުވާންޖެހެނީ ރާއްޖޭގައި މި އޮތް ނިޒާމު ފެއިލް ވެފައިވާ މިންވަރު އިހުސާސް ކުރެވޭތީކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން މިކަން ތަހުގީގު ކުރުމަށާއި މިކަމުގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދި އެމްޑީޕީން ވެސް ބަޔާނެއް ނެރެފައިވާ ކަންވެސް ރޮޒައިނާ ފާހަގަ ކުރެއްވިއެވެ.

ރިޟްވާން ގެއްލިގެން އުޅޭ މައްސަލައިގައި “ވަށައިގެންވާ” ކަންތައްތަކަށް ބަލާލާއިރު މިކަމަކީ އާދައިގެ ގޮތަކަށް ވީ ކަމެއް ނޫންކަން އެނގެން އެބައޮތްކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ރޮޒައިނާ ވިދާޅުވީ ތަކުރާރުކޮށް މި ވާހަކަ ދައްކަން ޖެހެނީ ރިޟްވާންގެ މައްސަލައަކީ ވެސް ހާއްސަ ކަމެއް ދީގެން ތަހުގީގު ކުރަން ޖެހޭ ކަމެއް ކަމަށް ދެކޭތީ ކަމަށެވެ. އަދި އިތުރު ދިވެހި ރައްޔިތެއް މި ފަސްގަނޑުން ގެއްލިގެންދާން ބޭނުންނުވާތީ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އަދި އިތުރަށް ވިދާޅުވީ ރާއްޖޭން ބޭރުގެ ބަޔަކު ލައްވާ ރިޔާސީ ލޯންޗްގައި ހިނގާދިޔަ ހާދިސާ ތަހްގީގު ކުރުމުން ދޭހަވަނީ ސަރުކާރުގެ ސަލާމަތީ ހިދުމަތްތަކަށް އިތުބާރު ނެތްކަން ކަމުގައެވެ. ރިލްވަން ހޯދުމުގައި ބޭރުގެ ފަރާތްތަކުގެ އެހީ ނުހޯދީ ކީއްވެތޯ ސުވާލު އުފައްދަވަމުން ވިދާޅުވީ ވަކި މީހަކަށް އިސްކަންދެވިގެން ނުވާނެކަމުގައެވެ.