އިއުލާން

އެމްޑީޕީގެ އަންހެނުންގެ ރޫހަކީ ޕާޓީގެ ވަރަށް މުހިންމު މަގްސަދުތަކެއް ހާސިލްކުރުމަށް އަމާޒުކޮށް ހަރަކާތްތެރިވަމުން އަންނަ ގުނަވަނެކެވެ.
މިހާތަނަށް އަންހެނުންގެ ރޫހަކީ ޕާޓީގެ ހަރަކާތްތަކުގައި ވަރަށް އިސް ދައުރެއް އަދާކުރާ އެ ހަރަކާތްތަކުގައި ވަރަށް މަތީ ދަރަޖައަކަށް ބައިވެރިވާ ގުނަވަނެކެވެ.
ރާއްޖޭގެ މިއަދުގެ ހަގީގަތްތަކަށް ބަލާއިރު ރާއްޖޭގައި ޑިމޮކްރެސީ ދަމަހައްޓައި ގާނޫނުއަސާސީ ހިމާޔަތްކޮށް އަންހެނުންގެ ރޫހުގެ އަމާޒުތައް ހާސިލުކުރުމަށްޓަކައި އަންހެނުންގެ ރޫހުން މިހާރަށްވުރެ ބޮޑަށް ހަރަކާތްތެރިވާންޖެހެއެވެ.
ވީމާ އެމްޑީޕީގެ އަމާޒުތަކާއި އަންހެނުންގެ ރޫހުގެ އަމާޒުތައް ހާސިލުކުރުމަށް އަމަލީގޮތުން މަސައްކަތްކުރުމަށާއި އަންހެނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުމަށް “އަންހެނުންގެ ރޫހުގެ ލޮބީ ގްރޫޕް” އުފައްދަން ނިންމައިފީމެވެ.
މި ގްރޫޕް އުފައްދަން ޖެހުނީ އަންހެނުންގެ ރޫހުގެ އެކި މެމްބަރުންނަކީ ޕާޓީގެ އެކި ހަރަކާތްތަކަށް ޝައުގުވެރިކަން ދެއްވައި، އެކި ހަރަކާތްތަކުގައި އެކި މިންވަރަށް ބައިވެރިވެ ވަގުތު ދެވޭނެ މެމްބަރުންކަމުގައި ވާތީއެވެ.
މި ގްރޫޕްގެ މެމްބަރުންނަކީ އަންހެނުންގެ ރޫހުގެ އަމާޒުތައް ހާސިލުކުރުމުގައި އަމަލީ ގޮތުން، މަދުވެގެން އަންހެނުންގެ ރޫހުގެ ލޮބީ ގްރޫޕްގެ ޖަލްސާތަކުގައި ބައިވެރިވުމަށް ވަގުތު ދެއްވައި އެކަން ކުރެވޭނެ މެމްބަރުންނަށް ވާންޖެހޭނެއެވެ.
އަންހެނުންގެ ރޫހުގެ ލޮބީ ގްރޫޕްގެ މެމްބަރުންނަކީ އިންތިޚާބީ ދާއިރާ ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ނުވަތަ އަވަށު ފެންވަރުގައި އެކުލަވާލެވޭ ލޮބީ ގްރޫޕްތަކުގެ ހުރިހާ މެމްބަރުންނެވެ.
އެގޮތުން މި ގްރޫޕްތަކުގައި ބައިވެރިވުމަށް އެދޭ މާލޭ ސިޓީ ގައި ދިރިއުޅޭ އެމްޑީޕީ އަންހެން މެމްބަރުން 29 ސެޕްޓެމްބަރ 2015 ވާ އަންގާރަ ދުވަހުގެ ކުރިން 7412740 ނަންބަރު ފޯނަށް ފުރިހަމަ ނަމާއި މާލޭގައި ދިރިއުޅޭ އެޑްރެސް އެސްއެމްއެސް ކުރެއްވުން އެދެމެވެ.
އަދި 30 ސެޕްޓެމްބަރ އާއި 1 އަދި 4 އޮކްޓޫބަރުގައި މާލޭ ސިޓީގެ އަންހެނުންގެ ރޫހުގެ ލޮބީ ގްރޫޕްތަކަށް ބާއްވާ ވޯކްޝޮޕްތަކަށް ވަޑައިގެން އެ ގްރޫޕްގައި ރަޖިސްޓްރީ ވުން އެދެމެވެ.
އެގޮތުން 30 ސެޕްޓެމްބަރ ވާ ބުދަ ދުވަހުގައި ވޯކްޝޮޕް އޮންނާނީ ހުޅުހެންވޭރު، މެދުހެންވޭރު، ހެންވޭރު އުތުރު އަދި ހެންވޭރު ދެކުނުގައި ދިރިއުޅޭ މެމްބަރުންނަށެވެ.
އަދި 1 އޮކްޓޫބަރ 2015 ވާ ބުރާސްފަތިދުވަހުގައި ވޯކްޝޮޕް އޮންނާނީ ގަލޮޅު އުތުރާއި ގޮލޮޅު ދެކުނާއި މައްޗަންގޮޅި އުތުރާއި މައްޗަންގޮޅި ދެކުނުގައި ދިރިއުޅޭ މެމްބަރުންނަށެވެ.
އަދި 4 އޮކްޓޫބަރ 2015 ވާ އާދީއްތަ ދުވަހުގައި ވޯކްޝޮޕް އޮންނާނީ މާފަންނު އުތުރާއި، މާފަންނު ދެކުނާއި މާފަންނު މެދާއި މާފަންނު ހުޅަނގާއި ވިލިމާފަންނުގައި ދިރިއުޅޭ މެމްބަރުންނަށެވެ.
މި ވޯކްޝޮޕްތައް އޮންނާނީ މާފަންނު މާބްލް ހޮޓަލުގައެވެ.
އަންހެނުންގެ ރޫހުގެ ލޮބީ ގްރޫޕްތަކުގައި ބައިވެރިވުމަށް އެދޭ އައްޑޫ ސިޓީ އަދި ފުވަށްމުލަކުގައި ދިރިއުޅޭ އެމްޑީޕީ އަންހެން މެމްބަރުން 8 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ކުރިން 7412740 ނަންބަރު ފޯނަށް ފުރިހަމަ ނަމާއި ދިރިއުޅޭ އެޑްރެސް އެސްއެމްއެސް ކުރެއްވުން އެދެމެވެ.
އައްޑޫ ސިޓީ އާއި ފުވަށްމުލަކުގެ އަންހެނުންގެ ރޫހުގެ ލޮބީ ގްރޫޕްތަކުގައި މެމްބަރުން ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވަނީ މިކަން ހިމެނޭ ގޮތަށް ބާއްވާ ވޯކްޝޮޕްތަކުގައެވެ.
މި ވޯކްޝޮޕްތައް އޮކްޓޫބަރުމަހުގެ ތެރޭގައި އައްޑޫ ސިޓީގައާއި ފުވަށްމުލަކުގައި އޮންނާނެއެވެ.
މާލޭ ސިޓީއާއި އައްޑޫ ސިޓީއާއި ފުވަށްމުލަކުގައި އޮންނަ ވޯކްޝޮޕްތަކުގައި އަންހެނުންގެ ރޫހުގެ ލޮބީ ގްރޫޕްގެ ހިންގާ ކޮމެޓީތައްވެސް އިންތިޚާބުކުރެވޭނެއެވެ.
އަންހެނުންގެ ގްރޫޕްގެ ލޮބީ ގްރޫޕްތަކުގެ ހިންގާ ކޮމެޓީ އިންތިޚާބު ކުރުމަށް ބާއްވާ ވޯޓުގައި ބައިވެރިވެވޭނީ 27 ސެޕްޓެމްބަރ 2015 ގެ ނިޔަލަށް ޕާޓީގެ މެމްބަރުން ގޮތުގައި ހަމަޖެހިފައިވާ އަންހެނުންގެ ރޫހުގެ ލޮބީ ގްރޫޕްގެ މެމްބަރުންގެ ތެރެއިން އެކަމަށް ބާއްވާ ވޯކްޝޮޕަށް ހާޒިރުވާ އަންހެނުންނަށެވެ.
މާލެ ސިޓީއާއި އައްޑޫ ސިޓީއާއި ފުވަށްމުލަކު ފިޔަވައި އެހެން ދާއިރާތަކާއި ރަށްރަށާއި އަވަށްތަކުގައި އަންހެނުންގެ ރޫހުގެ ލޮބީ ގްރޫޕްތައް އުފައްދާނެ ތާރީޚުތައް ފަހުން އިއުލާންކުރެވޭނެއެވެ.
27 ސެޕްޓެމްބަރ 2015

އަންހެނުންގެ ރޫހުގެ ލޮބީ ގްރޫޕްއާ ބެހޭ އިތުރުމައުލޫމާތު ހޯއްދެވުމަށް މި ލިންކަށް ފިތާލާ

އަންހެނުންގެ ރޫހުގެ ލޮބީ ގްރޫޕްއާ ބެހޭ އިތުރުމައުލޫމާތު ހޯއްދެވުމަށް މި ލިންކަށް ފިތާލާ