އެމް.ޑީ.ޕީން ރޭ ބޭއްވި ތަރާވިސް ޙަފުލާގެ ތެރެއަށް ފުލުހުން ވަދެ ހިންގި ޣައިރު ޤާނޫނީ ޢަމަލު ކުށްވެރިކުރުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ފަރާތުން އިންތިޒާމުކޮށްގެން މި ޕާރޓީގެ މައި އޮފީސް ކުރިމަތީ ސޯސަން މަގުގައި ރޭ ބޭއްވި ތަރާވިސް ޙަފުލާއެއް ކުރިޔަށް ދަނިކޮށް އެތަނަށް ފުލުހުން ވަދެގަނެ ހިންގި ޣައިރު ޤާނޫނީ ޢަމަލު މި ޕާރޓީން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

އެމް.ޑީ.ޕީން ރޭގައި އެ ތަރާވިސް ޙަފުލާ ބާއްވާފައިވަނީ މީގެ ކުރިން ވެސް އެފަދަ ކަންކަމުގައި ފުލުހުންނަށް އަންގަމުން ގެންގޮސްފައިވާ ބީދާއިން އެކަމުގެ މަޢުލޫމާތު ފުލުހުންނަށް އެންގުމަށް ފަހުގައެވެ. އަދި އެ ތަރާވިސް ޙަފުލާ ބާއްވާފައިވަނީ އެއްވެސް ފަރާތަކަށް ދައްޗެއް ނުވަތަ އުނދަގުލެއް ނުވާގޮތަށް އަދި ދުއްވާ އެއްޗެއްސަށް ހުރަސް ނޭޅޭނޭ ގޮތުގެމަތިންނެވެ.

ނަމަވެސް ޙާލަތާ ނުބައްދަލު ގިނަ އަދަދެއްގެ ފުލުހުން އެ ތަރާވިސް ޙަފުލާގެ ތެރެއަށް ކުއްލިޔަކަށް ވަދެގަނެ، މޭޒުތައް މަތީގައި ބަހައްޓާފައިހުރި ކާބޯތަކެތި މަގުމައްޗަށް އަޅާލައި، މޭޒުތައް ނަގައިގަނެގެން ގެންގޮސް، އަދި އެތަނުގައި ތިބި މީހުންގެ ލޮލަށް ޕެޕަރ ސްޕްރޭ ޖަހައި، ބާރުވެރިކަން ދައްކައި، މިފަދަ ޣައިރު ޤާނޫނީ އަދި ދަށުދަރަޖައިގެ ޢަމަލު ހިންގާފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އެމް.ޑީ.ޕީން ބޭއްވި އެ ތަރާވިސް ޙަފުލާއާމެދު ފުލުހުން އެގޮތަށް ޢަމަލުކުރިއިރު، މި ސަރުކާރު ނިސްބަތްވާ ޕީ.ޕީ.އެމް އިން އެމް.ޑީ.ޕީ އޮފީސް ކުރިމަތީ ސޯސަން މަގު މެދުގައި ގޮނޑިޖަހައި މޭޒުފަތުރައިގެން މި ރަމަޟާން މަހު ބޭއްވި ތަރާވިސް ޙަފުލާއަށް ފުލުހުން އެއްވެސް ހުރަހެއް އަޅާފައި ނުވާކަމުން އެނގެނީ ފުލުހުން ޤާނޫނާ ޚިލާފަށް އެކި ފަރާތްތަކާމެދު ތަފާތުކުރުން ގެންގުޅޭ މިންވަރެވެ.

ފުލުހުން މިފަދަ ތަފާތުކުރުން ގެންގުޅެ، ޤާނޫނާ ޚިލާފު ޢަމަލުތައް މިހާ ފާޅުކަން ބޮޑުގޮތެއްގައި ހިންގަމުން ގެންދަނީ ރާއްޖޭގެ މިނިވަން މުވައްސަސާތަކުގެ ބާރުކެނޑި ނިކަމެތިވެފައިވާ މިންވަރުގެ ބޮޑުކަމުން، ނުވަތަ އެ މުވައްސަސާތައް ޤާނޫނާ ޚިލާފު އެޢަމަލުތައް ހިންގުމުގައި ބައިވެރިވެފައިވާ މިންވަރުގެ ބޮޑުކަމުންކަމުގައި ދެކެމެވެ.

ފުލުހުން ރޭގައި ހިންގި ޤާނޫނާ ޚިލާފު ދަށުދަރަޖައިގެ އެ ޢަމަލު ވަގުތުން ބަލައި ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާބެހޭ މުވައްސަސާތަކަށް މި ޕާރޓީން ގޮވައިލަމެވެ.

11 ޖުލައި 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް