ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ސިޔާސީކުރުން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ 2011 ވަނަ އަހަރު ވަކި ޤާނޫނެއްގެ ދަށުން އުފައްދައިގެން ހިންގަމުންގެންދަނިކޮށް، އެ ޔުނިވަރސިޓީގެ އެއްވެސް ބަހެއް ނެތި، ޔުނިވަރސިޓީގެ ޤާނޫނު އިޞްލާޙުކުރުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ. މި ބިލްގައި ވާގޮތުން، ޔުނިވަރސިޓީ ހިންގުމުގެ ހުރިހާ ބާރެއް މަތިކޮށްފައިވާ 13 މެންބަރުންގެ ޔުނިވަރސިޓީ ކައުންސިލްގައި މަޤާމުގެ ހައިސިއްޔަތުން ހިމެނިވަޑައިގަންނަވާ ޔުނިވަރސިޓީގެ ޗާންސެލަރާއި، ވައިސް ޗާންސެލަރާއި، ޑެޕިއުޓީ ވައިސް ޗާންސެލަރ (އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް)، އާއި ޑެޕިއުޓީ ވައިސް ޗާންސެލަރ (ރިސަރޗް އެންޑް އިނޮވޭޝަން)، އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މީގެ އިތުރުން ޔުނިވަރސިޓީގެ ބޭރުން ކައުންސިލްގައި ބައިވެރިވާ 5 މެންބަރުން ވެސް އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.

މިހާރު، ކައުންސިލަށް ޔުނިވަރސިޓީ ތެރެއިން ބައިވެރިވާ ހުރިހާ މެންބަރުންނަކީ އިންތިޚާބު ކުރެވޭ މީހުން. އަދި ބޭރުން ކައުންސިލްގައި ބައިވެރިވާ މީހުންނަކީ ވެސް ޢާންމުކޮށް އިޢުލާންކޮށްގެން ކުރިމަތިލާ މީހުންގެ ތެރެއިން، ކައުންސިލުން ކަނޑައަޅާ މިންގަނޑުތަކެއްގެ މައްޗަށް މިނިވަން ކޮމިޓީއަކުން ހޮވޭ މެންބަރުންނެވެ. ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަނީ ހަމައެކަނި ޗާންސެލަރއެވެ. ޗާންސެލަރގެ މައިގަނޑު މަސްއޫލިއްޔަތަކީ ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަން ޖެހޭ ކަންކަން ކުރެއްވުމެވެ. ކައުންސިލުން އެކަށައަޅާ ސިޔާސަތުތަކާ އެއްގޮތަށް ޔުނިވަރސިޓީ ހިންގަމުން ގެންދަވަނީ އިންތިޚާބުކުރެވިފައިވާ ވައިސް ޗާންސެލަރާއި ޑެޕިއުޓީ ވައިސް ޗާންސެލަރުންނެވެ. ޤައުމީ ޔުނިވަރސިޓީގެ ޤާނޫނު ބައްޓަން ކޮށްފައިވާނީ ތަހުޒީބު މުޖްތަމަޢު ތަކުގައިވެސް މިފަދަ ޔުނިވަރސިޓީތައް ހިންގާ ގޮތަށެވެ. ސިޔާސީ ނާޖާއިޒު ނުފޫޒުތަކުން އެއްކިބާ ވެގެން ސިޔާސީ އޮއިވަރުގައި ނުޖެހި ތެދުވެރިކަމާ މިނިވަންކަމާއެކު ޢިލްމީ މަސައްކަތް ކުރާ މުއައްސަސާ އެއްގެ ގޮތުގައި ހިންގުމަށެވެ. ވެރިކަން ބަދަލު ވިޔަސް ޢިލްމީ މަސައްކަތަށް ގުޑުން ނާރާ ހިނގަމުންދާނެ ފަންނީ ތަނެއްގެ ގޮތުގައި ހިންގުމަށެވެ.

އެހެންކަމުން، މިހާތަނަށް ޔުނިވަރސިޓީ ހިންގަމުންގެންގޮސްފައި ވަނީ ޔުނިވަރސިޓީ ޤާނޫނު ތަޞައްވަރުކޮށްފައިވާ މިނިވަންކަމާއި މުސްތަޤިއްލުކަން މަތީގައެވެ.
ޔުނިވަރސިޓީގެ ޤާނޫނަށް މިހާރު ހުށައަޅުއްވާފައިވާ އިސްލާޙު އެގޮތަށް ފާސްވެއްޖެނަމަ ޔުނިވަރސިޓީ ހިނގަމުންދާނީ ޔުނިވަރސިޓީއެއް ހިންގަންޖެހޭ ހަމަތަކާއި އުޞޫލުތަކާއި ޚިލާފަށް، އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އުފެއްދި ވިސްނުމާވެސް މުޅިން ޚީލާފަށް ސިޔާސީ މުއައްސަސާއެއްގެ ގޮތުގައެވެ.

ޔުނިވަރސިޓީގެ މިނިވަންކަމާއި މުސްތަޤިއްލުކަން ގެއްލި ސިޔާސީ ތަނަކަށް ޔުނިވަރސިޓީ ބަދަލުވެގެން ދިއުމުން ވަރަށް ގިނަ މައްސަލަތަކާ ކުރިމަތިވާނެއެވެ. އެކިއެކި ސިޔާސީ މީހުން ޔުނިވަރސިޓީއިން ވަޒީފާދީ، އަދި ބައެއް ފަރާތްތަކަށް ވަޒީފާއިން ވަކިކޮށް، އެކިއެކި ސިޔާސީ މަޤްޞަދުތައް ޙާޞިލުކުރުމަށް ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުންނާއި ވަސީލަތްތައް ނާޖާއިޒް ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެގެން ދާނެއެވެ. ކޯސްތައް އެކިއެކި ކެމްޕަސްތަކުގައި ފެށުމުގައާއި ނުފެށުމުގައި، ދަރިވަރުން ކޯސްތައް ހޮވުމުގައާއި ނުހޮވުމުގައި، ދަރިވަރުން މާއްދާތަކުން ފާސްކޮށްދިނުމުގައާއި ފާސްކޮށް ނުކުރުމުގައި، ސިޔާސީ ފިކުރު، ޢިލްމީ މިންކުރުމާ މަސްހުނިވާނެއެވެ. ޔުނިވަރސިޓީގެ އެންމެ މުހިންމު އެއް ޒިންމާއެއްކަމުގައިވާ ދިރާސާކުރުމާއި ދިރާސާކޮށްގެން އުފައްދާ މަޢުލޫމާތު/ޢިލްމު ޢާންމުކުރުމަށް ވަރަށް ބޮޑު ހުރަހެއް އެޅިގެން ދިއުމުގެ ފުރުޞަތު ބޮޑުވާނެއެވެ. އަދި ދިރާސާކުރުމަށް ސަރުކާރު ބޭނުންނުވާ ކަންކަން ދިރާސާ ނުކޮށް، ސަރުކާރު ބޭނުންވާ ކަންކަމާ ބެހޭގޮތުން ސަރުކާރު ބޭނުންވާ ގޮތަށް މަޢުލޫމާތު ފެތުރުމަށް (ޕްރޮޕަގެންޑާއަށް) ވަރަށް ބޮޑަށް މަގު ފަހިވެގެންދާނެެވެ.

ބުނެވި ދިޔަ ސަބަބު ތަކާހުރެ ޔުނިވަރސިޓީ ޤާނޫނަށް މި ހުށައަޅާފައިވާ އިސްލާޙުތަކާ މެދު މި ޕާޓީން ވަރަށް ބޮޑަށް ކަންބޮޑު ވެއެވެ. މި ބިލް އަނބުރާ ގެންދިއުމަށް މި ޕާޓީން ހަރު އަޑުން ސަރުކާރަށް ގޮވައިލަމެވެ. އަދި، އަންނަން އޮތް ޖީލުގެ މުސްތަޤުބަލަށްޓަކައި މި އިސްލާހުތައް މިގޮތަށް ފާސް ނުކުރެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ ޢިއްޒަތްތެރި މެންބަރުންނަށް ވެސް ގޮވައިލަމެވެ. މަތީ ތަޢިލީމުގައި މަސައްކަތްކުރައްވާ އެންމެހާ ފަރާތްތަކާއި މަތީ ތަޢުލީމު އުނގެނޭ އެންމެހާ ދަރިވަރުން މި ބިލް ފާސްކުރުމާ ދެކޮޅަށް އިހުތިޖާޖުކުރުމަށް ވެސް މި ޕާޓީން ގޮވައިލަމެވެ.